Roadha Mihaaru
ކިޔަވައިދޭ ތަންތަނާއި ސިނަމާތައް ބަންދުކުރަން އަންގައިފި

ކިޔަވައިދޭ ހުރިހާ ތަނަކާއި ސިނަމާތައް ބަންދުކުރަން އަންގައިފި

16 މާޗް 2020

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތަކާއި ތައުލީމު ދޭ އެހެނިހެން ކްލާސްތަކުގައި ކިޔަވައި ދިނުން އަދި ސިނަމާތަކާއި ތިއޭޓަރުތައް މި ވަގުތަށް ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އަންގަވައިފި އެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު މިހާތަނަށް ފެނުމާ ގުޅިގެން ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ބާރު އާންމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން ދީފައި ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަށެވެ.

އޭނާ ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސްކޫލްތަކާއި ތައުލީމުދޭ މަރުކަޒުތަކާއި ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތަކާއި ތައުލީމުދޭ އެހެނިހެން ކްލާސްތައް ބަންދު ކުރުމަށެވެ.

ސިނަމާތަކާއި ތިއޭޓަރުތައް ބަންދުކުރަނީ މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށެވެ.

"މަތީގައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ،" ޕަބްލިކް ހެލްތުގެ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ މައިމޫނާގެ އެންގުމުގައި ވެ އެވެ.

"އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަކަށް އަންގަމެވެ."

ރާއްޖެ އިން ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ އިޓަލީގެ ޓޫރިސްޓުންނެވެ. އެ ގައުމުގެ ނުވަ މީހަކު ޕޮޒިޓިވް ވެފައި ވެ އެވެ. ދެން ތިބީ ތުރުކީގެ މީހަކާއި އިނގިރޭސި ވިލާތުގެ މީހަކާއި ސައުތު އެފްރިކާގެ މީހެއް އަދި ޖަރުމަނުގެ މީހެކެވެ.