Roadha Mihaaru
ޔާމީން، ފަރުވާއަށް ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާދީފި

ޔާމީން، ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާދީފި

25 ފެބުރުއަރީ 2020

ރާއްޖެ އިން ލިބެން ނެތް ބައެއް ފަރުވާތައް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާއްޖެ އިން ބޭރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމަކުން ލަފާ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އިން ލިބެން ނެތް ބައެއް ފަރުވާތައް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާއްޖެ އިން ބޭރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމަކުން ލަފާ ދެއްވައިފި އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ޔާމީން، ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން މިދިޔަ ހަފުތާގައި ވަނީ ފަރުވާ ދީފަ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިމާރާތްކުރި 25 ބުރީގެ ދަރުމަވަންތް ހޮސްޕިޓަލުގައި، ބައެއް ޓެސްޓްތައް ވެސް ހެދި އެވެ.

ޔާމީން މިދިޔަ ހޮނިހިރު ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުން ޖަލަށް އަނބުރާ ގެންދިޔައީ، "މިހާރު"އަށް އެނގިފައިވާ ގޮތުގައި ރާއްޖެ އިން ލިބެން ނެތް ބައެއް ފަރުވާ ބޭރުން ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމުގެ ލިޔުމަކާ އެކުގަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާފުށީ ޖަލުގައި އެމަނިކުފާނާ އިއްޔެ ބައްދަލުކުރެއްވީ ޑޮކްޓަރުންގެ އެ ލަފަޔާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާށެވެ.

ބޭސްފަރުވާއާ ގުޅޭ ގޮތުން ޔާމީނާ ވާހަކަ ދެއްކެވި ކަމަށާއި އެމަނިކުފާނުގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސެވި ކަމަށް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުންގެ ލަފާ ވެސް ޔާމީންގެ އާއިލާއާ ހިއްސާކުރައްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ބޭރަށް ވަޑައިގަތުމަށް އިމްރާން ހުށަހެޅުއްވި ނަމަވެސް ޔާމީން އެކަމަށް އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ. ފަރުވާ އަށް ބޭރަށް ވަޑައިނުގެން އެމަނިކުފާނު ބޭނުންފުޅުވީ، ގެއަށް ބަދަލުވުމަށް ކަން އިތުބާރު ހުރި މަސްދަރަކުން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތާ އެކު އެމަނިކުފާނަށް އެކަނި އަދަބު ދެއްވައި، އެކަމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދުގައި ތިއްބެވުމަކީ ޔާމީނާއި ޕީޕީއެމްގެ ހިތްހަމަނުޖެހުން އޮތް މައްސަލައެކެވެ.

ޔާމީން ގެއަށް ބަދަލުކުރުމާ މެދު ސަރުކާރުން މިއަދު ހަވީރާ ހަމައަކަށް ގޮތެއް ނުނިންމަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީން ހައްޔަރުކޮށްފައި ހުރިއިރު އަދި އޭގެ ފަހުން އެމަނިކުފާނަށް ފަސް އަހަރުގެ ހުކުމެއް އިއްވައި ޖަލަށް ލީ ފަހުން ވެސް ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވާފައިވެ އެވެ.

ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދަވަން ޖެހޭ ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވަނީ ހައި ކޯޓުގައި ވެސް ވިދާޅުވެފަ އެވެ. އެ ފަހަރު ވިދާޅުވީ ހިތުގެ އިތުރުން ކަށީގެ މައްސަލައެއްގައި ވެސް ބޭރުން އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.

ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް މަރުހަލާގައި އެމަނިކުފާނު ވަނީ ސިއްހީ މައްސަލަތަކެއްގެ ވާހަކަ ވިދާޅުވެފަ އެވެ. ރާއްޖެ އިން ފަރުވާ ލިބެން ނެތް ސިއްހީ މައްސަލަތަކެއް ހުރި ކަމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ފާހަގަކޮށްފައިވީ ނަމަވެސް އެ ކަންކަމުގައި އަމަލުކުރަންޖެހޭ އިޖްރާއާތުތައް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހުރި ގަވާއިދުތަކުގައި އެބަހުރި ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ވިދާޅުވި އެވެ.