Roadha Mihaaru
ބޯޑަރު ބަންދުކުރުމުގެ މަޝްވަރާއެއް ނުކުރޭ: މަބްރޫކް

ބޯޑަރު އަލުން ބަންދުކުރުމުގެ މަޝްވަރާއެއް ނުކުރޭ: މަބްރޫކް

29 މެއި 2021

ރާއްޖޭގައި ކޮވިޑް ފެތުރުން އަދިވެސް ކޮންޓްރޯލް ނުވެ އަދަދުތައް މައްޗަށް ދާތީ، ބޯޑަރު އަލުން ބަންދުކުރަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ކޮވިޑް ފެތުރުން އަދިވެސް ކޮންޓްރޯލް ނުވެ އަދަދުތައް މައްޗަށް ދާތީ، ބޯޑަރު އަލުން ބަންދުކުރަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

އަންނަ އޯގަސްޓް މަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ސަރުކާރުން މަޝްވަރާ ކުރާ ކަމަށް ދެއްކެވޭ ވާހަކަތައް ސާފުކޮށްދެއްވުމަށް މިއަދުގެ މީޑިއާ ބްރީފިންގައި ނޫސްވެރިޔަކު އެދުމުން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިގޮތުގައި "އެފަދަ އެއްވެސް މަޝްވަރާއެއް އަދި ސަރުކާރުން ނުކުރެ،" އެވެ.

ކޮވިޑްގެ ހާލަތު މާ ބޮޑަށް ގޯސްވެ، ދެވަނަ ފަހަރަށް މާލެ ސަރަހައްދު މި ހަފުތާގައި ލޮކްޑައުން ކުރުމާއެކު ރާއްޖޭގެ ބޯޑަރު ވެސް ބަންދުކުރާނެ ކަމަށް ބުނެ އަޑުތަކެއް ވަނީ އަރައިފަ އެވެ. އެ ފިޔަވަޅު އަލުން އަޅަން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ގޮވާލައިފަ އެވެ.

ސަރުކާރުގެ ބައެއް ވެރިން ބުނަމުން އަންނަނީ އަދި ބޯޑަރު ބަންދުނުކޮށް ވެސް، ރާއްޖޭގެ ކޮވިޑް ހާލަތު ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. ރާއްޖެ އަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއް ކަމުން ބޯޑަރު އަލުން ބަންދުކޮށްފި ނަމަ ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ބޯޑަރު ބަންދު ނުކުރި ނަމަވެސް ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން ފިޔަވައި އިތުރު މީހުން ރާއްޖެ އައުން ވަނީ މަނާކޮށްފަ އެވެ. އަދި މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޔޫރަޕުންނެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޮންމެ ދުވަހެއްގެ ކޭސްތައް 1،000 އިން މަތީގައި ހުރުމަށް ފަހު، އިއްޔެ ވަނީ 900 އަށް ވެއްޓިފަ އެވެ. ކޭސްތައް މަދުވާން ފަށާފައިވާއިރު، ބަލި ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ މާލެ އާއި ރަށްރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.