Roadha Mihaaru
"ގޭގައި ނުތިބޭ ނަމަ 200 ވެންޓިލޭޓަރަކުން ނުވާނެ"

ގޭގައި ނުތިބޭ ނަމަ 400،000 ވެންޓިލޭޓަރު ގެންނަން ޖެހިދާނެ: މަބްރޫކް

03 އެޕްރީލް 2020

މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޮވިޑް-19 އާ މެދު ފަރުވާ ކުޑަކޮށް، އެ ބަލި ކޮންޓްރޯލްކުރުމަށް ދޭ އިރުޝާދުތަކަށް އަމަލު ނުކޮށް ބޭރުގައި އުޅޭ ނަމަ 400،000 ވެންޓިލޭޓަރު ހޯދަންޖެހިދާނެ ކަމަށް ވިދާޅުވެ، މި ބައްޔާ ބެހޭ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް އިންޒާރުގެ މެސެޖެއް މިރޭ ދެއްވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޮވިޑް-19 އާ މެދު ފަރުވާ ކުޑަކޮށް، އެ ބަލި ކޮންޓްރޯލްކުރުމަށް ދޭ އިރުޝާދުތަކަށް އަމަލު ނުކޮށް ބޭރުގައި އުޅޭ ނަމަ 400،000 ވެންޓިލޭޓަރު ހޯދަންޖެހިދާނެ ކަމަށް ވިދާޅުވެ، މި ބައްޔާ ބެހޭ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް އިންޒާރުގެ މެސެޖެއް މިރޭ ދެއްވައިފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ބާއްވަމުންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، އިރުޝާދުތަކަށް ބޯނުލަނބާ އެއްވެސް ވަރަކަށް ވިސްނުމެއް ނެތި މަގުމައްޗަށް ނުކުންނަ މީހުންގެ ވާހަކަ ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މިގޮތަށް އަމަލުތައް ބަހައްޓާ ނަމަ، 200 ވެންޓިލޭޓަރުން ނުފުދޭނެ ކަމަށާއި 400،000 ވެންޓިލޭޓަރު ގެންނަން ޖެހިދާނެ ކަމަށެވެ.

އޭނާ އެ އިޝާރާތްކުރެއްވީ ރާއްޖޭގެ ކޮންމެ މީހަކަށް ވެންޓިލޭޓަރެއް ހޯދަން ޖެހުމަށެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ވެފައި މި ބައްޔަށް އަދި ފަރުވާއެއް ނެތުމުން، ރައްކާތެރިކަމުގެ އެންމެ ބޮޑު ފިޔަވަޅަކީ މީހުންނާ ގައިގޯޅިވެ ނޫޅުން ކަމަށް ސިއްހީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ. ބަލިޖެހޭ މީހުން ކުއްލިއަކަށް އިތުރުވެއްޖެ ނަމަ އެކަށީގެންވާ ފަރުވާ ނުދެވި ހާލު ބޮޑުވާ މީހުން އިތުރުވާ ކަމަށާއި އެހެން ވުމުން ވެންޓިލޭޓަރު ފަދަ މެޑިކަލް މުހިންމު ވަސީލަތްތަކުގެ ބޭނުން ހިފަންޖެހުން އާދަޔާ ހިލާފަށް އިތުރުވެގެންދާކަން ވެސް އެހެން ގައުމުތަކުގެ ތަޖުރިބާ އިން އެނގެ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގައި ވެސް، ކޮރޯނާވައިރަސް ޖެހޭ މީހުން ގިނަވެ ނިއުމޯނިއާ ޖެހުން ފަދަ ސީރިއަސް ހާލަތްތަކަށް ދިއުމުން ވެންޓިލޭޓަރު އޮންނަނީ އެންމެންނަށްވާ ވަރަށް ނުލިބިފަ އެވެ. އެހެންވެ ގައުމުތަކުގައި އަންނަނީ ވެންޓިލޭޓަރު އަލުން އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މިފަދަ ހާލަތެއް ވެސް އަތުވެދާނެ ކަމަށް ބަލައި 200 ވެންޓިލޭޓަރު ބޭނުންކުރެވޭނެ އިންތިޒާމު ސަރުކާރުން އަންނަނީ ހަމަަޖައްސަމުންނެވެ. ބޭރަށް

"މިކުރާ ކަންކަމަށް ނުވިސްނާ ބަޔަކަށް އަޅުގަނޑުމެން ވެއްޖެއްޔާ އެއްފަހަރާ ވަރަށް ގިނަ ބަޔަކަށް ބަލި ޖެހިދާނެ ޖެހިއްޔެއްޔާ ދުއިސައްތަ ތިންސަތޭކައެއް ނޫން ހަތަރު ލައްކަ ވެންޓިލޭޓަރު ގެނެސްގެން އަޅުގަނޑުމެން ތިބެން ޖެހޭނީ"

މަބްރޫކް ވިދާޅުވީ ދިވެހިންގެ ތެރޭގައި "ވަރަށް އެހެންކަހަލަ ވިސްނުމެއް" އެބަ އޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް މީހުން ވިސްނާ ގޮތުގައި އެންމެ މީހަކު ގޭގައި އޮވެގެން ވާނެ ފައިދާއެއް ނެތެވެ. އެ ވިސްނުމުގެ ވާހަކަ ދައްކާ މީހުންނާ ބައްދަލުވެފައި ހުރިކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، ފިޒިކަލް ޑިސްޓަންސިން އަކީ އެހެން ހިނގާ ކަމެއް ނޫން ކަމަށެވެ.

އެންމެ މީހެއްގެ ގައިން ތިން މީހުންނަށް އެ ބަލި ޖެހޭ ކަމަށް ބަލަންޏާ ވެސް އެންމެ މީހަކު ގޭގައި މަޑުކޮށްގެން އިތުރު ތިން މީހަކު މި ބަލިން ސަލާމަތްވާކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ތިމާ ގޭގައި އޮވެގެން އެހެން ބަޔަކަށް ފައިދާއެއް ނުވިޔަސް ހަމަ ޔަގީނުން ވެސް އަމިއްލަ އާއިލާ ބަލިން ސަލާމަތްވާނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ.

"ހަމަ ޔަގީނުންވެސް އެކަން ކުރީމަ [ގޭގަ މަޑުކުރީމަ] އެބަ ކަށަވަރުކޮށްދެވޭ އަމިއްލަ ގެ، އަމިއްލަ އާއިލާ ސަލާމްތަކޮށްދެވޭ ކަން، އަދި އޭގެ އިތުރަށް އެއާ ހެދި ފެތުރޭ މިންވަރުވެސް ދަށް ކުރެވޭ"

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަމުން މި އަންނަނީ މި ބަލި ކޮންޓްރޯލްކޮށް ފެތުރޭ މިންވަރު ލަސްކުރަން ކަމަށެވެ. ބަލި ފެތުރޭ މިންވަރު ލަސްވަންޏާ އެއްފަހަރާ ފަރުވާ ދޭންޖެހޭ މީހުން މަދުވެގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން ފަރުވާގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ސަރުކާރުން މި ކުރާ މަސައްކަތަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް މަބްރޫކް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގަ އެވެ. މަބްރޫކް ވިދާޅުވި ގޮތުގައި އިއްޔެ އަށް ވުރެ މިއަދު ބޭރުގައި އުޅުނު މީހުން ގިނަ އެވެ. މި ތިން ގަޑި އިރު ތެރޭގައި މާލެ ސަރައްދުން އިއްޔެ ނަސޭހަތްތެރިވާން ޖެހުނީ އެންމެ 95 މީހުންނަށް ކަމަށް ފުުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދު 183 މީހަކަށް ނަސޭހަތްތެރިވާން ޖެހުނު ކަމަށް ފުލުހުން ބުންޏެވެ. އަދި މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން ވެސް މެދުކަނޑާލާފައިވަނީ ގައިގޯޅިވެ އުޅުން ކުޑަކުރުމަށެވެ.