Roadha Mihaaru
ގޯލްޑް ކޮއިންގެ "އޮފު ކެނޑި"، ބޮޑު ގެއްލުމެއް

ގޯލްޑް ކޮއިންގެ "އޮފު ކެނޑިއްޖެ"، ދިވެހި ވިޔަފާރިވެރިންނަށް ބޮޑު ގެއްލުމެއް

12 ޖެނުއަރީ 2021

ތައިލެންޑާއި ޗައިނާއިން ރާއްޖެއަށް މުދާ ފޮނުވައިދިނުމުގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ގޯލްޑް ކޮއިން އިންޓަނޭޝަނަލްއަށް މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެ، ދިވެހި އެތައް ވިޔަފާރިވެރިންނަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތައިލެންޑާއި ޗައިނާއިން ރާއްޖެއަށް މުދާ ފޮނުވައިދިނުމުގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ގޯލްޑް ކޮއިން އިންޓަނޭޝަނަލްއަށް މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެ، ދިވެހި އެތައް ވިޔަފާރިވެރިންނަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ތައިލެންޑާއި ޗައިނާގައި ހާއްސަ އޮފީސްތައް ހުޅުވައިގެން، ރާއްޖެއަށް މުދާ ފޮނުވައިދިނުމުގައި ވަރަށް ރަނގަޅު ހިދުމަތްތަކެއް ދެމުން ގެންދިޔަ ގޯލްޑް ކޮއިން ކުއްލިއަކަށް "ގެއްލުމުން" ބައެއް ވިޔަފާރިވެރިން ބުނަނީ މުދާ ގަންނަން ފޮނުވި ލާރިކޮޅު ވެސް ލިބޭނެ ގޮތެއް ނެތް ކަމަށެވެ.

ހާޑްވެއާ ބައެއް ފިހާރަތަކާއި ބައެއް ރެސްޓޯރެންޓާއި ބުކް ޝޮޕްތައް ހިންގާ ބައެއް ވިޔަފާރިވެރިންނަށް ވެސް ގޯލްޑް ކޮއިންގެ ސަބަބުން މިހާރު ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފަ އެވެ.

ފުވައްމުލަކުގައި "ހައިވޭ ރެސްޓް"ގެ ނަމުގައި ރެސްޓޯރެންޓެއް ހިންގާ މުހައްމަދު އަލީ ވިދާޅުވީ މުދާ ގެންނަން 2019ގައި 25،800 ޑޮލަރު (ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ) ދެއްކިތާ އަހަރެއް ވާން ކައިރިވި އިރު ވެސް މުދާ ވެސް އަދި އަނބުރާ އެ ފައިސާ ވެސް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގޯލްޑް ކޮއިންއަށް ގުޅުމުން މިހާރު ޖަވާބެއް ވެސް ނުލިބެ އެވެ.

"ވަރަށް މަސައްކަތް ކުރިން ގުޅަން. ތައިލެންޑްގައި ހުންނަ ގޯލްޑް ކޮއިންގެ ބޭފުޅަކަށް ވެސް އެތައް ފަހަރަކު ގުޅަން މަސައްކަތް ކުރިން. އެކަމަކު އެކަން ކާމިޔާބެއް ނުވޭ،" މުހައްމަދު ވިދާޅުވި އެވެ.

ގޯލްޑް ކޮއިންގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް ބުނި އެއް ފިހާރައަކީ، ރާއްޖޭގެ މަޝްހޫރު ބުކްޝޮޕެއް ކަމަށްވާ ރައުންޑްވަން ބުކް ޝޮޕެވެ. އެ ބުކްޝޮޕްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ މުދާ ގެންނަން 2018 ގައި ގޯލްޑް ކޮއިންއަށް 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) ފޮނުވި ކަމަށެވެ. ނަމަވެސް މުދާ ނުވަތަ ފައިސާގެ ބައެއް ނަމަވެސް އަދި ނުލިބޭ ކަމަށް، އޭނާ ވިދާޅުވި އެވެ.

"ފައިސާ ހޯދަން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެ ކުންފުނީގެ ވެރިންނަކާ ނުގުޅޭ،" ޝަރީފު ވިދާޅުވި އެވެ.

ހާޑްވެއާ ސާމާނު ތައިލެންޑުން ގެންނަން ގޯލްޑް ކޮއިންއަށް 57،000 ޑޮލަރު (870،000 ރުފިޔާ) ދެއްކި ވިޔަފާރިވެރިޔަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ޑިސެމްބަރު 2019 ގައި ކުރި އެ މުއާމަލާތުގެ ސަބަބުން މިހާރު ވިޔަފާރި ވެސް ހުއްޓިފައިވާ ކަމަށެވެ.

"އެތައް ފަހަރަކު މަސައްކަތް ކުރިން [އެމީހުންނާ] ގުޅަން، ޖަވާބެއް ނުލިބޭ. މިކަމުގައި ކޮންމެވެސް ގޮތެއް ހަދައިދޭން ބުނެގެން ވެސް އެއްވެސް ވަރަކަށް ޖަވާބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ވަރަށް އަވަހަށް ފައިސާގެ ކަންކަން ހަމަޖެހޭނެ

ވިޔަފާރިވެރިންގެ އެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރިކަން ގޯލްޑް ކޮއިންގެ ވެރިޔާ އަބްދުލް އަޒީޒު އަބްދުލް ރަހްމާން ދޮގެއް ނުކުރައްވަ އެވެ. އެކަމަކު އޭނާ ވިދާޅުވީ ކުންފުނިން އެކި މީހުންނަށް ދޭން ޖެހޭ ފައިސާއަށް ވުރެ ކްރެޑިޓަށް މުދާ ރާއްޖެ ފޮނުވައިގެން ގޯލްޑް ކޮއިންއަށް ލިބެން ހުރި ފައިސާ މާ ގިނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ ވިޔަފާރިވެރިންގެ މުދާ ގެނައުން ލަސްވެފައި އޮތީ ކޮވިޑާ ގުޅިގެން ޗައިނާ ބަންދުކުރުމުންނެވެ.

ނަމަވެސް މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި ޗައިނާގެ ގުއާންޒޫގައި ހުރި ގޯލްޑް ކޮއިންގެ އޮފީސް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އަޒީ ވިދާޅުވީ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވީ ވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ކަމަށެވެ.

ނަމަވެސް އެކި ވިޔަފާރިވެރިންނަށް ދޭން ޖެހޭ ފައިސާ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ދެވޭނެ ގޮތަކަށް ކަންކަން ރާވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފައިސާ ދޭން ޖެހޭ ކަސްޓަމަރުން އެބަ ތިބި. އެކަމަކު އަޅުގަނޑުމެންނަށް ފައިސާ ލިބެން ޖެހޭ ކަސްޓަމަރުން މާ ގިނަ،" އަޒީ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ޗައިނާ ބަންދުކުރި ގޮތަށް މުޅިއަކުން އަދި ހުޅުވައެއް ނުލަ އެވެ. ތައިލެންޑްގައި ދޭތެރެދޭތެރެއިން ކޮވިޑްގެ ހާލަތު ގޯސްވެ، ލޮކްޑައުންއަކަށް ދެ އެވެ. އެކަމަކު ކުރީގެ ހާލަތަށް އެ ގައުމު ވެސް އަދި އެނބުރި ނުދާތީ ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑު ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.

ގޯލްޑް ކޮއިން 2002 ގައި އުފައްދަވައިގެން އަޒީ ދިރިއުޅުއްވަމުން ގެންދެވީ ވެސް ބެންކޮކްގަ އެވެ. ފަހުން ޗައިނާއިން ރާއްޖެއަށް ގެންނަ މުދާ ގިނަވާން ފެށުމުން ގޯލްޑް ކޮއިންގެ ވިޔަފާރި ޗަައިނާާއަށް ވެސް ފުޅާކުރި އެވެ.

މި މައްސަލަގަނޑު ދިމާވުމުގެ ކުރިން ގޯލްޑް ކޮއިންއަކީ ދިވެހި ވަރަށް ގިނަ ވިޔަފާރިވެރިންގެ މުހިންމު އަދި އިތުބާރު ކުރި ބައިވެރިއެކެވެ.

އަޒީ ވަނީ ވ. ތިނަދޫގައި ވަރަށް ބޮޑު ގެސްޓްހައުސްއަކަށް އިންވެސްޓްކުރައްވައިފަ އެވެ. އޭނާ މިވަގުތު ހުންނެވީ ވެސް ތިނަދޫގަ އެވެ.

އަޒީގެ ކަންކަން ދެނެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ މާލީ އުނދަގޫތަކެއްގެ ތެރެއަށް އަޒީއަށް ވެންނެވުނީ ވެސް ގެސްޓްހައުސްއަށް ބޮޑު އިންވެސްޓެއް ކުރެއްވުމުން ކަމަށެވެ.

"ކޮވިޑް ލައިގަތުމާ އެކު ގޯސްވެގެން މި އުޅެނީ މާ ބޮޑަށް. ހީވަނީ ދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ހަމަޖެހޭނެހެން،" އަޒީއާ މެދު އިތުބާރު އޮތް އެ ވިޔަފާރިވެރިޔާ، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވި އެވެ.