Roadha Mihaaru
ވިކީ ބޭނުމީ "އަތުރަންގީ ރޭ" ޑައިރެކްޓަރުގެ ފިލްމެއް

"އަތުރަންގީ ރޭ" މޮޅުކަމުން ވިކީ ބޭނުންވަނީ އޭގެ ޑައިރެކްޓަރުގެ ފިލްމެއް

12 ޖެނުއަރީ 2022

މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ފިލްމު "އަތުރަންގީ ރޭ" ބަލާފައި އެކަމުދިޔަލެއް ބޮޑުކަމުންމ، އެ ފިލްމުގެ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމަކުން ފުރުސަތު ދޭން ވިކީ ކޯޝަލް އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ފިލްމު "އަތުރަންގީ ރޭ" ބަލާފައި އެކަމުދިޔަލެއް ބޮޑުކަމުންމ، އެ ފިލްމުގެ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމަކުން ފުރުސަތު ދޭން ވިކީ ކޯޝަލް އެދިއްޖެ އެވެ.

އިންސްޓަގްރާމް ޕޯސްޓެއްގައި ވިކީ ބުނީ "އަތުރަންގީ ރޭ" އަކީ ވަރަށް ލޯބި ފިލްމެއް ކަމަށާއި ފިލްމުގެ ކާސްޓުން ވެސް ވަރަށް މޮޅު ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އޭގެ ބަތަލާ ސާރާ އަލީ ޚާން މަސައްކަތް ފާހަގަކޮށް ވިކީ ބުނީ ފިލްމުގައި ސާރާ ކުޅެފައި ވަނީ ވަރަށް އުނދަގޫ ރޯލަކަށް ވިޔަސް އޭނާ ވަރަށް މޮޅު ކަމަށެވެ. އަދި ބަތަލުން ކަމަށްވާ ދަނޫޝް އާއި އަކްޝޭ ކުމާރު ވެސް ފިލްމަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައިވާ ކަމަށް ވިކީ ބުންޏެވެ.

"އެހެންވެ އެދެން އާނަންދު ދެން ހަދާ ފިލްމެއްގައި އަހަރެން ކާސްޓްކޮށްދޭން،" އާނަންދު ޓެގްކޮށް އޭނާ ބުންޏެވެ.

އޭގެ ރައްދުގައި ކުޅަދާނަ ޑައިރެކްޓަރު ވިކީ އަށް ޝުކުރު އަދާކޮށް ބުނީ ވިކީ އަކީ ކޮންމެހެން ފިލްމަކަށް ކާސްޓްކުރަން ޖެހޭ އެކްޓަރެއް ނޫން ކަމަށާއި އޭނާ އުޅޭ ނަމަ ފިލްމެއް އޮންނާނީ ވާހަކައަކަށްވެފައި ކަމަށެވެ. އަދި ވިކީގެ އެ ޕޯސްޓާ ގުޅިގެން ސާރާ ބުނެފައި ވަނީ އާނަންދު ދެން ހަދާ ފިލްމެއްގައި ވިކީއާ އެކު އޭނާ ވެސް ހިމަނަން އެދޭ ކަމަށެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ރާންޖަނާ" އާއި "ތަނޫ ވެޑްސް މަނޫ" ވެސް ގެނެސް އާނަންދުގެ ފިލްމަކަށް ވިކީ ޝައުގުވެރިކަން ފާޅުކުރި އިރު، އާނަންދުގެ ކެރިއަރުގެ އެންމެ ނާކާމިޔާބު ފިލްމަކީ ވިކީގެ އަންހެނުން ކެޓްރީނާ ކައިފް ކާސްޓްގައި ހިމެނުނު ފިލްމެކެވެ. އެއީ 2018 ގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޒީރޯ" އެވެ. އެ ފިލްމުގެ ކާސްޓްގައި އަނުޝްކާ ޝަރުމާ ވެސް ހިމެނެ އެވެ.

"އަތުރަންގީ ރޭ" އަށް ފަހު އާނަންދު ގެނެސްދޭން އޮތް ފިލްމަކީ މި އަހަރަށް ތާވަލުކޮށްފައި އޮތް އަކްޝޭގެ ފެމިލީ ޑްރާމާ "ރަކްޝާ ބަންދަން" އެވެ.

ވިކީ އާއި ސާރާ މިހާރު އަންނަނީ "މިމީ" ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރްގެ ފިލްމެއްގައި މަސައްކަތްކުރަމުންނެވެ.