މާބަނޑުވުމުން ޑޮކްޓަރު ދިން ފޯލިކް އެސިޑް ގަވައިދުން ބޭނުން ކުރިން ހެއްޔެވެ؟ ނޫނީ ވެކްސިން ހަމައަށް ޖެހިން ހެއްޔެވެ؟ އުޅޭ މާހައުލު، ސިނގިރޭޓުގެ ދުމުން ތަޣައްޔަރު ވެފައިވާއިރު، ފައިދާ ހުރި ކާއެއްޗެހި ބޭނުން ކުރަން ސަމާލުކަން ދެވުނީ ކިހާ ވަރަކަށް ހެއްޔެވެ؟
02 މާޗް 2020
މާބަނޑުވުމުން ޑޮކްޓަރު ދިން ފޯލިކް އެސިޑް ގަވައިދުން ބޭނުން ކުރިން ހެއްޔެވެ؟ ނޫނީ ވެކްސިން ހަމައަށް ޖެހިން ހެއްޔެވެ؟ އުޅޭ މާހައުލު، ސިނގިރޭޓުގެ ދުމުން ތަޣައްޔަރު ވެފައިވާއިރު، ފައިދާ ހުރި ކާއެއްޗެހި ބޭނުން ކުރަން ސަމާލުކަން ދެވުނީ ކިހާ ވަރަކަށް ހެއްޔެވެ؟
އުފެދުމުގައި އައިބު ހުރުން ނުވަތަ ބާތު ޑިފެކްޓްސް ޑޭ މާދަމާ ފާހަގަކުރާއިރު، މި ސުވާލުތަކުގެ ޖަވާބު ވަރަށް މުހިއްމެވެ. އެއީ ރާއްޖޭގައި ތުއްތު ކުދިން މަރުވާ އެންމެ ބޮޑު އެއް ސަބަބަކީ، ވިހާއިރު އައިބު ހުރުން ކަމަށް ވާތީ އެވެ. އަދި އޭގެ ތެރެއިން ބައެއް ކަންކަން ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާއިރު، އަނެއް ބައިކަންކަން، ހާއްސަ ސަމާލުކަމެއް ދީގެން ރައްކާތެރިވެވޭނެތީ އެވެ.
ރާއްޖޭގައި ތުއްތު ކުދިން މަރުވާ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ. އެކަމަކު އުފެދުމުގައި އައިބު ހުރުމާއި އެކަން މެދުވެރިވާ ސަބަބު ގިނަ މީހުންނަކަށް ނޭނގެ އެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ދިވެހިންގެ ދިރިއުޅުމުގެ އާދަތައް އެކަމަށް މަގުފަހި ކުރުވާ ކަމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2015 އަހަރުން ފެށިގެން 2017ގެ ނިޔަލަށް، ސަރުކާރު މައި ހޮސްޕިޓަލް، އައިޖީއެމްޗުގައި 7،287 ކުދިން ވަނީ އުފަންވެފަ އެވެ. އޭގެ ތެރެއިން، 462 ކުދިން އުފަންވީ އައިބުތަކާ އެކުގަ އެވެ. ބައެއް ކުދިން، އެއް އައިބަށް ވުރެ ގިނަ އައިބު ހުރި އިރު، އޭގެ ތެރެއިން 65 ކުއްޖަކު ވަނީ މަރުވެފަ އެވެ. އޭގެ %31 ކުދިން މަރުވެފައި ވަނީ އައިބު ތަކާއި ގުޅިގެންނެވެ.
ވިހާއިރު ތުއްތު ކުދިން މަރުވާ ނިސްބަތް ރާއްޖޭގައި ވަރަށް ދަށެވެ. އެއީ ސިއްހީ ދާއިރާއިން ރާއްޖެ ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. ވޭތުވެ ދިޔަ 13 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވިހާއިރު ތުއްތު ކުދިން މަރުވާ ނިސްބަތް ވަނީ އަހަރުން އަހަރަށް ދަށަށް ގޮސްފަ އެވެ. އެގޮތުން، 2018 ވަނަ އަހަރު މަރުވެފައިވަނީ ވިހޭ ކުދިންގެ 0.74 ޕަސެންޓެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ކުދިން މަރުވީ، އެފެދުމުގައި ހުރި ކޮންމެވެސް އައިބަކާ ގުޅިގެންނެވެ.
އައިޖީއެމްއެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ އާއްމުކޮށް ފެންނަނީ ހިތުގެ އައިބުތަކެވެ. އޭގެތެރޭގައި، ހިތުގައި ލޯވަޅު އުފެދުމާއި ހިތުގެ ނާރުތަކަށް މައްސަލަ ދިމާވުން ހިމެނެ އެވެ. ދެން އެންމެ ގިނައީ ފައި އެނބުރުން ނުވަތަ ކްލަބް ފުޓެވެ. ތެލެސީމިއާ އަކީ ވެސް އައިބެއް ކަމަށް ބަލާއިރު، މިދިޔަ އަހަރު އެކަނި ވެސް އެ ބަލީގެ 11 ކުއްޖަކު ވަނީ އުފަންވެފަ އެވެ.
ފޯޓިފައިޑް ކާޑުގެ ބާވަތްތައް ރާއްޖޭން އާއްމުކޮށް ލިބޭކަށް ނުހުންނައިރު، މިއީ ފަސޭހައިން އާއްމުންނަށް ލިބެން ހުންނަ ބާވަތަކަށް ހެދުން މުހިއްމު-- ފައިސަލް
އުފަންވާއިރު އައިބު އުފެދެން ދިމާވާ ގިނަ ސަބަބުތަކަކީ އެކަމުން ރައްކާތެރިވެވިދާނެ ނުވަތަ ސަމާލުކަން ދެވިދާނެ ކަންކަމެވެ. އޭގެތެރެއިން ގިނަ ކަންކަން ގުޅެނީ އަހަރުމެންގެ ދިރިއުޅުމުގެ އާދަކާދައާ އެވެ.
ރާއްޖޭގައި އުފަންވާ ގިނަ ކުދިންގެ ހުންނަނީ ހިތުގެ އައިބު ކަމަށް ވާއިރު، ދުންފަތުގެ ދުމަކީ އެކަން މެދުވެރިވެދާނެ ސަބަބެކެވެ. މާބަނޑު މީހާ ދުންފަތުގެ އިސްތިއުމާލު ނުކުރި ނަމަވެސް، ދުމުގެ އަސަރުކޮށްގެން އެ މީހާއަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ޑޮކްޓަރަކު، ޒިކާގެ ސަބަބުން އައިބުވެފައިވާ ކުއްޖަކު އުރާލައިގެން: މަދިރީގެ ސަބަބުން ޖެހޭ މި ބަލިން، ބޮޑު އައިބު ކަމެއް އުފެދޭ -- ފޮޓޯ: ގެޓީ އިމޭޖަސް
ފޯލިކް އެސިޑް އަކީ މާބަނޑުވުމުގެ ދެ މަހެއްހާ ދުވަސް ކުރިން ކާން ފަށަން ޑޮކްޓަރުން އިރުޝާދު ދޭ ބޭހެކެވެ. އެކަމަކު ރާއްޖޭގައި ގިނަ މީހުން މާބަނޑު ވަނީ ދުރާލާ އެކަމަށް ތައްޔާރުނުވެ ހުއްޓާ ކަމުން، ކުރިން ބޭސް ކެއުމުގެ ފުރުސަތެއް ނޯވެ އެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި މާބަނޑުވިކަން އެނގޭއިރު، ފޯލިކް އެސިޑުން ރައްކާތެރިކަން ލިބޭ ގުނަވަންތައް ހުންނަނީ ތުއްތު ކުއްޖާގެ އުފެދިފަ އެވެ. އެހެންވެ، އެއިން ލިބެންވާ އެންމެ ފުރިހަމަ ރައްކާތެރިކަމެއް ނުލިބެ އެވެ.
ފައިސަލް ވިދާޅުވީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ފޯލިކް އެސިޑް ހިމެނޭ، ފޯޓިފައިޑް ފުށާއި ހަނޑޫ ބޭނުން ކުރުމެވެ. އެކަމަކު ފޯޓިފައިޑް ކާޑުގެ ބާވަތްތައް ރާއްޖޭން އާއްމުކޮށް ލިބޭކަށް ނުހުރެ އެވެ. އެހެންކަމުން އެއީ ފަސޭހައިން އާއްމުންނަށް ލިބެން ހުންނަ ބާވަތަކަށް ހެދުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. މި ފަދަ ފައިދާ ލިބޭ އެއްޗެއްގެ ގޮތުގައި ރާއްޖޭގައި އާއްމުކޮށް ވިއްކަނީ އަޔޮޑިން ހިމެނޭ ލޮނެވެ.
މާބަނޑުވުމާ އެކު ޑޮކްޓަރުން ފޯލިކް އެސިޑް ދިން ނަމަވެސް، ބައެއް މީހުން އެ ބޭނުން ކުރަން މާ ބޮޑު ފަރުވާލެއް ނުބަހައްޓަ އެވެ. އިތުރަށް ކާން ޖެހޭ ބޭހެއްގެ ގޮތުގައި ދެކި ވަކި ހިސާބަކުން ހުއްޓާލަނީ އެވެ. އެކަމަކު މިއީ ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދިބޮޑުވުމަށް ވަރަށް މުހިއްމު ބޭހެއްކަން ޑރ. ފައިސަލް ހަނދާން ކޮށްދެއްވި އެވެ.
ދުންފަތުގެ އިތުރުން އެކި ކަހަލަ އެނާޖީ ޑްރިންކުތަކާ ވެސް މާބަނޑު އަންހެނުން ދުރުވާން ޖެހެ އެވެ. އޭގެ އިތުރުން މާ ބޮޑަށް ފަލަވުމާއި ޑައިބެޓީސް ހުރުން ވެސް އެއީ، ދަރިފުޅަށް އައިބުތައް ދިމާވާން މެދުވެރިވާ ކަންކަމެވެ.
ސިއްހަތު ރަނގަޅު ކުއްޖަކު އުފަން ވުމަށް، ދިރިއުޅޭ މާހައުލާއި މައިމީހާގެ ނަފްސާނީ ދުޅަހެޔޮކަން ވެސް މުހިއްމު ދައުރެއް ކުޅެ އެވެ. އެހެންވެ، ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް ހުށަހެޅުމަކީ ވެސް ދަރިފުޅަށް އައިބުތައް ކުރިމަތިވެދާނެ ސަބަބެކެވެ.
ބޭރު ގައުމެއްގައި ހުންނަ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓެއްގައި ކުޑަކުދިންތަކެއް ބާއްވާފައި.
މާބަނޑު ދުވަސްވަރު، ރުބެއްލާގެ ޝިކާރައަކަށް ވެއްޖެ ނަމަ އޭގެ ގެއްލުން ދަރިފުޅަށް ކުރުން ވަރަށް ގާތެވެ. އާއްމުކޮށް، އޭގެ އަސަރު ކުރަނީ ތުއްތު ދަރިފުޅުގެ ފެނުމާއި އިވުމަށެވެ. އަދި ހިތުގެ ބަލިތައް އެ ކުދިންނަށް ޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ.
ރުބެއްލާ އަކީ ކުޑައިރު ވެކްސިން ޖަހައިގެން ދިވެހިން ރައްކާތެރިކަން ހޯދަމުން އަންނަ ބައްޔެކެވެ.
ރާއްޖޭގައި އާއްމުކޮށް އުޅޭ ފާނަބަސަންދަކީ ވެސް މާބަނޑު މީހުންނަށް ނުރައްކާތެރި ރޯގާއެކެވެ. ބަލީގެ އަސަރު ބޮޑަށް ކުރަނީ، ބަލިވެ އިންނަ ފުރަތަމަ ދެތިން މަހުގެ ތެރޭގައި ރޯގާ ޖެހިއްޖެ ނަމަ އެވެ. އެ ފަދަ ހާލަތެއްގައި ސިކުނޑި އާއި ފައިގެ އައިބުތައް، ބަނޑުގައިވާ ދަރިފުޅުގެ ހުރުން އެކަށީގެންވެ އެވެ.
"އެކަމަކު މިއީ ވެކްސިން ޖަހައިގެން ރައްކާތެރިވެވިދާނެ ރޯގާތަކެއް. އެހެންވެ، މި ވެކްސިން ޖަހައިގެން، ބަނޑުގައިވާ ދަރިފުޅަށް އައިބު ކުރިމަތިވުމުން ސަލާމަތް ކުރެވިދާނެ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
މަދިރީގެ ސަބަބުން ޖެހޭ ޑެންގީ އާއި ޗިކަންގުންޔާ އާއި ޒިކާ ފަދަ ބަލިތަކުން ވެސް، ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުން ލިބިދާނެ އެވެ. އެކަމަކު މަދިރިން ރައްކާތެރިވުމުން، އެފަދަ ނުރައްކާތަކުން ވެސް ސަލާމަތް ހޯދިދާނެ އެވެ.
ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އައިބުތަކާ އެކު އައިޖީއެމްއެޗަށް އުފަންވި 689 ކުދިންގެ ތެރެއިން، 519 ކުދިންނަކީ އޭގެ ސަބަބުން އުނދަގޫތައް ފޯރާނެ ކުދިންނެވެ. އަދި 105 ކުދިން އުފަންވެފައި ވަނީ އޭގެ އަސަރު އެ ކުދިންނަށް މާ ބޮޑަށް ނުކުރާނެ ފަދަ އައިބުތަކާ އެކު އެވެ.
ޑރ. ފައިސަލް ވިދާޅުވީ ގިނަ އައިބުތަކަށް ފަރުވާ ކުރެވޭނެ ކަމަށާއި އެކަމަކު ހިތުގެ އޮޕަރޭޝަންތައް ކުރުމަށް އަދިވެސް ދާން ޖެހެނީ ރާއްޖޭން ބޭރަށް ކަމަށެވެ. މިއީ ސަރުކާރާއި އާއިލާއަށް ވެސް ކުރަން ޖެހޭ ބޮޑު ހަރަދެކެވެ.
އައިޖީއެމްއެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އުފެދުމުގައި އައިބު ހުރެގެން ތިން އަހަރުގެ ތެރޭގައި 59 ކުއްޖަކު ރާއްޖޭން ބޭރަށް ފޮނުވާލި އިރު އޭގެ ތެރެއިން 54 ކުދިން ފަރުވާ ހޯދީ ހިތުގެ އައިބުތަކަށެވެ. އޭގެ ތެރެއިން 21 ކުއްޖަކު ހިތުގެ އޮޕަރޭޝަން ވެސް ކުރި އެވެ.
ގިނަ އައިބުތައް އަވަހަށް ފަރުވާ ދެވިއްޖެ ނަމަ ރަނގަޅު ކުރެވެ އެވެ. އޮޕަރޭޝަން ކޮށްގެން ހިތުގެ އައިބު ފިލުވާލެވޭނެ ހެން، އެނބުރިފައިވާ ފައި، ކާސްޓެއް އަޅައިގެން ރަނގަޅު ކުރެވިދާނެ އެވެ. ނަމަވެސް ޑޮކްޓަރުންނަށް ވެސް ފަރުވާ ނުދެވޭ ހާލަތްތައް އާދެ އެވެ.
"މިސާލަކަށް ބައެއް ކުދިން އެބަ އުފަންވޭ ސިކުނޑީގައި ކަށިގަނޑު ނެތި. އެ ފަދަ ކުދިން އެއް ދުވަސް ތެރޭގައި މަރުވޭ. ސިކުނޑީގައި މާ ބޮޑަށް ފެން އުފެދުން ފަދަ ކަންކަމަކީ އޮޕަރޭޝަންކޮށްގެން ވެސް ރަނގަޅު ނުކުރެވޭނެ އައިބުތައް،" ޑރ. ފައިސަލް ވިދާޅުވި އެވެ.
އުފަންވާއިރު އައިބުތައް ހުންނަ ކުދިންގެ ނިސްބަތް ރާއްޖޭގައި މާ ބޮޑަށް އިތުރުވެގެންނެއް ނުދެ އެވެ. އެކަމަކު ގިނަ ތުއްތު ކުދިން މަރުވަނީ އައިބުތައް ހުރުމުން ކަމަށް ވާތީ އެއީ ސަމާލުކަން ދޭން ޖެހިފައިވާ މައްސަލައެކެވެ. ރަނގަޅު ކާނާއާ އެކު ގަވައިދުން ވެކްސިން ޖަހާ ނަމަ، އައިބުތަކާ ހެދި ޅަފަތުގައި މަރުވާ ކުދިންގެ ނިސްބަތް މިހާރަށް ވުރެ ވެސް ދަށް ކުރެވިދާނެ އެވެ.
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ކައިރިކައިރީގައި ތުއްތު ފަސް ކުއްޖެއްގެ މަރު!
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ
ނުބައި އިންޖެކްޝަނެއް ދިން ކަމަށް ބުނާ މައްސަލައެއް
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ
ހިޔަލައިގެ ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ އަށް
ގެއްލުނުމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފައި
ހަމުގެ ސީރިއަސް ބަލީގައި ލަޔަކް ނިޔާވެއްޖެ