Roadha Mihaaru
މާލެ ލޮކްޑައުން ކުރާކަށް ނޫޅޭ: މަބްރޫކް

މާލެ ލޮކްޑައުން ކުރާކަށް ނޫޅޭ: މަބްރޫކް

18 މާޗް 2020

ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާދަމާ އިން ފެށިގެން މާލެ ލޮކްޑައުން ކުރަން އުޅޭ ކަމަށް ބުނެ އެކި ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާދަމާ އިން ފެށިގެން މާލެ ލޮކްޑައުން ކުރަން އުޅޭ ކަމަށް ބުނެ އެކި ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.

ވެރިރަށް މާލެ މާދަމާ ބަންދުކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު އަޑުފަތުރަމުންދާތާ 2-3 ދުވަސް ވެއްޖެ އެވެ. އެކަމަކު، ޚާއްސަކޮށް މާދަމާ މާލެ "ބަންދުކޮށް" ގެއިން ނުކުމެ އުޅުން މަނާކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ މިއަދު ފެތުރުނު އަޑު މާ ގަދަ އެވެ.

ނަމަވެސް، ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ހާލަތު އާންމުންނާ ހަމައަށް ތިލަކޮށްދެއްވާ ސަރުކާރުގެ މަންދޫބު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިރޭ ބޭއްވި ނިއުސް ބްރީފިންގައި އެ ވާހަކަތައް ވަރަށް ޔަގީންކަމާ އެކު ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ، މާލެ ލޮކްޑައުން ކުރުމުގެ ވިސްނުމެއް ވެސް ސަރުކާރުގައި ނެތް ކަމަށެވެ.

މަބްރޫކް ނޫސްވެރިންގެ ސުވާލުތަކަކަށް ޖަވާބު ދެއްވަނީ: މާލެ ބަންދުކޮށްފާނެ ކަމަށް ބަލަން ނުޖެހޭ ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މަބްރޫކް ނޫސްވެރިންގެ ސުވާލުތަކަކަށް ޖަވާބު ދެއްވަނީ: މާލެ ބަންދުކޮށްފާނެ ކަމަށް ބަލަން ނުޖެހޭ ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ވާހަކަ އެބަދެއްކޭ މާދަމާ އިން ފެށިގެން މުޅި މާލެ ލޮކްޑައުން އަކަށް ދަނީއޭ. ފިހާރަތައް ވެސް ބަންދުވެ، ގެއިން ނުނިކުމެވި، މާލެ އަށް އަރައި ވެސް ނުފޭބޭނެއޭ. އެއީ ހަމަ ސީދާ ދޮގެއް،" ދަރުބާރުގޭގައި ބޭއްވި ނިއުސް ބްރީފިންގައި މަބްރޫކް ވިދާޅުވި އެވެ.

"އެ ކަހަލަ ވާހަކައެއް ދެއްކިފައެއް ވެސް ނެތް. އެ ކަހަލަ ފިޔަވަޅެއް އެޅުމައް ރާވައިފައި ވެސް ނެތް."

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މާލެ ބަންދު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ އެއްކޮށް ބަންދުކޮށްފި ނަމަ، ރާއްޖޭގެ އިގްތިސޯދުގެ އިންޖީނު ނިވި، މުޅި ގައުމު ހުއްޓޭނެ ކަމަށެވެ. އެހެންވީމާ މި ވަގުތައް އޮތް ހައްލަކީ ރައްކާތެރި ގައުމުތަކުން ޓުއަރިސްޓުން ގެނެސް، ރަނގަޅަސް ހާލަތު މޮނިޓާ ކުރުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ވާހަކަ އެބަދެއްކޭ މާދަމާ އިން ފެށިގެން މުޅި މާލެ ލޮކްޑައުން އަކަށް ދަނީއޭ. އެއީ ހަމަ ސީދާ ދޮގެއް. އެ ކަހަލަ ވާހަކައެއް ދެއްކިފައެއް ވެސް ނެތް. އެ ކަހަލަ ފިޔަވަޅެއް އެޅުމަށް ރާވައިފައެއް ވެސް ނެތް: މަބްރޫކް

މާލެ ލޮކްޑައުންކުރަން އުޅޭ ކަމުގެ ވާހަކަތަކާ އެކު، އަނެއްކާ ވެސް ފިހާރަތަކަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ. އެގޮތުން، ގަނޑުކޮށް ކާޑުގެ ބާވަތްތައް ގަތުމާއި ގިނަ އަދަދަކަށް ދަޅުމަސް ކޭސްތައް ގޭގެ އަށް ގެންގޮސް ރައްކާކުރުން ހިމެނެ އެވެ.

މަބްރޫކް ވިދާޅުވީ، ގެ އަށް ބޭނުންވާ ތަކެތި މި ދުވަސްވަރު ގަނޑުކޮށް ގަންނަނީ މާލެ ބަންދުކޮށްފާނެ ކަމުގެ ބިރު ހީވެގެން ކަމަށް ވަނީ ނަމަ އެފަދަ ފިކުރެއް ކުރަން ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންނަށް ބޭނުންވާ ވަރަށް ކާބޯތަކެއްޗާއި މުދާ މިހާރު ވެސް އެބަހުއްޓެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް އެ ބާވަތްތައް ގެންނާނެ ކަމުގެ ޔަގީންކަން މަބްރޫކް ދެއްވި އެވެ.

މަބްރޫކް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ތަކެތީގެ އަގުތައް އުފުލިޔަ ނުދީ ސަރުކާރުން ހިފަހައްޓާނެ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ފެނިފަ އެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނެތެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފަކާއި 11 ޓޫރިސްޓެކެވެ.