Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

11 މާޗް 2020

ތޭރަ ވަރަކަށް އަހަރު ފަހުން ބޮޑު ސްކްރީނަށް މި އަހަރު އަންނަން ތައްޔާރުވަމުން އަންނަ ބަތަލާ ޝިލްޕާ ޝެޓީ އޭނާ ކުޅެމުން އަންނަ ފިލްމުތަކުގެ ތެރެއިން "ހަންގާމާ 2" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތޭރަ ވަރަކަށް އަހަރު ފަހުން ބޮޑު ސްކްރީނަށް މި އަހަރު އަންނަން ތައްޔާރުވަމުން އަންނަ ބަތަލާ ޝިލްޕާ ޝެޓީ އޭނާ ކުޅެމުން އަންނަ ފިލްމުތަކުގެ ތެރެއިން "ހަންގާމާ 2" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިލްމަކީ ޑައިރެކްޓަރު ޕްރިޔާދަރުޝަން 2003 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ހަންގާމާ" ގެ ދެވަނަ ބައެވެ. ނަމަވެސް އާ ފިލްމުގައި ޕަރޭޝް ރާވަލް ފިޔަވައި މައިގަނޑު ކާސްޓުން އަލެވެ. އެގޮތުން ޝިލްޕާގެ އިތުރުން މިދިޔަ އަހަރު ފިލްމު "މަލާލު" އިން ތައާރަފުވި މީޒާން ޖެފްރީގެ އިތުރުން ދެކުނުގެ ބަތަލާ ޕްރަނީތާ ސުބާޝް "ހަންގާމާ 2" އިން ފެންނާނެ އެވެ.

މި އަހަރުގެ އޮގަސްޓް 14 ގައި ރިލީޒްކުރާ މި ފިލްމުގެ ކުރިން ޝިޕްލާގެ އެހެން ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެއީ ޖޫން 5 ގައި ގެނެސްދޭ "ނިކައްމާ" އެވެ.

ސަބީރު ޚާން ޑައިރެކްޓްކުރާ އެ ފިލްމުގެ ތަރިންގެ ތެރޭގައި މިދިޔަ އަހަރު "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިން ތައާރަފުވި އަބިމަންޔޫ ދައްސާނީ އާއި އަލަށް ތައާރަފުވާ ޝާލީ ސެތިއާ ހިމެނެ އެވެ.

އާސިމާއި ޖެކްލިންގެ ލަވަ ދައްކާލައިފި

ރިއަލިޓީ ޝޯ "ބިގް ބޮސް 13" ގެ ދެވަނަ އަށް ދިޔަ މޮޑެލް އާސިމް ރިއާޒާއި ބަތަލާ ޖެކްލިން ފެނަންޑޭޒް ކުޅުނު ވީޑިއޯ ލަވަ "މެރޭ އަގްނޭ މޭ" ދައްކާލައިފި އެވެ.

މި ލަވައަކީ 1981 ގައި ރިލީޒްކުރި އަމީތާބް ބައްޗަންގެ ފިލްމު "މުގައްދަރު ކާ ސިކަންދަރު" ގެ ލަވަ "މެރޭ އަގްނޭ މޭ" ގެ ބަޑިތަކެއް ލައްވައިގެން މުޅިން ތަފާތު ގޮތަކަށް ހަދާފައިވާ ލަވައެވެ. ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރާއި ރާޖާ ހަސަނެވެ. އަދި މީގެ މިއުޒިކާ ކުޅެފައި ވަނީ ތަނިޝްގް ބަގްޗީ އެވެ.

ޓީ ސީރީޒްގެ ތައްގަނޑުގައި ގެނެސްދިން "މެރޭ އަގްނޭ މޭ" ޑައިރެކްޓްކޮށްފައި ވަނީ މީގެ ކުރިން ވެސް މަގުބޫލު ވީޑިއޯ ލަވަތަކެއް ހަދާފައިވާ ވިނޭ ސަޕްރޫ އާއި ރާދިކާ ރާއޯ އެވެ. ލަވަ ގެނެސްދީފައި ވަނީ ރާނީ އަކު ގަނޑުވަރަކުން ފިލަން ކުރާ މަސައްކަތަށެވެ.

"މަރައްކަރު" ގެ ޓްރެއިލާ ދައްކާލައިފި

ވަރުގަދަ ބޮޑެތި ފިލްމުތައް ގެނެސްދޭ އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީން ގެނެސްދޭ އުންމީދީ ފިލްމު "މަރަކައްރު: ލަޔަން އޮފް ދި އެރޭބިއަން ސީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ މިހާރު "ހަންގާމާ 2" ހަދަމުން އަންނަ ޕްރިޔާދަރުޝަން ލިޔެ، ޑައިރެކްޓްކޮށްފައިވާ ތާރީހީ ހަނގުރާމަ ފިލްމެކެވެ. މަލަޔާޅަމް ބަހުން ހަދައި، އެކަމަކު ހިންދީ ބަހުން ވެސް ގެނެސްދޭ "މަރަކައްރު" ގެ ބަތަލަކީ މޯހަންލާލެވެ. ބަތަލާ އަކީ ކީރުތީ ސުރޭޝް އެވެ. މީގެ ކާސްޓުން ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ވެސް ފެނިގެން ދާނެ އެވެ.

ޖުމްލަ 100 ކްރޯޑް (14 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "މަރަކައްރު" ސިނަމާތަކަށް އަންނާނީ މި މަހުގެ 26 ގަ އެވެ.

"އަތުރަންގީ ރޭ" ގެ ޝޫޓިން ފަށައިފި

ދެހާސް އަށާރައިގައި ރިލީޒްކުރި ފްލޮޕް ފިލްމު "ޒީރޯ" އަށް ފަހު، ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދާ އާ ފިލްމު "އަތުރަންގީ ރޭ" ގެ ޝޫޓިން ފަށައިފި އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރާއި ސާރާ އަލީ ޚާނާއި ދެކުނުގެ އެކްޓަރު ދަނޫޝް (ކޮލަވަރީޑީ) އެވެ. ރިޕޯޓްތައް ބުނާގޮތުން "އަތުރަންގީ ރޭ" ގައި ސާރާ ފެނިގެންދާނީ ޑަބަލް ރޯލަކުންނެވެ. މީގެ މައިގަނޑު މަންޒަރުތައް ނަގާނީ ވަރާނަސީގަ އެވެ.

އޭއާރް ރަހްމާން މިއުޒިމކް ތައްޔާރުކޮށްދޭ "އަތުރަންގީ ރޭ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގަ އެވެ.