Roadha Mihaaru
އައްޑޫން ނަން ނެގި ކެންޑިޑޭޓެއްގެ މައްސަލަ ބަލަނީ

ލޯކަލް އިންތިޚާބު: އައްޑޫން ނަން ނެގި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ މައްސަލަ ބަލަނީ

15 ފެބުރުއަރީ 2021

އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ މައްސަލައެއް ޕީޕީއެމް/ޕީއެންސީ ކައުންސިލަށް ހުށަހަޅައިފި އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ މައްސަލައެއް ޕީޕީއެމް/ޕީއެންސީ ކައުންސިލަށް ހުށަހަޅައިފި އެވެެ.

ޕީޕީއެމްގެ ޓިކެޓުގައި ހިތަދޫ ކޮރޮވަލު ދާއިރާ އަށް ވާދަކުރާ މުހައްމަދު ޖިނާން (ޖިންކޯ) ގެ ނަން ގެންދިއުމުން، އެމްޑީޕީގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރާ އިބްރާހިމް ޝިނާޒް މޫސާ އަށް މިހާރު ވަނީ ގޮނޑި ކަށަވަރުފަ އެވެ.

އެނގިފައިވާ ގޮތުގައި ޖިންކޯގެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ކައުންސިލަށް ހުށަހެޅީ ޕާޓީއާ މަޝްވަރާނުކޮށް ނަން ނެގުމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ޖިންކޯގެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާތީ އެ މައްސަލާގައި ކުރިއަށް ދާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

ޖިންކޯ މިއަދު ބުނީ، އޭނާ ނަން އަނބުރާ ނެގީ "ސިއްހީ ހާލަތު ހުރި ގޮތުން" ކަމަށާއި އެ ފިޔަވަޅު އެޅުމުގެ ކުރިން "ކޮންމެވެސް ވަރަކަށް" ޕާޓީގެ މީހުންނާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

"އެންމެ ބޮޑު ސަބަބަކީ ހެލްތު އިޝޫސްތަކެއް ހުރީމަ. ވަރަށް ޕާސަނަލް ވާހަކަތަކެއް ވީމާ އޭގައި ނެތް އިތުރަށް ބުނާނެ އެއްޗެއް،" އޭނާ ބުންޏެވެ.

ޖިންކޯ ބުނީ، އޭނާގެ މައްސަލަ އިދިކޮޅު ކައުންސިލަށް ހުށަހަޅާފައިވާކަން އެނގިިފައިވާ ކަމަށާއި ނަން ނެގި މައްސަލާގައި އޭނާގެ މައްޗަށް މިހާރު އެކި ކަހަލަ ތުހުމަތުތައް ވެސް ބައެއް މީހުން ކުރަމުންދާ ކަމަށެވެ.

"މި ކަހަލަ ހާލަތެއްގައި ސިޔާސީ ގޮތުން ނަގާ ޑިސިޝަންތަކާ ގުޅިގެން ތުހުމަތުތައް ބައެއް މީހުން ކުރާނެ ވެސް މެ. އެކަމަކު މިކަމާ ގުޅިގެން އަހަރެން އިތުރަށް ބުނާނެ އެއްޗެއް ނެތް،" ޖިންކޯ ބުންޏެވެ.

އަލަށް އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުކުރާ 13 ގޮނޑީގެ ތެރެއިން ދެ ގޮނޑިއެއް މިހާރު ވަނީ އެމްޑީޕީ އަށް ކާމިޔާބުވެފަ އެވެ. އެއީ ހުޅުދޫ ދާއިރާ އަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ހުސެއިން ފައިޒުއްރަހްމާނާއި ހިތަދޫ ބޭރުމަތި ދާއިރާ އަށް ވާދަކުރާ މަރިޔަމް ސައީދަށެވެ. އެ ދެ ގޮނޑި ވެސް ކާމިޔާބުވީ ކެންޑިޑޭޓުން ނަން ނެގުމުގެ ސަބަބުންނެވެ.