Roadha Mihaaru
ހުއްދަ ނުލިބި ބޮޑެތި ފިހާރަތައް ނުހުޅުވިފައި

ހުއްދަ ނުލިބި ބޮޑެތި ފިހާރަތައް ނުހުޅުވިފައި

26 މެއި 2021

ކޮވިޑާ ގުޅިގެން މިއަދު އެޅި ފިޔަވަޅުތަކާ އެކު، ވިޔަފާރި ކުރުމުގެ ހުއްދަ އާއި މުވައްޒަފުންނަށް ދޭން ޖެހޭ ހުއްދަތައް ނުލިބި ބައެއް ފިހާރަތައް މިއަދު ބަންދުކުރަން ޖެހިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑާ ގުޅިގެން މިއަދު އެޅި ފިޔަވަޅުތަކާ އެކު، ވިޔަފާރި ކުރުމުގެ ހުއްދަ އާއި މުވައްޒަފުންނަށް ދޭން ޖެހޭ ހުއްދަތައް ނުލިބި ބައެއް ފިހާރަތައް މިއަދު ބަންދުކުރަން ޖެހިއްޖެ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފިހާރަތަކަށް ވިޔަފާރި ކުރެވޭނީ ހުއްދަ ލިބިގެންނެވެ. މި ހުއްދަ ހޯދުމަށް އެދި އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލި އެވެ.

"މިހާރު"އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުނީ އަދިވެސް ހުއްދަތައް ނުލިބޭ ކަމަށެވެ. އެހެންކަމުން ފިހާރަތައް ނުހުޅުވި ދަތިތަކާ ދިމާވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ކުރާ ވިޔަފާރިވެރިއަކު ބުނީ އެ ކުންފުނިން ހުއްދަ އަށް އެދިފައިވާތާ 24 ގަޑިއިރަށްވުރެ ގިނަ އިރު ވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ހުއްދަ ނުލިބޭތީ ފިހާރަތައް ނުހުޅުވޭ ކަމަށާއި މީގެ ސަބަބުން ކުންފުނީގެ އިތުރުން އާއްމުންނަށް ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަދިވެސް ވާނުވާއެއް ނޭނގޭ. ޕްރޮސެސްގައި ކަމަށް ބުނަނީ. ފިހާރަތައް އަދިވެސް ނުހުޅުވޭ. އާއްމުންނަށް މިއަދު ބޭރަށް ނުނުކުމެވޭ އިރު އެ މީހުންނަށް ވެސް ހިދުމަތް ނުލިބެންޏާ ކިހާ ދަތިވާނެ،" ނަން ހާމަ ނުކުރުމަށް އެދި ވިޔަފާރިވެރިއަކު ބުންޏެވެ.

އެހެން ވިޔަފާރިވެރިއަކު ބުނިގޮތުގައި މިހާރު ވެސް ގިނަ ބަޔަކު އޯޑަރުތައް ދެމުން އަންނަ ކަމަށެވެ. ނަމަވެސް ހުއްދަ ނުލިބުމުގެ ސަބަބުން އެ ފިހާރައިގެ އޯޑަރުތައް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.

"މިއަދު ވެސް އެތައް ބަޔަކު ގުޅައިފި ފިހާރަތައް ނުހުޅުވައިގެން. ޑެލިވަރީގެ ހިދުމަތް އެކަނި ދޭން ޖެހުނަސް އެ ހިދުމަތް ވެސް ދެވޭނީ ހުއްދަ ލިބިގެން. ބައިވަރު އޯޑަރުތައް ކެންސަލް ކުރަން ޖެހުނު ހުއްދަ ނުލިބޭތީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ބައެއް ވިޔަފާރިތަކުން ހުއްދަ ނުލިބޭތީ ފިހާރަތައް ނުހުޅުވި ނަމަވެސް ބައެއް ވިޔަފާރިތަކަށް މިހާރު ވަނީ ހުއްދަ ލިބިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރިތަކަށް ހުއްދަ ދިނުމުގެ ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ލަސްތަކެއް އުޅޭތީ ފާސްތައް ދޫކުރުމުގައި ލަސްތަކެއް ދިމާވަނީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ވިޔަފާރިތަކުން ހުއްދަ އަށް އެދި އިކޮނޮމިކް މިނިސްޓްރީ އަށް އެދުމުން އެ މިނިސްޓްރީން ބެލުމަށްފަހު އެޕްރޫވް ކުރުމުން ހުއްދަތައް ދޫކުރަނީ ފުލުހުންނެވެ.