Roadha Mihaaru
މެލޭޝިއާ، ޔޫކޭއިން މީހުން ރާއްޖެ އައުން މަނާކޮށްފި

އިނގިރޭސި ވިލާތާއި މެލޭޝިއާ އިން މީހުން ރާއްޖެ އައުން މަނާކޮށްފި

17 މާޗް 2020

ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިނގިރޭސި ވިލާތާއި މެލޭޝިއާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިނގިރޭސި ވިލާތާއި މެލޭޝިއާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މިއަދު ހަވީރު 6:00 ގެ ފަހުން މެލޭޝިއާ އިން ރާއްޖެ އަށް މީހުންނަށް ނާދެވޭނެ ކަމަށެވެ. އަދި މެލޭޝިއާގައި ޓްރާންސިޓް ވެފައި އަންނަ މީހުންނަށް ވެސް ރާއްޖެ އެތެރެއެއް ނުވެވޭނެ އެވެ. އެކަމަކު، އެ ދެ ގައުމުން އަންނަ ދިވެހިންނަށް ރާއްޖެ އާދެވޭނެ އެވެ. ނަމަވެސް ކުރިއްސުރެ ހަމަޖައްސާފައިވާ އުސޫލުގެ ތެރޭގައި ދިވެހިން ގެންދާނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ފެސިލިޓީ އަކަށެވެ.

އިނގިރޭސި ވިލާތުން އަންނަ މީހުންނަށް ރާއްޖޭގެ މައިދޮރޯށި ބަންދުވާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެ ގައުމުގައި ޓްރާންސިޓް ވެފައި ރާއްޖެ އަންނަ މީހުންނަށް ވެސް އެ މުއްދަތުގެ ފަހުން ރާއްޖެ އެތެރެ ނުވެވޭނެ އެވެ.

މެލޭޝިއާ އަކީ މިހާރު ކޮވިޑް ބަލި އެންމެ ބާރަށް ފެތުރޭ އެއް ގައުމެވެ. އެ ގައުމުތައި ތަފާތު ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހި ދިރިއުޅެމުން ދާއިރު، އެ ބަލިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ގައުމު މިހާރު ވަނީ "ބަންދުކޮށްފަ" އެވެ. މިރޭ ދަންވަރު 12 ން ފެށިގެން މެލޭޝިއާ އިން ވަނީ ވައިގެ ދަތުރުފަތުރުތައް ހުއްޓާލަން ނިންމައިފަ އެވެ.

މެލޭޝިއާ އާއި އިނގިރޭސި ވިލާތުން މީހުން އައުން ބަންދުކުރުމާ އެކު، މިހާރު ރާއްޖެ އައުން މަނާ ގައުމުތަކުގެ އަދަދު މި ވަނީ 10 އަކަށް އަރައިފަ އެވެ. އެއީ އެ ދެގައުމުގެ އިތުރުން ޗައިނާ، އިރާން، ބަންގްލަދޭޝް، އިޓަލީ، ސްޕެއިން، ދެކުނު ކޮރެއާ، ފްރާންސް އަދި ޖަރުމަނުގެ ބައެއް ސަރަހައްދުތަކެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ 13 ކޭސް މިހާތަނަށް ރާއްޖެއިން ފެނިފައިވާއިރު، ރާއްޖެއަށް އެންމެ ފުރަމަ މި ވައިރަސް އައިސްފައި ވަނީ ރާއްޖެ އައި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އަދި މި 13 މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ މީހުންނެވެ. މި ހުރިހާ މީހުންގެ ހާލު ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.