Roadha Mihaaru
ސިވިލް ކޯޓުގެ އަޑުއެހުންތައް އޯޑިއޯކޮށް ގެންދަނީ

ސިވިލް ކޯޓުގެ އަޑުއެހުންތައް އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަނީ

16 މާޗް 2020

ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޑުއެހުންތައް އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށާއި އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހަޅަންޖެހޭ ގޮތަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޑުއެހުންތައް އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށާއި އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހަޅަންޖެހޭ ގޮތަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާންކޮށް، ރައްކާތެެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެ ވައިރަސް ހުރި 13 މީހަކު ރާއްޖެއިން މިހާތަނަށް ވަނީ ފެނިފަ އެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ކޯޓަށް ހާޒިރުކުރާ މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން އަޑުއެހުންތައް އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށާއި އަދި ކޮންމެހެން މީހުން ހާޒިރު ކުރަންޖެހޭ ނަމަ، އެ އަޑުއެހުމެއް ބާއްވާނެ ގޮތް އިސް ގާޒީއާ މަޝްވަރާކޮށްގެން އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަކު ކަނޑައަޅާ ގޮތަށެވެ. އަދި މައްސަލަތައް ހުށަހަޅަން ކޯޓަށް އައުމުގެ ބަދަލުގައި އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައި، އެކަމަށް ޚާއްސަ އީމެއިލްއެއް ވެސް އެ ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ކޯޓަށް ހާޒިރުވުމުގެ އަމުރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވުމަށާއި ބަޔާން ބަދަލު ކުރުން ވެސް އެ މައްސަލައެއް ބަލާ ސެކްޝަނަށް އީމެއިލް ކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހެދުމުގެ އިތުރުން ކޯޓުގެ ނިންމުންތަކާއި އަމުރުތައް ވެސް ވެބްސައިޓަށް ލުމުގެ އިތުރުން އީމެއިލް ކުރާ ގޮތަށް ވެސް ހަމަޖައްސާފައިވާ ސިވިލް ކޯޓުން ބުންޏެވެ. އަދި ހުރިހާ ސިޓީތަކާއިި ލިޔުންތައް ވެސް ޖެމްސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން ބުނިގޮތުގައި މިދުވަސްވަރު އެ ކޯޓު ހުޅުވާފައި ހުންނާނީ ހެނދުނު 8 އިން ފެށިގެން ހަވީރު 6 އާ ހަމައަށެވެ. އަދި އާންމު އުސޫލުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެ ކޯޓު ނުހުޅުވާނެ ކަމަށާއި އަދި ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އެފަދަ އިންތިޒާމްތައް ވެސް ހަމަޖައްސާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން އެގޮތަށް ހަމަޖެއްސިއިރު، ފެމިލީ ކޯޓުން ވެސް އިއްޔެ ވަނީ ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުމާއި ބަންދު ދުވަސްތަކުގައި ކައިވެނިކޮށް ދިނުން މަޑުޖައްސާލައި، އިތުރު ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.