Roadha Mihaaru
މާލޭގެ މޭޔަރު ކަމަށް ޝިފާ ކުރިމަތިލައްވަނީ

މާލޭގެ މޭޔަރު ކަމަށް ޝިފާ ކުރިމަތިލައްވަނީ

21 މެއި 2017

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޝިފާ މުހައްމަދު، މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޝިފާ މުހައްމަދު، މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުގައި މިހާރު ހުންނެވި ޝިފާ، މޭޔަރު ކަމަށް އިންތިޚާބުވެއްޖެ ނަމަ އޭނާ ވެގެންދާނީ އެ މަގާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާ އަށެވެ.

މޭޔަރާއި ޑެޕިއުޓީ މޭޔަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރަނީ ސިޓީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ފަހަރުގެ ލޯކަލް އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުން ހުވާ ކުރައްވާނީ އަންނަ މަހުގެ ތިންވަަ ދުވަހު އެވެ. އެއަށް ފަހު މާލޭގެ އިތުރުން އައްޑޫ އަދި ފުވައްމުލަކަށް މޭޔަރާއި ޑެޕިއުޓީ މޭޔަރުން އަދި ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން އެ ދުވަހު އިންތިޚާބު ކުރާނެ ކަމަށް ބެލެވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި ޝިފާ "މިހާރު" އަށް މިއަދު ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތައް ވަރަށް ކައިރިން ފެނިވަޑައިގެންފައި ވާތީ އާއި ސަރުކާރުގެ ތެރޭގައި ކައުންސިލަށް ހުރި ގޮންޖެހުންތައް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މޭޔަރުކަން ލިބިވަޑައިގެންފިނަމަ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ އެވެ. އަދި ވިދާޅުވީ ސަރުކާރުން ވެސް ގޮތްދޫނުކުރުން ދޫކޮށްލައި، މިހާރު ރައްޔިތުންގެ އަޑު އަހަންޖެހޭ ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް ޝިފާ ކުރިމަތިލައްވަން ނިންމެވިއިރު، ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދެ ވަނަ ދައުރަކަށް އެ ގޮނޑި ދިފާއުކުރައްވާފައިވާ ޝަމާއު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަމުގެ ދެ ވަނަ ދައުރުގެ ހުވާ ކުރެއްވުމަށް ފަހު، އާންމުންނާ ބައްދަލުކުރައްވަން ގޭގެއަށް ވަޑައިގަންނަވާނެ ކަމަށާއި ދިމާވާ ގޮންޖެހުންތައް ބައްލަވައި ކަމާބެހޭ އިދާރާތްތަކުގެ ސަމާލުކަމަށް އެކަން ގެންނަވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

"މަގާމާ ހަވާލުވެ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގޭގެ އަށް ޒިޔާރަތްކޮށް، އެބޭފުޅުންނަށް ދިމާވާ ގޮންޖެހުންތައް ބަލާނަން. އަދި އެ ކަންތައްތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނަން،" އެމްޑީޕީގެ އިސް މެމްބަރު ޝިފާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އަތުން ސަރުކާރުން ބާރުތައް ނަގައި، މިހާރު އެއީ ހަމައެކަނި އުފަންވާ ކުދިންގެ ދަފްތަރު ބަލަހައްޓަމުން އަންނަ އިދާރާއެކެވެ.

ޝިފާ ވިދާޅުވީ ރައްޔިތުންނަށް ފުރިހަމަކަމާއެކު މަސައްކަތް ކުރާނެ މާހައުލެއް ގާއިމްކޮށްދޭން ޖެހޭ ކަމަށާއި ކައުންސިލްގެ ބާރުތައް ނެގީ، ކައުންސިލަށް ވަކި ކަމެއް ނުކުރެވިގެން ނޫން ކަމަށެވެ.

ސިޔާސީ ވިސްނުން ތަފާތުވީ ކަމުގައި ވިޔަސް ސަރުކާރުން ކުރަމުން އަންނަ ތަރައްގީގެ އެއްވެސް މަސައްކަތަކަށް ހުރަސް ނާޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި ކާމިޔާބުކުރީ އެމްޑީޕީ އެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ކޯލިޝަނަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. އެކަމަކު މާލޭގެ ހުރިހާ ދާއިރާއަކަށް ޕީޕީއެމުން ވާދަކުރި ނަމަވެސް އެ ޕާޓީ އަށް ވަނީ މާލެ އިން ވެސް ބޮޑު ބައްޔަކުން ބަލިވެފަ އެވެ.