Roadha Mihaaru
ސިންގަޕޯ އެއާލައިންގެ ދަތުރުތައް މަދުކޮށްފި

ކޮވިޑް-19: ސިންގަޕޯ އެއާލައިންގެ ދަތުރުތައް 50 ޕަސެންޓަށް މަދުކޮށްފި

18 މާޗް 2020

ކޮވިޑް-19 ރޯގާ ފެތުރޭތީ ސިންގަޕޯ އެއާލައިންގެ ދަތުރުތައް 50 ޕަސެންޓަށް މަދުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 ރޯގާ ފެތުރޭތީ ސިންގަޕޯ އެއާލައިންގެ ދަތުރުތައް 50 ޕަސެންޓަށް މަދުކޮށްފި އެވެ.

އެ އާލައިނުން ބުނީ އެކި މަންޒިލްތަކަށް ކުރަމުން ައި ދަތުރުތައް މަދުކޮށް، އޭޕްރީލް މަހާ ހަމަޔަށް ދަތުރުތަކުގެ 50 ޕަސެންޓް މަދުކޮށްފައިވާ ކަމަށެވެ. މި ބަދަލު ގެނައީ ގައުމުތަކުން ގެންނަ ބޯޑާ ކޮންޓްރޯލް އުސޫލުތަކާއި ޓްރެވެލް ބޭންތަކާ ގުޅިގެންނެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން ގައުމުތަކުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު އެއާލައިންތަކުގެ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

"ދަތުރުކުރާ މީހުންގެ އަދަދު ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ މަދުވެފައި. އަދި މިހާރު ދަތުރުކުރާ ހުރިހާ މަންޒިލްތަކަށް ޝެޑިއުލާ އެއްގޮތަށް ދަތުރުކުރުމަށް ކުންފުނި ވަނީ ނުކުޅެދިފައި،" އެ ކުންފުނީގެ ސީއީއޯ ގޯ ޗޫ ޕޯންގް ވިދާޅުވި އެވެ.

އެ ކުންފުންޏަށް ކުރިމަތިވަމުންދާ ގެއްލުމުން އަރައިގަތުމަށް އިތުރު ހަރަދުތައް ކުޑަ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މުޅި ދުނިޔޭގައި ދެ ލައްކައެއްހާ މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ. ރާއްޖޭން ވެސް ވަނީ 13 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 ފެތުރޭތީ ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ އަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިވަގުތަށް ވެސް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން އިން ބުނެފައިވެ އެވެ. އެ އެސޯސިއޭޝަނުން 290 އެއާލައިން ރިޕްރެޒެންޓް ކުރާ އިރު އެއާލައިންތަކުގެ ގާތްގަނޑަކަށް 113 ބިލިއަން ޑޮލަރުގެ އާމްދަނީ މަދުވާނެ ކަމަށް އަންދާޒާކުރެ އެވެ.