Roadha Mihaaru
ހަފުތާއަކަށް ފަހު ކާފިއު އުވާލައިފި

ހަފުތާއަކަށް ފަހު ކާފިއު އުވާލައިފި

09 އެޕްރީލް 2020

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި އެއް ހަފުތާގެ ކާފިއު މިއަދުން ފެށިގެން އުވާލައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި އެއް ހަފުތާގެ ކާފިއު މިއަދުން ފެށިގެން އުވާލައިފި އެވެ.

އެޗްޕީއޭ އިން ދެންމެ ކުރި އިއުލާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު މިއަދު ހަވީރު 5 ން ފެށިގެން އުވާލާފައިވާ ކަމަށެވެ. ނަމަވެސް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އެއް ވަގުތެއްގައި ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އުޅުން އަދިވެސް މަނާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

"މިއާ އެކު، މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކަން އިތުރު ކުރުމަށްޓަކައި މާލޭގެ ލޯކަލް މާރުކޭޓުތަކާއި ސުޕާ މާކެޓްތަކާއި ފިހާރަތަކާއި އޮފީސްތަކާއި ބޭންކުތަކާއި އެހެނިހެން ގޮތްގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި ގައިދުރުކަމުގެ ރަނގަޅު މިންގަނޑުތައް ހުންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ވާނެ އެވެ،" ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ވެ އެވެ.

"އަދި ޚިދުމަތް ހޯދާ ފަރާތްތަކުން ވެސް ގައިދު ކުރުމުގެ ގޮތްތަކާއި އާދަތަކަށް އިސްކަންދިނުމަށާއި އެގޮތަށް އަމަލު ބެހެއްޓުމަށް ދަންނަވަމެވެ."

މާލެ ސަރަހައްދުގައި ކާފިއު އުވައިލި ނަމަވެސް އަންނަ ހަފުތާގައި ވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަން ބަންދެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުއްޓާލައިފަ އެވެ. މީގެ އިތުރުން ކެފޭ/ރެސްޓޯރަންޓްތަކުގައި ތިބެގެން ކެއުންބުއިން ވެސް ވަކި ގޮތަކަށް އެޗްޕީއޭ އިން އަންގަންދެން މަނަލެވެ. އެ ތަންތަނުގައި މިހާރު ދެނީ ޑެލިވަރީގެ ޚިދުމަތެވެ،