Roadha Mihaaru
ކޮވިޑް-19: ބަތަަލާ އައިލެންޑް ކަރަންޓީނުކޮށްފި

ކޮވިޑް-19: ބަލީގެ އަލާމާތްތައް ހުރި ޓޫރިސްޓަކު ފެނުމުން ބަތަލާ އައިލެންޑް ރިސޯޓު ކަރަންޓީނު ކޮށްފި

08 މާޗް 2020

ސޭޑީޒް ބަތަލާ އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްްތަކެއް ފެނުމާ ގުޅިގެން، އޭނާގެ ޓެސްޓުތައް ހެދުމަށާއި މޮނިޓާ ކުރުމަށްޓަކައި އެ ރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސޭޑީޒް ބަތަލާ އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްްތަކެއް ފެނުމާ ގުޅިގެން، އޭނާގެ ޓެސްޓުތައް ހެދުމަށާއި މޮނިޓާ ކުރުމަށްޓަކައި އެ ރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ، އއ. ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަަމުން އައި އިޓަލީގެ ޓޫރިސްޓު މީހާގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައްް ފެނުމުން އޭނާ ޓެސްޓް ކުރުމާއި މޮނިޓާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމާ ބެހޭ އިތުރު މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.

އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭ އިން ވެސް ފެނިފައިވާ ކަން ސަރުކާރުން ރޭ ވަނީ އިއުލާންކޮށްފަ އެވެ. އެ ވައިރަސް ފެނުނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މީހެއްގެ ގައިންނެވެ.

އެ ދެ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ޖެހުނީ، އެ ރިސޯޓަށް ދިޔަ އިޓަލީ ޓޫރިސްޓަކު އެނބުރި ގައުމަށް ދިޔަ ފަހުން، އެ ބައްޔަށް އޭނާ ޕޮޒިޓިވް ވެފައިވާކަން ރިސޯޓަށް އެންގުމުންނެވެ. އެ މީހާ އެކަން ރިސޯޓަށް އެންގީ އަމިއްލަ އަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ ބިދޭސީން މިހާރު ތިބީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ކުރީގެ ފަރުކޮޅުފޮށީގައި ކަރަންޓީންކޮށްފަ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޕޮޒިޓިވްވި ދެ މީހުންނާ ބައްދަލުވި މީހުން ދެނެގަނެ، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ފެނިގެން ސަމާ އައިލެންޑް ރިސޯޓް ވެސް އިއްޔެ ކަރަންޓީނު ކުރި އެވެ. އެކަމަކު އެރަށުން ޓެސްޓްކުރި ހަތް މީހުން ވެސް ބައްްޔަށް ނެގެޓިވް ވުމުން މިހާރު އެ ރަށް ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.