Roadha Mihaaru
ސިނަމާތައް މި ވަގުތަށް ހުއްޓާލަން އަންގައިފި

ކޮވިޑް-19: ސިނަމާތައް މި ވަގުތަށް ހުއްޓާލަން އަންގައިފި

29 މާޗް 2020

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ރަށްތަކުގައި ހިންގާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ރަށްތަކުގައި ހިންގާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އަންގައިފި އެވެ.

ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އަންގާފައި ވަނީ ރާއްޖޭގައި ހިންގާ އެންމެހައި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން މާދަމާއިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އެ އެންގުން ތަންފީޒު ކުރުމަށް ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ވަނީ އަންގައިފަ އެވެ.

އެޗްޕީއޭއިން މިއަދު ވަނީ މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކްލާސްތައް ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން އަންގައިފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވަ އެވެ. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް، ވަޒީރު އިއުލާނުކުރައްވައިފި ނަމަ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ. އެ ބާރުގެ ދަށުން ގިނަ އެންގުންތަކެއް މިހާތަނަށް އަންގާފައިވެ އެވެ.

ރާއްޖޭން ކޮވިޑް-19 އަށް 17 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 13 މީހުން ވަނީ ރަނގަޅުވެފަ އެވެ.