Roadha Mihaaru
ރޯގާ އަށް ފަރުވާކުރަން ތިން ކްލިނިކެއް ހުޅުވައިފި

ރޯގާ އަށް ފަރުވާކުރަން ތިން ކްލިނިކެއް ހުޅުވައިފި، ބިދޭސީންނަށް ވަކި ކްލިނިކެއް

11 މާޗް 2020

ކޮވިޑް-19 ފެތުރޭތީ، ރޯގާގެ އަލާމާތްތައް ހުންނަ މީހުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުގޮސް ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ރޯގާ އަށް ފަރުވާކުރަން ހާއްސަ ތިން ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ، ރޯގާގެ އަލާމާތްތައް ހުންނަ މީހުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުގޮސް ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ރޯގާ އަށް ފަރުވާކުރަން ހާއްސަ ތިން ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިއަދު ހިންގަން ފެށި އެއް ކްލިނިކަކީ ސެނެހިޔާގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް ކަމަށާއި އެ ކްލިނިކުން ފަރުވާ ދޭނީ ފާއިތުވި 14 ދުވަހު ބޭރު ގައުމަކަށް ދަަތުރުކޮށްފައި ނުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ކަަމަށެވެ. ދެވަނަ ކްލިނިކަކީ އޭނާ ވިދާޅުވި ގޮތުގައި ސިނަމާލެ-2 ގެ ފުރަގަހުގައި އޮންނަ ބިމުގައި ގާއިމްކޮށްފައިވާ "ޓްރެވެލް ކްލިނިކް" އެވެ. އެތަނުން 24 ގަޑި އިރުވެސް ހިދުމަތް ދޭނެ ކަަމަށް މަބްރޫކް ވިދާޅުވި އެވެ.

މިއަދު ހުޅުވި ތިން ވަނަ ކްލިނިކަކީ ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށް، ސަރުކާރާ ހަވާލުކޮށްފައިވާ ޕްރީ ސްކޫލްގައި ބިދޭސީންނަށް ހާއްސަކޮށްގެން ހުޅުވި ކްލިނިކެކެވެ. އެތަނުން ހިދުމަތް ދޭނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ.

"އެތަނަށް ވަޑައިގަންނަވާ އިރުގައި އައިޑެންޓިފިކޭޝަނެއް، ވާހަކައަކީ ވޯކްޕާމިޓެއް ކަހަލަ އެއްޗެއް ބޭނުނެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ބިދޭސީންނަށް މިފަދަ ގޮތަކަށް ހިދުމަތްދޭ ކްލިނިކެއް ގާއިމްކޮށްފައި މިވަނީ ސައްްހަ ލިޔެކިއުންތައް ނެތް ގިނަ އަދަދެއްގެ ބިދޭސީން ތިބި އިރު، ރޯގާގެ އަލަމާތްތައް ފެނުނަސް، ޑޮކްޓަރަށް ދައްކަން އެފަދަ މީހުން ނުގޮސް ތިބެދާނެ ކަަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް ޓެސްޓްކޮށްފައި ވަނީ 73 ސާމްޕަލެކެވެ. އޭގެ ތެރެއިން 65 ސާމަޕްލް ބައްޔަށް ނެގެޓިވްވި އިރު ނަތީޖާ ނުލިބި އޮތީ ދެ ސާމްޕަލް އެވެ. ބައްޔަށް ޓެސްޓްކުރަން ބައެއް މީހުންގެ ގައިން އެއް ސާމްޕަލަށް ވުރެ ގިނައިން ނަގާތީ ސާމްޕަލްގެ އަދަދަކީ ޓެސްޓް ކުރި މީހުންގެ އަދަދެއް ނޫނެވެ.

ރާއްޖެ އިން މިހާތަނަށް އެބަލި ޖެހިފައި ވަނީ ހަ މީހަކަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް އެބަލި ޖެހުނު މީހުންގެ އަދަދަކީ 116,460 އެވެ. އޭގެ ތެރެއިން 64,750 ރަނގަޅުވި އިރު، ބަލީގައި މަރުވި މީހުންގެ އަދަދަކީ 4,091 އެވެ.