ކޮވިޑް-19 ރާއްޖޭން ފެނިފައި ވާތީ މިއީ އެންމެން އެއްބައިވަންތަ ވާންވީ ވަގުތު ކަމަށާއި އެކަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރަން ޖެހޭ ކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
08 މާޗް 2020
ކޮވިޑް-19 ރާއްޖޭން ފެނިފައި ވާތީ މިއީ އެންމެން އެއްބައިވަންތަ ވާންވީ ވަގުތު ކަމަށާއި އެކަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރަން ޖެހޭ ކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ކޮވިޑް-19 ރާއްޖޭން ފެނިފައިވަނިކޮށް މިއަދު ރައީސް ޔާމީން އަނެއްކާވެސް ޕޮލިހަށް ހާޒިރުކުރާ ކަމަށާއި އެއީ އިހުސާންތެރިކަމަށް ވުރެ އަނިޔާވެރިކަން އިސްކުރުން ކަމަށެވެ. އޭގެ ބަދަލުގައި ގައުމީ އެއްބައިވަންތަކަން އިސްކުރުމަށްޓަކައި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އަދުރޭ އެދިވަޑައިގަތެވެ.
"ރައީސް ސޯލިހަށް ގޮވާލަން މިއީ ގައުމުގައި އެއްބައިވަންތަކަން ގާއިމްކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކޭ. މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާށޭ. އަދި ނަމޫނާ ދެއްކެމުގެ ގޮތުން މިވަގުތު ދިވެހި ރާއްޖޭގެ އިދިކޮޅު ލީޑަރު ޖަލުގައި ހުރި ހުރުމަށް ނިމުމެއް ގެންނަވާ އެ މަނިކުފާނު މިހާރުން މިހާރަށް ގެޔަށް ބަދަލު ކޮށްދެއްވާށޭ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި 2004 ވަނަ އަހަރު ސުނާމީ ކާރިސާ ކުރިމަތިވުމުން ވެސް އޭރު ޖަލުގައި ތިބި ސިޔާސީ މީހުން އޭރުގެ ސަރުކާރުން މިނިވަންކުރި އެވެ. އެގޮތުން އޭރު ޖަލުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ބޭބޭފުޅުން މިނިވަން ކުރުމުން އެ ކާރިސާ އިން އަރައިގަތުމަށް އެ ބޭފުޅުންގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމް މިފަދަ ކަންކަމާ ގުޅިގެން ގައުމަށް ދެއްކެވި ނަމޫނާ މަނިކުފާން [ރައީސް އިބްރާހިމް މުހައްމަދު ސޯލިހް]ވެސް ދައްކަވައި ދެއްވާ،" އަދުރޭ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ހުރިއިރު ރައީސް ޔާމީން ގެއަށް ބަދަލު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އީރާން ފަދަ ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމުން އެ ގައުމުގެ ޖަލުތަކުގައި ތިބި މީހުން މިނިވަންކުރަން ފަށާފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ކޮވިޑް-19 ރާއްޖޭން ފެނުނުކަން ރޭ އިއުލާން ކުރުމާ އެކު މިކަމުގައި ސަރުކާރުން އަމަލުކުރާ ގޮތްތަކަށް އިދިކޮޅު ދެ ޕާޓީގެ އެއްބާރުލުން ދޭނެކަން ވާނީ މެސެޖަކުން އަންގާފައި ކަމަށެވެ.
މިކަމުން އަރައިގަތުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން އަމަލު ކުރުމަށް ވެސް އަދުރޭ އިލްތިމާސްކޮށްފި އެވެ.
ކޮވިޑް-19 ގެ ކަންތަކުގައި ސަރުކާރުން އަމަލުކުރާގޮތަށް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މިކަމަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ބާރު ސްޕީޑެއްގައި އެ ބަލި ފެތުރެމުންދާ އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކުރީ މާ ފަހުން ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އެ ބައްޔަށް ކިރިޔާ ވެސް ޝައްކު ކުރެވޭ މީހެއް ފެނިއްޖެ ނަމަ އެކަހެރިކޮށް އަންނަނީ ޓެސްޓްތައް ކުރަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެކަމަށް ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް
ޔާމީނަށް އަމިއްލަފުޅަށް ހިންގަވަން ދަތި: އިދިކޮޅު
ޔާމީންގެ ސިއްހީ ހާލަތު ދެރަ: އަދުރޭ
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން ސުޕްރީމްކޯޓަށް
ޔާމީންގެ ސަޕޯޓަރުން ޝަކުވާކުރާތީ ޖަމީލް ރުޅިގަދަވެއްޖެ!
ޔާމީންގެ މައްސަލަ ރަޖިސްޓަރީ ނުކުރޭ، ކަންބޮޑުވުން!
ޔާމީންގެ ހުކުމް އަވަސްކުރީ ސަރުކާރުގެ ނުފޫޒުން: އިދިކޮޅު
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު