Roadha Mihaaru
މެޗުން މޮޅުވެ ރެއާލާއި ޓޮޓެންހަމަށް ހަމަނޭވާއެއް

މެޗުން މޮޅުވެ ރެއާލާއި ޓޮޓެންހަމަށް ހަމަނޭވާއެއް

23 އޮކްޓޯބަރ 2019

ލަންޑަން (އޮކްޓޫބަރު 23) - ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗުތަކުން މޮޅުވެ ރެއާލް މެޑްރިޑާއި ޓޮޓެންހަމް ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޫބަރު 23) - ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗުތަކުން މޮޅުވެ ރެއާލް މެޑްރިޑާއި ޓޮޓެންހަމް ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

ރަށުން ބޭރުގައި ރެއާލް މޮޅުވީ ގަލަސަތަރާއި އަތުން 1-0 އިންނެވެ. ޓޮޓެންހަމް އަމިއްލަ ދަނޑުގައި މޮޅުވީ ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އަތުން 5-0 އިންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލާއި މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ޓޮޓެންހަމް، ރޭގެ މެޗުގެ ކުރިން، ކުޅުނު ދެ މެޗުން ވެސް މޮޅެއް ލިބިފައެއްނުވެ އެވެ.

ޒިނެދިން ޒިދާނަށް ރެއާލުގެ ކޯޗުގެ މަގާމުގައި ދެމިހުރެވޭނެތޯ މީޑިއާ އިން ސުވާލު އުފައްދަމުން ދާއިރު، ރޭގެ މެޗުގައި އެ ޓީމު މޮޅުކޮށްދިނުމުގައި ގޯލްކީޕަރު ތިބައު ކޯޓުއާ އަށް ހާއްސަ ޝުކުރެއް ހައްގުވެ އެވެ. މެޗުގެ ކުރީކޮޅުގައި ގަލަސަތަރާއި އިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ކޯޓުއާ ވަނީ ހުއްޓުވައިފަ އެވެ.

ރެއާލުން ޖެހި ހަމައެކަނި ގޯލު މެޗުގެ 18 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް އެވެ. އެޑެން ހަޒާޑް ދިން ބޯޅަ އަކުން ކްރޫސް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފްގައި ލީޑުފުޅާކުރަން ހަޒާޑަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ތިން މެޗުން ވެސް މޮޅުވި ޕީއެސްޖީ އެވެ. ރޭ ޕީއެސްޖީ ކުޅުނު މެޗުން ވަނީ ކްލަބް ބްރޫޖް އަތުން ރަށުންބޭރުގައި 5-0 އިން މޮޅުވެފަ އެވެ. އަނިޔާއިން ރަނގަޅުވެ ފޯމަކަށް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ހެޓްރިކެއް ހެދި މި މެޗުގައި އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ މައުރޯ އިކާޑީ އެވެ.

މި ފަަހަރުގެ ސީޒަނުގައި ޓޮޓެންހަމަށް އަދި އެ ޓީމުގެ އަސްލު ލެވެލްގައި ކުޅެވޭ ގޮތެއްނުވެ އެވެ. ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމަށް ނަތީޖާ ނެރުމުގައި ގިނަ މައްސަލަތަކެއް އަންނަނީ ދިމާވަމުންނެވެ. އެކަމަކު ރޭގެ މެޗުގައި އެ ޓީމުން ވަނީ ބޮޑު މޮޅެއް ހޯދައި އުއްމީދު އާ ކޮށްފަ އެވެ. ރެޑް ސްޓާ ކޮޅަށް ޓޮޓެންހަމްގެ ހެރީ ކޭން އާއި ސޮން ހެއުން މިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ޖެހީ އެރިކް ލަމޭލާ އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކް ރޭ ވަނީ ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން 3-2 އިން މޮޅުވެ، އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ.