Roadha Mihaaru
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ

އޭޑީކޭ އިން ކޮވިޑަށް ޓެސްޓްކުރާނީ ސަރުކާރުން އަގު ދައްކާ ގޮތަށް: މަބްރޫކް

23 މެއި 2020

ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތް އޭޑީކޭ ހޮސްޕިޓަލުން އަންނަ އާދީއްތަ ދުވަހު ފަށާނެ ކަމަށާއި އާސަންދަ މެދުވެރިކޮށް، އެ ހިދުމަތަށް ސަރުކާރުން އަގު ދައްކާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތް އޭޑީކޭ ހޮސްޕިޓަލުން އަންނަ އާދީއްތަ ދުވަހު ފަށާނެ ކަމަށާއި އާސަންދަ މެދުވެރިކޮށް، އެ ހިދުމަތަށް ސަރުކާރުން އަގު ދައްކާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެންއީއޯސީ ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމަށް އޭޑީކޭ އިން އާދީއްތަ ދުވަހު ސާމްޕަލްތައް ނަގަން ފަށާނެ ކަމަށާއި އެ މަސައްކަތް ކުރާނީ މިހާރު ވެސް ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތަކުން ކަމަށެވެ. ހަފްތާ ފެށޭ ހިސާބުގައި ޓެސްޓްކުރަން ފެށޭނެ ކަމަށް އޭޑީކޭ އިން ވެސް ކުރިން އޮތީ ބުނެފަ އެވެ.

"އޭޑީކޭއިން މިހާރު ތައްޔާރުވެފައި އޮތީ މި އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ބޭފުޅުން ސާމްޕަލްތައް ނަގަން ފަށާނީ. ދެން އެ އަގު، ސީދާ އަގެއް އަޅުގަނޑު ބަލައިލާނަން އެކަމަކު އާސަންދަ ތެރެއިން ލާފައި މިކަން ކުރެވޭ ގޮތަށް ސަރުކާރުން ހަރަދުތަކެއްގައި ހިފައިގެން،" މަބްރޫކް ވިދާޅުވި އެވެ.

އޭޑީކޭ އިން މިދިޔަ ހަފުތާގައި ބުނީ ކޮވިޑް-19 ގެ ޓެސްޓު ހެދުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމެއް އޭގެ ކުރީ ހަފުތާގައި ބަހައްޓައި ދުވާލަކު އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރުމުގައި ސަރުކާރަށް އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ މުވައްޒަފުން މިހާރު ވަނީ ތަމްރީނުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބައްޔަށް މިހާރު ޓެސްޓުކުރަނީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބޯރެޓަރީގަ އެވެ. މި ދެ ތަނުން ދުވާލެއްގެ މައްޗަށް 400 އެއްހާ ޓެސްޓު ހެދޭއިރު ސަރުކާރުން އަމާޒު ހިފާފައިވަނީ އެ އަދަދު 1،000 އަށް އިތުރުކުރުމަށެވެ. އެގޮތުން ކޮވިޑް-19 އަށް ޓެސްޓުކުރަން އޮޓޮމޭޓެޑް މެޝިންތަކެއް ގެންނަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭޑީކޭ އިން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލްގެ އަމާޒަކީ ދުވާލަކު 600 ސާމްޕަލް ޓެސްޓް ކުރުމެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާރު 1،274 އެވެ. އޭގެ ތެރެއިން 109 މީހަކު ރަނގަޅު ވި އިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.