Roadha Mihaaru
މެލޭގެ މިސްކިތަކަށް ދިވެއްސަކު ދިޔަ ނަމަ އަންގަންއެދެފި

މެލޭޝިއާގެ މިސްކިތަކަށް ދިވެއްސަކު ދިޔަ ނަމަ، އިދާރާތަކަށް އަންގަން އެދިއްޖެ

12 މާޗް 2020

މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގެ މިސްކިތަކަށް ގޮސް އުޅުނު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ މިސްކިތަށް ދިވެއްސަކު ދިޔަ ނަމަ އެކަން ކަމާބެހޭ އިދާރާތަކަށް އަންގަން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު އެދިއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގެ މިސްކިތަކަށް ގޮސް އުޅުނު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ މިސްކިތަށް ދިވެއްސަކު ދިޔަ ނަމަ އެކަން ކަމާބެހޭ އިދާރާތަކަށް އަންގަން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު އެދިއްޖެ އެވެ.

ކޮވިޑް-19 ބަލި ޖެހުނީ ސެރި ޕެޓަލިން މިސްކިތުގައި މިދިޔަ މަހުގެ 28 ން މި މަހުގެ 1 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ދީނީ އެއްވުމެއްގައި ބައިވެރިވި އުމުރުން 60 އަހަރުގެ މެލޭޝިއާގެ ފިރިހެނަކަށެވެ.

އެހެންވެ، އެ މިސްކިތަށް އެ ތިން ދުވަހު ދިޔަ ކޮންމެ މީހަކު، އެކަން މެލޭޝިއާގެ ކްރައިސިސް ޕްރިޕެއާޑްނެސް އެންޑް ރެސްޕޯންސް ސެންޓާ (ސީޕީއާރްސީ) އަށް އަންގަން އެ ގައުމުން ވަނީ އެދިފަ އެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ކުރި ޓްވީޓެއް

މިކަމާ ގުޅިގެން، ބަލި ފެތުރިޔަ ނުދިނުމަށްޓަކައި އެ އެއްވުމުގައި ބައިވެރިވި އެންމެން ކަމާ ބެހޭ އިދާރާތަކަށް އެކަން އަންގަން އެދިފައި ވެ އެވެ. މި އެއްވުމުގައި 5،000 ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މެލޭޝިއާ ނޫސްތަކުގައި ބުނެފައި ވެ އެވެ.

އެ މުއްދަތުގައި އެ މިސްކިތަށް ދިޔަ ދިވެއްސަކު މިހާރު ރާއްޖެ އައިސްފައިވާ ނަމަ އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އަންގަން ވެސް މިހާރު ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެއް އިމާރާތެއްގައި އުޅުނު ދިވެއްސަކު، މެލޭޝިއާ އިން ރާއްޖެ އެނބުރި އައުމުން އެ ބައްޔަށް ޓެސްޓު ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ރޭ ވަނީ ބުނެފަ އެވެ. އެ މީހާގެ ކިބައިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީ އަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

މެލޭޝިއާ އިން މިހާތަނަށް 149 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން 26 މީހަކު، ފަރުވާ ދިނުމަށް ފަހު ރަނގަޅުވުމުން ވަނީ ދޫކޮށްލާފަ އެވެ.

ޗައިނާގެ ވުހާން ޕްރޮވިންސް އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ބައްޔަކީ މިހާރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑު ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ވަނީ އިއުލާންކޮށްފަ އެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އެ މީހެއްގެ އާއި މުޖުތަމައުގެ ސާފުތާހިރުކަން ދެމެހެއްޓުމެވެ. އަވަސް އަވަހަށް ސައިބޯނި ލައިގެން އަތް ދޮވުމާއި މަގު މައްޗަށް ކުޅު ނުޖެހުމާއި ރޯގާގެ އަލާމާތްތައް ފެންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން މުހިއްމެވެ.