Roadha Mihaaru
މައިކްރޮސޮފްޓް އެޖް ރައްކާތެރިއެއް ނޫން

މައިކްރޮސޮފްޓް އެޖް ރައްކާތެރި ނޫން ކަމަށް ގޫގުލުން ބުނެފި

28 ފެބުރުއަރީ 2020

މައިކްރޮސޮފްޓުން އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލައިފި އެވެ. އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލައި، މައިކްރޮސޮފްޓް އެޖް ބްރައުޒާ އަށް ބަދަލުވުމަށް، އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ ކިބައިން ވަނީ އެދިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓުން އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލައިފި އެވެ. އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލައި، މައިކްރޮސޮފްޓް އެޖް ބްރައުޒާ އަށް ބަދަލުވުމަށް، އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ ކިބައިން ވަނީ އެދިފަ އެވެ.

މައިކްރޮސޮފްޓް އެޖަކީ ޒަމާނީ ބްރައުޒާއެކެވެ. ގޫގުލް ކްރޯމް، މޮޒިއްލާ ފަޔާފޮކޮސް، ވިވާލްޑީ އަދި ބްރޭވް ފަދައިންނެވެ. މި ހުރިހާ ބްރައުޒާއެއްގެ އަސާސަކީ ހަމަ އެއް ބިންގަލެކެވެ. އެހެންކަމުން، ވަކި ބްރައުޒާއެއް ރައްކާތެރިވެފައި، ވަކި ބްރައުޒާއެއް ނުރައްކާތެރި ކަމަށް ބުނާއިރު، މި ބުނެވޭ އެއްޗަކާ މެދު ވިސްނާލަން ޖެހެ އެވެ. ގޫގުލުން ވިސްނަން ބޭނުން ނޫން ނަމަ، ބްރައުޒާތައް ބޭނުންކުރާ މީހުން ވިސްނާނީ އެވެ.

ގޫގުލް ކްރޯމް ބްރައުޒާގައި ބޭނުންކުރެވޭ ގޮތަށް ވަރަށް ގިނަ "އެކްސްޓެންޝަން"ތައް ހުރެ އެވެ. މި "އެޑްއޮން" ނުވަވަ "އެސްޓެންޝަންތައް" ބިނާކޮށްފައި ވަނީ "ކްރޯމިއަމް" ކޯޑް އިންޖީނަށެވެ. މި ލިޔުމުގައި ކުރިން ބުނެވުނު ހުރިހާ ބްރައްުޒާއެއްގެ އަސާސަކީ "ކްރޯމިއަމް ކޯޑް" އެވެ. އެހެންކަމުން، ކްރޯމްގައި މަސައްކަތްކުރާ ގޮތަށް ނުވަތަ ބޭނުންކުރެވޭ ގޮތަށް އުފައްދާ އެކްސްޓެންޝަންތައް، އެ ހުރިހާ ބްރައުޒާއެއްގައި ވެސް ބޭނުންކުރެވެ އެވެ.

ކްރޯމް އެކްސްޓެންޝަންތައް، މައިކްރޮސޮފްޓް އެޖް ބްރައުޒާގައި ބޭނުންކުރެވޭ ގޮތް ހެދުމަށް، ގޫގުލް އިން ވެސް އެހީތެރިވި އެވެ. ގޫގުލްގެ ޑިވެލޮޕަރުން އަމަލީ ގޮތުން ބައިވެރި ވި އެވެ. އެހެން ނަމަވެސް، ކްރޯމް މާކެޓުން އެކްސްޓެންޝަނެއް އެޖް އަށް ބްރައުޒާ އަށް "އިންސްޓޯލްކުރަން" އުޅޭއިރަށް، އިންޒާރީ މެސެޖަކުން ސްކްރީން ފުރާލަ އެވެ. "އެކްސްޓެންޝަންތައް ރައްކާތެރިކަމާ އެކު ބޭނުންކުރުމަށްޓަކައި، ކްރޯމް އަށް ބަދަލުވުމަށް ގޫގުލް އިރުޝާދު ދޭ" ކަމަށް ބުނެ އެވެ.

ގޫގުލުން ހަގީގަތުގައި އެ ބުނަނީ ކްރޯމް އެކްސްޓެންޝަންތައް، ކްރޯމް ބްރައުޒާ ނޫން އެހެން ބްރައުޒާއެއްގައި ބޭނުންކުރުމަކީ ގޫގުލުން ރުހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ބޭނުންކުރާ މީހުންނަށް ހީވަނީ، މައިކްރޮސޮފްޓް އެޖް ބްރައުޒާ އަކީ ރައްކާތެރި ބްރައުޒާއެއް ނޫން ކަމަށެވެ. އެންމެ ރައްކާތެރި ބްރައުޒާ އަކީ ކްރޯމް ކަމަށެވެ. މިއީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. ބޮޑު ދޮގެކެވެ.

އިންޓަނެޓް ބްރައުޒްކުރަން ބޭނުންކުރެވޭ ބްރައުޒާތައް "ކްރޯމިއަމް ކޯޑް" އަށް ބަދަލުކުރުމުން، ބްރައުޒާތަކުގެ މެދުގައި ވާދަވެރިކަމެއް އުފެދުނީ އެވެ. ގޫގުލް އަށް ބާރު އޮންނަ މާކެޓަކުން އެހެން ބްރައުޒާއަކަށް "އެޕްލިކޭޝަން"އެއް އިންސްޓޯލްކުރަން އުޅުމުން ދޭ ނުބައި މެސެޖުން ނުބައި މާނައެއް ނަގައި، މައިކްރޮސޮފްޓަށް ވެސް ޖެއްސުން ކުރެވެން އެބަ އޮތެވެ. އެއީ ވިންޑޯޒް ގައި ބޭނުންކުރެވޭ ވަރަށް ވުރެ ކްރޯމް އަކީ ބަލިކަށި ބްރައުޒާއެއް ކަމަށް، ވިންޑޯޒް ބޭނުންކުރާހާ ބަޔަކަށް ބުނެދިނުމެވެ.