Roadha Mihaaru
ދޮންދަރިއާ ބެހުނު މީހާއަށް ކުރި ހުކުމަށް ތައުރީފް

ދޮންދަރިއާ ބެހުނު މީހާ އަށް ކުރި ހުކުމަށް ޕީޖީ ޝަމީމްގެ ތައުރީފް

09 މާޗް 2020

ދޮންދަރިއަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކޮށްފައި ވަނިކޮށް، އޭނާ އަނެއްކާ ވެސް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ތައުރީފް ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދޮންދަރިއަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކޮށްފައި ވަނިކޮށް، އޭނާ އަނެއްކާ ވެސް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ތައުރީފް ކުރައްވައިފި އެވެ.

ދެކުނުގެ ރަށެއްގައި އުމުރުން 11 އަހަރުގެ ދޮންދަރިފުޅާ 2013 ވަނަ އަހަރު ބެހުނު މައްސަލައެއްގައި ދޮންބައްޕަ 15 އަހަރަށް ޖަލަށްލާން މެޖިސްޓްރޭޓް ކޯޓަކުން 2016 ވަނަ އަހަރު ހުކުމް ކޮށްފައި ވަނިކޮށް، މިދިޔަ އަހަރު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން އިސްތިިއުނާފް ކުރުމުން، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަނިޔާ ލިބުނު ކުއްޖާ ތަހުގީގަށް ދިން ބަޔާނުގައި އެ ކުއްޖާއާ އޭނާ ބެހުނު ކަމަށް ބުނެފައިވާ ކަމަށާއި އެ ކުއްޖާ ތަހުގީގަށް ކިޔައިދިން ތަފްސީލުތަކަކީ އެ އުމުރުގެ ކުއްޖަކާ އަޅާ ބަލާއިރު، ތެދު ހަދާ މީހަކަށް ނޫނީ ދެވޭނެ ފަދަ ތަފްސީލުތަކެއް ނޫން ކަމަށެވެ. އަދި ކުއްޖާގެ މަންމަގެ ބަޔާނުން ފާހަގަވި ބައެއް ކަންތައްތަކާއި ކުއްޖާ އަށް ޖިންސީ ގޮތުން އަނިޔާ ލިބުނު ކަމަށް ޑޮކްޓަރުންގެ ލިޔުންތަކަށް ވެސް ހުކުމުގައި ރިއާޔަތްކޮށްފައި ވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ވަނީ ދޮންބައްޕައަށް މީގެ ކުރިން ކުރި 15 އަހަރުގެ ހުކުމް ދަމަހައްޓައިފަ އެވެ.

އެކަން ފާހަގަ ކުރައްވައި، ކުރެއްވި ޓްވީޓެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ތާރީޚީ މުހިއްމު އަދި ވަރަށް ހަރުދަނާ ނިންމުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން، އަނިޔާ ލިބޭ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުން ކުރާ މަސައްކަތަށް ބާރު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"[ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ] ވަކީލުންނަށް މަރުހަބާ،" ޝަމީމްގެ ޓްވީޓްގައި ވިދާޅުވި އެވެ.

ސުޕްރީމު ކޯޓުން ކުރި ހުކުމްގައި ބުނީ، ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކަކީ ސިއްރުވެރި ގޮތަކަށް ހިނގާ އަމަލުތަކެއް ކަމަށް ވާތީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮތްގޮތުން، އަނިޔާ ލިބޭ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން ކުށް ސާބިތުވޭތޯ ނުވަތަ ނޫން ކަނޑައެޅިދާނެ އެވެ. އެހެންވެ، އަނިޔާ ލިބޭ ކުއްޖާ ކިޔައިދޭ ކިޔައި ދިނުމަކީ ތެދު ކަމަށް ގަބޫލު ކުރެވޭ ނަމަ، އަދި އެކަމަށް ބާރު ލިބޭ އެހެން ހެކި ހުރެއްޖެ ނަމަ، ކުށް ސާބިތު ކުރެވޭނެ ކަމަށް ހުކުމްގައި ވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ފަސް ބާވަތެއްގެ ހެކި ލިބުމުން ކުށް ސާބިތު ކުރެވޭނެ ކަމަށް އެ ގާނޫނުގައި އޮތަސް، އަނިޔާ ލިބޭ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައި ދިނުމަކީ ވަކިވަކި ހެކިތަކެއް ކަމަށް ނުބެލެވޭނެ ކަމަށް ހައި ކޯޓުން ކުރިން ދުސްތޫރީ މައްސަލައެއްގައި ކަނޑައަޅާފައިވާ ކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އެގޮތަށް ކަނޑައެޅުމުން އެފަދަ މައްސަލަތަކުގައި ކުށް ސާބިތު ކުރަން ލުއި އުސޫލެއް އެ ގާނޫނުގައި ކަނޑައެޅި ބޭނުން ރޫޅިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، އޭގެ ފަހުން އެފަދަ ކުށްތައް ސާބިތު ކުރަން އަނެއްކާވެސް އުނދަގޫވެފައިވާ ކަން އޭގެ ފަހުން ނިންމާފަައި ހުރި މައްސަލަތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.