Roadha Mihaaru
ޕީޕީއެމް ޖަލްސާގައި ފެނުނީ މަރުކަޒީ ވިސްނުން: އެމްޑީޕީ

ޕީޕީއެމްގެ މަރުކަޒީ ޖަލްސާއަކުން އަދަދު ގިނަވިޔަސް ކަންބޮޑެއް ނުވޭ: އެމްޑީޕީ

01 މާޗް 2020

އެމްޑީޕީގެ ފިކުރަކީ އަދި ވިސްނުމަކީ ކައުންސިލްތަަކަށް ބާރުވެރިކަން ދޫކޮށްލައި ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި އެއާޚިލާފަށް ރަށްރަށުގައި ތިބި މީހުން މާލެ އަށް ޖަމާކޮށް ޕީޕީއެމުން މާލޭގައި މަރުކަޒީ ޖަލްސާއެއް ބޭއްވިއަސް ކަންބޮޑުވުމެއް ނެތް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ފިކުރަކީ އަދި ވިސްނުމަކީ ކައުންސިލްތަަކަށް ބާރުވެރިކަން ދޫކޮށްލައި ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި އެއާޚިލާފަށް ރަށްރަށުގައި ތިބި މީހުން މާލެ އަށް ޖަމާކޮށް ޕީޕީއެމުން މާލޭގައި މަރުކަޒީ ޖަލްސާއެއް ބޭއްވިއަސް ކަންބޮޑުވުމެއް ނެތް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އަންނަ މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެމްޕޭން ފެށުމަށް އެމްޑީޕީން ބޭއްވި ޖަލްސާ އަށް ލިބުނީ ފިނި ތަރުހީބެކެވެ. ޕީޕީއެމުން ބޭއްވި ޖަލްސާ އަށް ރާއްޖޭގެ ހުރިހާ ހިސާބަކުން މީހުން އައިސް ގޮނޑިތައް ފުރާލި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ މައި ސަރުކާރަށް ހުރިހާ ބާރުތައް ޖަމާކޮށްގެން ވެރިކަން ކުރުން ނޫން ކަމަށެވެ. ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށަން އެމްޑީޕީން މާލޭގައި ބޭއްވި ޖަލްސާގައި ވެސް ސާބިތުކޮށްދިނީ އެ ވައުދުގެ މަތީގައި އެ ޕާޓީ ދެމިއޮތުން ކަން ކަމަށް ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވި ގޮތުގައި އިދިކޮޅު ޕީޕީއެމުން ތަންފީޒުކުރަނީ އަދި ތާއީދުކުރާނީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް ކަން އެ ޕާޓީން ކެމްޕޭން ފެށި ޖަލްސާގައި ވެސް އެކި ބޭފުޅުން ވިދާޅުވަމުން ގެންދެވި އެވެ. މި ސިޔާސަތުތަކުގެ ތެރޭގައި، ލާމަރުކަޒީ ނިޒާމް ބަލައިނުގަންނަ ވިސްނުން ވެސް ތަންފީޒުކުރަމުންދާ ކަމަށާއި 2018 ގެ ރިޔާސީ އިންތިޚާބުގެ ރިޔާސީ ބަހުސްގެ ތެރޭގައި އެ ވާހަކަފުޅު ޔާމީން ވިދާޅުވި ކަމަށް އަފްޝަން ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކީ ރާއްޖެ އަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް އެމަނިކުފާނާ އަމާޒުކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވިކަން އަފްޝަން ފާހަަގަކުރެއްވި އެވެ.

"ޕީޕީއެމްގެ ކެމްޕޭން ލޯންޗިން ޖަލްސާގައި ވެސް އަޅުގަނޑުމެންނަށް ފެނުނީ އެ މަންޒަރު. އެ ޖަލްސާ ބޭއްވީ ވަރަށް މަރުކަޒީކޮށް. އެ ބޭފުޅުން ވިދާޅުވި ގޮތުގައި، އެ ބޭފުޅުން ރާއްޖޭގެ އެކި ހިސާބުތަކުން މީހުން އެއްކުރައްވައި އަދި އަވަށްޓެރި ގައުމުތަކުން ވެސް މީހުން ގެނެސްފައި ވަނީ،" އަފްޝަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަމަކާ އެއްގޮތަކަށް ވެސް ކަންބޮޑެއް ނުވޭ."

އެމްޑީޕީގެ ޖަލްސާ ކުރިއަށް ދިޔައިރު ގިނަ ގޮނޑިތަކެއް ހުހަށް.

އެމްޑީޕީގެ ޖަލްސާ ކުރިއަށް ދިޔައިރު ގިނަ ގޮނޑިތަކެއް ހުހަށް.

ޕީޕީއެމާއި އެމްޑީޕީ ޖަލްސާގެ ތަފާތު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ކެމްޕޭން ޖަލްސާ ވެސް ބޭއްވީ ލާމަރުކަޒުކޮށެވެ. މާލެ އަށް އެންމެން ޖަމާކުރުމުގެ ބަދަލުގައި، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެކި ޓީމުތައް ރަށްތަކަށް ގޮސް އެ ރަށެއްގައި ރައްޔިތުން ބައިވެރިކުރުވި ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ޖަލްސާ 108 ރަށުގައި ލައިވް ޓެލެކާސްޓްކުރި ކަމަށެވެ.

އެމްޑީޕީން ބޭއްވި ޖަލްސާ އަށް ފިނި ތަރުހީބެއް ލިބުނު ސަބަބާ ގުޅޭ ގޮތުން އަފްޝަން ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި މާލޭގައި 15،000 މީހުން ތިބި އިރު އެ ޖަލްސާ އިން އަދަދު ނުފެނުނީ މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އެކަން ވަރަށް ސާފުކޮށް އެމްޑީޕީ އޮޅުންފިލުވައި، ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ނުގެނެވުނީ ވެސް ޔާމީންގެ ސަރުކާރުގައި ހުރިހާ ބާރުތަކެއް ހައުސިން މިނިސްޓްރީ އަށް ނަގައި ކައުންސިލްގެ ބާރު ކަނޑުވާލުމުންނެވެ. ކައުންސިލްގެ ދައުރު އަދާނުކުރެވުނީ، އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް އެ ކައުންސިލަށް ކުރިމަތިކުރުވި ފިއްތުންތަކާ ހެދި އެވެ.

ބާރުތައް ދޫކޮށްލައި ލާމަރުކަޒީ ވައުދު ފުއްދައިފިން

އަފްޝަން ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ ނޯންނަ ގޮތަކަށް، މި ސަރުކާރުގެ ނިންމުންތަކެއް ނުނިންމާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ކެމްޕޭންގެ ހުރިހާ ހަރަކާތެއް ހިންގާނީ ލާމަރުކަޒީކޮށް ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ދަންނަވާ ވާހަކައަކީ އެމްޑީޕީން މިއައީ ލާމަރުކަޒީ ނިޒާމް ފުރިހަމަކުރާށޭ. އެ ނިޒާމް ފުރިހަމައަށް ތަންފީޒުކޮށް ރައްޔިތުންނާ ގާތަށް ވެރިކަން ގެންދާށޭ،" އަފްޝަން ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ވައުދުތައް ނުފުދި ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ޕީޕީއެމުން ބުނާއިރު ފަސް އަހަރުގެ ތެރޭގައި އެ ޕާޓީން ރައްޔިތުންގެ ހައްގުގައި ކުރީ ކޮން ކަމެއްތޯ އަފްޝަން ސުވާލު އުފެއްދެވި އެވެ. ބޯހިޔާވަހިކަމަށް ބެލިއަސް އެއްވެސް ރަށެއްގައި އާ ފްލެޓްތަކެއް އިމާރާތްކޮށްދީފައި ނުވާ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އިމާރާތްކުރި ފްލެޓްތައް ވެސް ބަހާލި މީހުންގެ ތެރޭގައި 90 ޕޮއިންޓް ލިބިފައި ތިބި މީހުން ބާކީކޮށް 50 ޕޮއިންޓް ލިބުނު މީހުން ހިމެނޭ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.

އެއާއެކު، ވިދާޅުވީ އެއް އާއިލާއަކުން ގާތްގަނޑަކަށް 30 މީހުންނަށް، އިންސާފުން ބޭރުން ފްލެޓް ދީފައިވާ ކަމަށެވެ. މިއީ ވެރިކަމުގައި ތިބެ ރައްޔިތުގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި މި އަމަލުތަކާ މެދު ޕީޕީއެމްގެ އިސް ބޭފުޅުން ލަދުވެތިވާން ޖެހޭނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކުރިން ހިފެހެއްޓި އެތައް ބާރުތަކެއް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމުން ލިބޭނެ ފައިދާތައް ވެސް ވިދާޅުވެދެއްވި އެވެ. މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ލޭންޑް ޔޫސް ޕްލޭނެވެ.

ކުރިން ނަމަ، އެ ޕްލޭން ހެދުމާއި ފާސްކުރުން ވެސް އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން ވެސް މި ސަރުކާރުން ބަދަލުކޮށް މަޝްރޫއުތައް ހިންގުމުގައި ފަސޭހަތަކެއް ހޯދައިދީފައިވާ ކަމަށެވެ. އެމްޑީޕީން ވައުދުވެފައިވާ ގޮތަށް ލާމަރުކަޒީ ނިޒާމް ފުރިހަމަކޮށް، މި އިންތިޚާބުގައި ވެރިކަމުގެ ބާރުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން، "ރަށްވެހި ފަތިސް" ފަށަން އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާ--. ފޮޓޯ: ނިޝާން އަލީ/މިހާރު

އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން، "ރަށްވެހި ފަތިސް" ފަށަން އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް ރައްޔިތުންނަށް ބާރުތައް ދޫކޮށްލީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ކުރި އިތުބާރާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނުމުން ކަން އަފްޝަން ފާހަގަކުރެއްވި އެވެ. އެޖެންޑާ 19 ގައި އިއުލާންކުރި އެހެން ކަންކަން ވެސް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

ދެއްކުންތެރިއެއް ނޫން، މަޝްރޫއުތައް އެބަ ހިނގާ

މި ސަރުކާރުން އާ އެއްވެސް މަޝްރޫއެއް ނުހިންގާ ކަމުގެ ފާޑުކިއުންތަކަށް ވެސް އަފްޝަން ރައްދު ދެއްވި އެވެ.

އޭނާ ވިދާޅުވީ ޔާމީންގެ ސަރުކާރުގައި މަޝްރޫއުތައް އިއުލާންކުރުމާއި ބިންގާ އެޅުން ފަދަ ކަންކަމުގައި ގެންގުޅުނުހާ ދެއްކުންތެރިކަމެއް މި ސަރުކާރަކުން ނުގެންގުޅޭ ކަމަށެވެ. އޭރު ތަނެއްގައި ވަށާ ފާރެއް ރޭނިއަސް ގޮނޑި މޭޒު ބެހެއްޓިއަސް ބޮޑު ރަސްމިއްޔާތެއް ބާއްވައި އިއުލާންކުރަން ބަޖެޓުން އެތައް ފައިސާއެއް ބޭކާރު ކުރާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަސްމިއްޔާތުތަކަށް ސިވިލް ސާވިސްގެ މުވައްޒަފުން ދާން މަޖުބޫރުކޮށް، ސްކޫލް ކުދިންނާއި ރަށުގެ އެންމެން މަރުހަބާ އަށް ނެރެ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރަކުން އެ ކަމެއް ނުކުރާނެ. އޭގެ މާނައަކީ މަޝްރޫއުތައް ނުހިންގައެކޭ ނޫން. ރައީސް އޮފީހުގެ ޓުވިޓާ އެކައުންޓް ބައްލަވާލެއްވީމަ މަޝްރޫއުތައް ހިނގާ މިންވަރު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ ލާމަރުކަޒީ ވިސްނުން ގަބޫލުނުކުރާ، ހިންގަން ނުދަންނަ ބައަކަށް ފުރުސަތު ދިނުމުން ލިބޭނީ ގެއްލުން ކަމަށެވެ. ކައުންސިލްތަކަށް އިންތިޚާބުކުރަން ޖެހޭނީ ނިޒާމަށް ތާއީދުކުރާ، ލާމަރުކަޒުކޮށް ކައުންސިލްތައް ހިންގައި ރަށާއި އަތޮޅުގެ ތަރައްގީ އަށް ސަރުކާރާ އެކު ތަރައްގީ ހޯދައިދެވޭނެ ބައަކަށް ކަަމަށް ވިދާޅުވި އެވެ.