Roadha Mihaaru
ސުނިލް ޝެޓީގެ ދަރިފުޅާ އެކު އަކްޝޭ އަށް ފިލްމެއް

ސުނިލް ޝެޓީގެ ދަރިފުޅު އަހާންއާ އެކު އަކްޝޭ އަށް ފިލްމެއް

22 ޖޫން 2021

ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ "ތަޅަޕް" ކިޔާ ފިލްމަކުން ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު، އަކްޝޭ ކުމާރާ އެކު ވެސް ފިލްމެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ "ތަޅަޕް" ކިޔާ ފިލްމަކުން ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު، އަކްޝޭ ކުމާރާ އެކު ވެސް ފިލްމެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕިންލްވިލާ އިން ބުނެފައިވާ ގޮތުގައި މިއީ "ތަޅަޕް" ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަން އިން ހަދާ އެއްޗެކެވެ. އެ ސްޓޫޑިއޯގެ މީހަކާ ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި އަހާންގެ ބައްޕައާ އެކު ގިނަ ފިލްމުތަކެއް ކުޅުނު އަކްޝޭއާ އެކީގައި ކުޅޭ ފިލްމު މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ. އަދި އޭގެ ފައިނަލް ޑްރާފްޓާ ހަމައަށް އާދެވުމާ އެކު ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އަކްޝޭ އަކީ އަހާންގެ އަލަތު ފިލްމު "ތަޅަޕް" މި އަހަރުގެ ސެޕްޓެމްބަރު 24 ގައި ރިލީޒްކުރަން ނިންމިކަން އިއުލާންކޮށް ނެރުނު ފުރަތަމަ ޕޯސްޓަރު ވެސް އެންމެ ފުރަތަމަ އިންސްޓަގްރާމްގައި ޕޯސްޓްކޮށް ޒުވާން އެކްޓަރަށް މަރުހަބާކީ އެކަކެވެ.

"ތަޅަޕް" އަކީ މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ދެހާސް ނަވާރައިގައި ބޮލީވުޑަށް ނުކުތް ތާރާ ސުތާރިއާ ބަތަލާގެ ރޯލު ކުޅެފައިވާ އެ ފިލްމަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމެކޭކެވެ.

ފުރަތަމަ ފިލްމު ރިލީޒް ނުވަނިސް އަކްޝޭ ކަހަލަ ވަރުގަދަ އެކްޓަރަކާ އެކު އަހާން، 25، އަށް މަސައްކަތް ފުރުސަތު ލިބޭ އިރު، އޭނާގެ ބައްޕަ އާއި އަކްޝޭ އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދަޅުކަން"، "ދަން ދަނާ ދަން"، "ހީރާ ޕޭރީ" ސީރީޒް، "މޮހްރާ" އަދި "އާވާރާ ޕާގަލް ދީވާނާ" ފާހަގަކޮށްލެވެ އެވެ.

އަހާން އާއި އަކްޝޭ އެކީގައި ފިލްމަކަށް ގެންނަން ސާޖިދު މަސައްކަތް ފަށާފައިވާ އިރު، އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން "ބައްޗަން ޕާންޑޭ" އަކީ ވެސް ސާޖިދު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ސާޖިދުގެ ފިލްމަކަށް އެންމެ ފަހުން އަކްޝޭ ފެނިފައި ވަނީ 2019 ގެ "ހައުސްފުލް 4" އެވެ.

ސުނިލްގެ ދަރިފުޅާ އެކު ފިލްމެއް ކުޅެން އަކްޝޭ އަށް މަގުފަހިވެފައިވާ އިރު، އޭނާއާ އެކީގައި ފިލްމުތަކެއް ކުޅުނު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން، 25، އާ އެކު ވެސް އަކްޝޭ ފިލްމެއް ކުޅެފައިވެ އެވެ. އެއީ އަދި ރިލީޒްނުކުރާ "އަތުރަންގީ ރޭ" އެވެ.

އަކްޝޭ އާއި ސައިފް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "މޭ ކިލާޅީ ތޫ އަނާޅީ"، "ޔޭ ދިއްލަގީ"، "ތަޝަން" އަދި "އާރްޒޫ" ހިމެނެ އެވެ.