Roadha Mihaaru
ޗެމްޕިއަންސް ލީގު: ޓޮޓެންހަމް ކަޓައިފި، އެޓަލާންޓާ ކުއާޓާ އަށް

ޗެމްޕިއަންސް ލީގު: ޓޮޓެންހަމް ކަޓައިފި، އެޓަލާންޓާ ކުއާޓާ އަށް

11 މާޗް 2020

ލީޕްޒިގް (މާޗް 11) – ޖަރުމަނުގެ އާރްބީ ލީޕްޒީގް އަތުން 3-0 އިން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ކެޓިއިރު ސްޕެއިނުގެ ވެލެންސިއާ 4-3 އިން ބަލިކޮށް އިޓަލީގެ އެޓަލާންޓާ އިން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލީޕްޒިގް (މާޗް 11) – ޖަރުމަނުގެ އާރްބީ ލީޕްޒީގް އަތުން 3-0 އިން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ކެޓިއިރު ސްޕެއިނުގެ ވެލެންސިއާ 4-3 އިން ބަލިކޮށް އިޓަލީގެ އެޓަލާންޓާ އިން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ލީޕްޒީގުން، ލަންޑަނުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކޮށްފައިވާތީ ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދީ 4-0 އިންނެވެ. ފުރަތަމަ ހާފުގައި މާސެލް ސެބިޓްޒާގެ ދެ ގޯލުން ކުރި ހޯދުމަށް ފަހު ލީޕްޒީގުގެ ފަހު ގޯލް މެޗުގެ ފަހުކޮޅު ޖެހީ އެމީލް ފޮސްބާގެވެ.

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އަނިޔާގައި ހުއްޓާ އަދި ދެކުނު ކޮރެއާގެ ފޯވާޑް ސަން ހެއުން މިން ވެސް ނުކުޅެވޭ ފަދަ ހާލަތެއްގައި ހުއްޓާ ދެން ހުރި ފޯވާޑް ނެދަލެންޑްސް ފޯވާޑް ސްޓީވެން ބާގްވެއިން އަށް ވެސް އަނިޔާވުމުން ރޭ އެ ޓީމުން ކުޅުނީ ޑެލޭ އަލީ އެންމެ ކުރިއަށް އަރުވައިގެންނެވެ.

މުބާރާތުގެ ދެ ވަނަ ބުރުން ޓޮޓެންހަމް ކެޓުމަކީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ އަމިއްލަ ކެރިއަރުގައި ވެސް ފަހަތަށް އެޅި ފިޔަވަޅެކެވެ. ޕޯޗުގަލްގެ ޕޯޓޯއާ އެކު އަދި އިޓަލީގެ އިންޓަ މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ މޮރީނިއޯ އަކީ ފަހަކާ ޖެހެންދެން މި މުބާރާތުގައި ރެކޯޑް ރަނގަޅު ކޯޗެކެވެ. އެކަމަކު 2014 ގެ ފަހުން މުބާރާތުގެ ނޮކްއައުޓް މެޗަކުން އޭނާ އަށް މޮޅެއް ނުހޯދެ އެވެ.

މޮރީނިއޯ ބުނީ ޓޮޓެންހަމުން ނުކުތީ ކުރި ހޯދޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށާއި އެކަމަކު މި ހާލަތުގައި އުނދަގޫވާނެކަން ވެސް އެނގޭ ކަމަށެވެ.

"މި ވަގުތު ލަނޑު ޖެހުމަކީ އަހަރެމެންނަށް ވަރަށް އުނދަގޫ ކަމެއް. އަހަރެމެންނަށް ފުރަތަމަ ހެދުނު ގޯސްތަކުން އެ ޓީމުން ލަނޑު ޖަހައިފި. އެ ޓީމު ފިޒިކަލީ ވަރަށް ވަރުގަދަ. އެ ޓީމުގެ ޑިފެންޑަރުން ބޯޅަތައް ހޯދާ. އެ ޓީމު އެޓޭކުގައި އެހާމެ ހަލުވި. އެ ޓީމަށް ހައްގު ކޮލިފައިވުން،" މޮރީނިއޯ ބުންޏެވެ.

މުބާރާތުގައި އަލަށް ވާދަކުރާ އެޓަލާންޓާ އިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ އެގްރިގޭޓުން 8-4 އިން ކުރި ހޯދައިގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު ވެލެންސިއާ އަތުން މޮޅުވީ 4-1 އިންނެވެ. ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ސަޕޯޓަރުން ނުވައްދާ ރޭ ސްޕެއިނުގައި ކުޅުނު މެޗުގައި އެޓަލާންޓާގެ ހަތަރު ގޯލް ވެސް ޖެހީ ޖޮސިޕް އިލިޗް އެވެ.

އޭނާ ޕެނަލްޓީއަކުން ތިން ވަނަ މިނެޓުގައި ކުރި ހޯދައިދީފައި އޮއްވާ ވެލެންސިއާ އިން ކެވިން ގަމެއިރޯގެ ލަނޑުން އެއްވަރުކުރި އެވެ. އަދި 43 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އަނެއްކާ ވެސް އިލިޗް ލީޑު ހޯދާފައި އޮއްވާ ގަމެއިރޯ ދެ ވަނަ ފަހަރަށް ވެލެންސިއާ އަށް އެއްވަރުކޮށްދިނެވެ. އޭގެ ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ ފެރަން ޓޮރޭޒް އެވެ. އެކަމަކު އިލިޗް އިތުރު ދެ ގޯލް އެޓަލާންޓާ މޮޅުކޮށްދިނެވެ.

"އެޓްލާންޓާ އަކީ މިހާރު ސަޕްރައިޒެއް ނޫން. އަހަރެމެން މި އަންނަނީ ބޮޑެތި ކަންކަން ކުރަމުން އަދި ބޭނުންވަނީ ކުރިއަށްދާން. އަހަރެމެން ބޭނުން ދައްކުވައިދޭން އަހަރެމެންނަށް މިހިސާބަށް އައި އައުމަކީ ހައްގު އައުމެއްކަން،" އިލިޗް ބުންޏެވެ.