Roadha Mihaaru

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ ދެ ދުވަހު މާލޭގައި ހުރި

ކުރެއްދޫ ރިސޯޓުން ފުރައިގެން ދިޔަ ފަހުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އެއާޕޯޓަށް ފުރަން ގޮސް ނުފުރިގެން، މާލޭ މާގިރި ހޮޓަލަށް ދިޔަ ކަމަށާއި ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް ދިޔަ ކަމަށް ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހާ ދެ ދުވަހު މާލޭގައި ހުރި

ކުރެއްދޫ ރިސޯޓުން ފުރައިގެން ދިޔަ ފަހުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އެއާޕޯޓަށް ފުރަން ގޮސް ނުފުރިގެން، މާލޭ މާގިރި ހޮޓަލަށް ދިޔަ ކަމަށާއި ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް ދިޔަ ކަމަށް ބުނެފި އެވެ.

ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އިޓަލީ މީހާ އަށް ފުރޭ ގޮތް ނުވުމުން މާލޭގައި ދެ ދުވަހު ހުރި ކަމަށެވެ. އެހެންވެ އޭނާއާ ކޮންޓެކްޓްވި މީހުން ހޯދައި، އޭގެ ތެރެއިން އެކެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނާތީ ކަރަންޓީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ބަލި މީހާ މާލޭގައި ހުރީ މި މަހުގެ 1 އަދި 2 ގަ އެވެ.

ޓޫރިސްޓް މީހާގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކަށް ބަލި ޖެހި އެ ދެ މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ.

މަބްރޫކް ވިދާޅުވީ ޓޫރިސްޓް މީހާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަމުން ދަނިކޮށް ފުރައިގެން ދިއުމަށް މެދުވެރިވި ގޮތާއި އެ މީހާއާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. މި ކޭސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ކުރިން ރިޕޯޓް ނުކުރުމުގައި އިހުމާލެއް ވެފައި ވޭތޯ ނުވަތަ ނޫންތޯ ބަލަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު "މިހާރު" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ މިއީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ މެނޭޖްމަންޓުން ގަސްދުގައި ކުރި ކަމެއްތޯ ނުވަތަ އޮޅިގެން ހެދުނު ގޯހެއްތޯ ބަލައި ތަހުގީގުކުރަމުން ކަމަށެވެ.

އިޓަލީގެ ދަތުރުވެރިޔާ އޭނާ އަށް ބަލި ޖެހިފައިވާކަން އެންގީ އެނބުރި އިޓަލީ އަށް ގޮސް، ބައްޔަށް ޕޮޒިޓްވުމުން އޭނާ އަމިއްލައަށެވެ. އިޓަލީ އަކީ ކޮރޯނާވައިރަސް އެންމެ ބާރަށް މިހާރު ފެތުރެމުން އަންނަ ގައުމަށް ވިޔަސް، އިޓަލީގެ ޓޫރިސްޓަކު ހުން އައިސް ބަލިވެ އުޅުނު ވަގުތު އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރިސޯޓުން އަންގައިފައެއް ނުވެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ކުރެއްދޫ މިހާރު އޮތީ 1،300 އަށް ވުރެ ގިނަ މީހުންނާ އެކު ކަރަންޓީންކޮށްފަ އެވެ. އޭގެ ތެރޭގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި، އިމާރާތްކުރުމުގެ މަސައްކަތަށް ގޮސް ތިބި އެހެން ކުންފުންޏެއްގެ ބިދޭސީންނާ އެކު 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ.