Roadha Mihaaru
ޝަރީއަތަށް ނުގޮސް ޑިސްޕިއުޓުން ގިނަ މައްސަލަ ހައްލުވި

ޝަރީއަތަށް ނުގޮސް ޑިސްޕިއުޓުން ގިނަ މައްސަލަ ހައްލުވި

03 ޖެނުއަރީ 2019

މިދިޔަ އަހަރު ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދެއްގެ މައްސަލަތައް ޝަރީއަތަށް ނުގޮސް ހައްލުވެފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދެއްގެ މައްސަލަތައް ޝަރީއަތަށް ނުގޮސް ހައްލުވެފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސިވިލް ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުުތައް ދައްކާ ގޮތުން ޝަރީއަތަށް ފޮނުވުމުގެ ކުރިން ސުލްހަވެރި ހައްލެއް ލިބޭތޯ އޮންނަ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް މިދިޔަ އަހަރު 3،100 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅުނު އިރު، 1،819 މައްސަލައެއް ވަނީ ޝަރީއަތަށް ނުގޮސް ހައްލުވެފަ އެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 53 ޕަސެންޓެވެ. އަދި އެއީ 2017 ވަނަ އަހަރު ޑިސްޕިއުޓް މަރުހަލާއިން ހައްލުވި މިންވަރަށް ވުރެ ވެސް އިތުރު އަދަދެކެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓަށް 4،900 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅުނުއިރު، 2017 ގައި ނިމުނުއިރު ނުނިމި ހުރި މައްސަލަތަކުގެ ގޮތުގައި 1،200 މައްސަލައެއް ވެސް އޮތެވެ. އޭގެ ތެރެއިން 4،300 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ. އެހެންވެ، މިދިޔަ އަހަރު ނިމުނުއިރު ނުނިމި ބާކީ އޮތީ 1،700 މައްސަލަ އެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ވެސް އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި އޮތީ އެންމެ ހަތަރު މައްސަލަ އެކެވެ.

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މިދިޔަ އަހަރު 190 މައްސަލައެއް ހުށަހެޅުނުއިރު، 2017 ގެ މައްސަލަތަކުގެ ގޮތުގައި 44 މައްސަލައެއް ވެސް އެ ޑިވިޝަންގައި އޮތެވެ. އޭގެ ތެރެއިން 164 މައްސަލައެއް ނިންމާފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެ ޑިވިޝަންގައި ނުނިމި ބާކީ ހުރި މައްސަލަތަކުގެ ތެރެއިން ވެސް އެއް އަހަރު ވެފައި އޮތީ އެންމެ ދެ މައްސަލަ އެކެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުން ބެލި މައްސަލަތަކުގައި ދަރަނީގެ ގޮތުގައި 587 މިލިއަން ރުފިޔާ ވަނީ ސާބިތުވެފަ އެވެ. އެއީ 335 މިލިއަން ރުފިޔާ އާއި 16 މިލިއަން ޑޮލަރުގެ އިތުރުން 21،000 ޔޫރޯ އެވެ. އަދި ކުރިން ސާބިތުވެފައިވާ ދަރަނީގެ ތެރެއިން 79 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 1.2 މިލިއަން ޑޮލަރު ވެސް މިދިޔަ އަހަރު ބަލައިގަތެވެ.

ސިވިލް ކޯޓުން ބުނިގޮތުގައި މިއަހަރުގެ އަމާޒަކީ އެ ކޯޓުގައި އެއް އަހަރު ވެފައިވާ އެއްވެސް މައްސަލައެއް ނުބޭއްވުމާއި ހުށަހެޅޭ މައްސަލަތަކާ އެއް މިންވަރަށް މައްސަލަތައް ނިންމުމެވެ.