Roadha Mihaaru
ކައުންސިލަރުން ދެބަސްވެ ބައްދަލުވުން ހުއްޓާލައިފި

ކައުންސިލަރުން ދެބަސްވެ މާލޭގެ ރައްޔިތުންގެ ބައްދަލުވުން ހުއްޓާލައިފި

28 ފެބުރުއަރީ 2020

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ ރައްޔިތުންނާ އެކު، މިރޭ ބޭއްވި ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ދެބަސްވުމުގެ ސަބަބުން ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ ރައްޔިތުންނާ އެކު، މިރޭ ބޭއްވި ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ދެބަސްވުމުގެ ސަބަބުން ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

އިސްކަންދަރު ސްކޫލްގައި މިރޭ 8:30 ގައި ފެށި ބައްދަލުވުން 10 ޖަހާކަންހާއިރު ނިންމާލިކަން މާލޭގެ މޭޔަރު ޝިފާ މުހައްމަދު އިއުލާން ކުރެއްވީ، އޭނާ އާއި ކައުންސިލަރު މުހައްމަދު ފަޒީންއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމަކާ ހެދި އެވެ.

އާއްމުންގެ ހިޔާލަށް ހުޅުވައިލުމުން، ވާހަކަ ދެއްކި މީހަކު އެދުނީ، ކުރާ ސުވާލުތަކަށް ޝިފާގެ އިތުރުން ކައުންސިލްގެ އެހެން މެމްބަރުން ވެސް ޖަވާބު ދެއްވުމަށެވެ. އެކަމަކު، ޝިފާ ވިދާޅުވީ ކައުންސިލަރުންގެ ފަރާތުން ވެސް ޖަވާބު ދެއްވާނީ ސީދާ އޭނާ ކަމަށެވެ. ޝިފާގެ އެ ނިންމެވުމާ އެކު، އެ ހިސާބުން މައްސަލަ ގޯސްވީ އެވެ.

އެގޮތަށް ޝިފާ ވިދާޅުވުމުން، ފަޒީން ހެއްދެވި ގޮތަކީ އާއްމުން ހިޔާލުފާޅު ކުރަން ހާއްސަ ކޮށްފައިވާ މައިކް ބޭނުންކޮށްގެން ވާހަކަ ދެއްކެވުމަށް މަސައްކަތް ކުރެއްވީ އެވެ. އެކަން ނުކުރެއްވުމަށް ޝިފާ އިލްތިމާސް ކުރެއްވުމުން ވެސް ފަޒީން ވާހަކަ ކުރިއަށް ގެންދެވި އެވެ. އެހެންވެ، އެކަމާ ހިތްހަމަޖެހިވަޑައިނުގެން، އެންމެ ފަހުން ޝިފާ އިއުލާން ކުރެއްވީ ބައެއް ކައުންސިލަރުން ހުރަސް އެޅުއްވުމުން އެ ބައްދަލުވުން ނިންމައިލެއްވީ ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި ސިޓީ ކައުންސިލްގެ މެމްބަރުން: ބައްދަލުވުން ނިންމާލަން ޖެހުނީ މެމްބަރުން ދެބަސްވުމުން-- ފޮޓޯ: އަހުމަދު އަވްޝަން

ބައްދަލުވުމުގައި ބައިވެރިވި ސިޓީ ކައުންސިލްގެ މެމްބަރުން: ބައްދަލުވުން ނިންމާލަން ޖެހުނީ މެމްބަރުން ދެބަސްވުމުން-- ފޮޓޯ: އަހުމަދު އަވްޝަން

ޝިފާއާ ހިޔާލު ތަފާތުވާ މެމްބަރުންތަކެއް އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އެ ކައުންސިލްގައި ތިއްބަވަ އެވެ. އެންމެ ފަހުން ބޭއްވި އެ ސިޓީ ކައުންސިލްގެ ބައްދަލުވުން ވެސް ނިންމާލާފައި ވަނީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވިގެންނެވެ. ޝިފާއާ ހިޔާލު ތަފާތު މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ލޮނުޒިޔާރަތްކޮޅުގައި ތަރައްގީ ކުރާ ޕާކް ފަދަ މަޝްރޫތައް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށެވެ.

ރައްޔިތުން ކަންބޮޑުވުންތައް ހުށަހެޅި

ލިބުނު ވަގުތުގެ ތެރޭގައި 10 ވަރަކަށް އާއްމުން އެ މީހުންގެ ޝުއޫރު ފާޅުކުރިއިރު، މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. މާލޭގައި އިމާރާތްކުރާ ފްލެޓްތަކުން މާލޭގެ ރައްޔިތުންނަށް ފުރުސަތު ނުލިބޭ ކަމަށް އެ މީހުން ބުންޏެވެ.

އާއްމުންގެ މީހަކު ކަންބޮޑުވުންތައް ހުށަހަޅަނީ: ބައްދަލުވުން ނިންމާލީ ކައުންސިލަރުންގެ މެދުގައި ދެބަސް ވެގެން-- ފޮޓޯ: އަހުމަދު އަވްޝަން

އާއްމުންގެ މީހަކު ކަންބޮޑުވުންތައް ހުށަހަޅަނީ: ބައްދަލުވުން ނިންމާލީ ކައުންސިލަރުންގެ މެދުގައި ދެބަސް ވެގެން-- ފޮޓޯ: އަހުމަދު އަވްޝަން

"މާލޭ މީހުން އުޅޭ ހާލު ފެނި ލޮލުން ކަރުނަ އާދޭ. މީހުންނާ ނީނދެވިފައި މީހުން އެބަތިބި. އެހެން ރަށްރަށުގެ ރައްޔިތުންނަށް ވުރެ މާ ހާލުގައި މާލޭ ރައްޔިތުން ތިބީ،" ހިޔާލު ފާޅު ކުރި އަންހެނަކު ބުންޏެވެ.

ބައެއް ޝުއޫރުތައް:

* ހިއްކި ބިންތައް ވިޔަފާރި ކުންފުނިތަކަށް ދޭއިރު ރައްޔިތުން ތިބީ ޒަރޫރީ ބޭނުންތައް ނުފުއްދި.

* އެތައް ބަޔަކާ އެކު ދިރިއުޅެން ޖެހެނީ ކުދި ގޮޅިތަކުގައި.

* ފްލެޓް ދޭއިރު މާލޭގެ ރައްޔިތުންނަށް އިސްކަންދޭ އުސޫލެއް ނެތް.

* މާލެ އަށް އުފަން، އެކަމަކު ވަންނާނެ ތަނެއް ނެތް އެތައް ބަޔަކު އެބަތިބި.

* ވެށިފަހި މާލެ ޕްރޮގްރާމުން ފްލެޓް ލިބޭނެކަން އެންގިތާ ނުވަ އަހަރުވީއިރު ފްލެޓެއް ނުލިބޭ.

އެ ހުށަހެޅުން ތަކާ ގުޅިގެން، މޭޔަރު ޝިފާ ވަނީ އެ ކަންކަން ހައްލުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަރަށް ހާލުގައި އުޅޭ ކަމަށް ބުނި ބައެއް އާއްމުންގެ ނަމްބަރު ނަންގަވައި އެ މީހުންނަށް ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.