Roadha Mihaaru
މާލެއިން ރަށަށް ދާނަމަ މުޅި ރާއްޖެއަށް ބަލި ފެތުރިދާނެ

އަވަސް އަރުވާލައިގެން މާލެ އިން ރަށަށް ދާން އުޅެފި ނަމަ މުޅި ރާއްޖެ އަށް ބަލި ފެތުރިދާނެ: މަބްރޫކް

08 މެއި 2020

މާލޭގައި ތިބި މީހުން އަވަސް އަރުވާލައިގެން ރަށަށް ދާން އުޅެފި ނަމަ މުޅި ރާއްޖެ އަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލޭގައި ތިބި މީހުން އަވަސް އަރުވާލައިގެން ރަށަށް ދާން އުޅެފި ނަމަ މުޅި ރާއްޖެ އަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި މަބްރޫކް ވިދާޅުވީ، މާލޭގައި، މާލެ އަށް ކޮވިޑް-19 މިހާރު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، މާލެ އިން މީހުން ފުރައިގެން ދާއިރު ވިސްނަންޖެހޭ ކަންކަން ގިނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެއްވެސް ބެލުމެއް ނެތި ކޮންޓްރޯލް ނުކޮށް، މާލެ އިން ރަށްރަށަށް ދިއުމުގެ ފުރުސަތު ދީފި ނަމަ މުޅި ރާއްޖެ އަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ، ރަށްރަށަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ވަކި މިންގަނޑެއް ކަނޑައަޅައި ކޮންޓްރޯލެއްގެ ތެރެއިން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށަށް މީހުން ފޮނުވުމަށް އުސޫލެއް ކަނޑައަޅާފައިވާއިރު، އެއީ އެންމެންނަށް ވެސް ހަމަހަމަ އުސޫލަކަށް ވާން ޖެހޭނެ ކަމަށެވެ. ގިނަ ބަޔަކު ދާން ބޭނުންވެފައި ތިބި އިރު އެކަކު ގޮސްފި ނަމަ ދެން އެހެން މީހުންނަށް ވެސް ހަމަ އެ ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި އޭރުން ރަށްތައް އެ ހުޅުވައިލެވެނީ ވަރަށް ބޮޑު ރިސްކަކަށް ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިގޮތަށް ގިނަ ބަޔަކު ރަށްރަށް ފޮނުވާއިރު، ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރެވޭ ތަންތަނުގައި ރަނގަޅަށް ކަރަންޓީނު ވެގެން ތިބޭކަން ކަށަވަރު ކުރުމަށް ވަސީލަތްތައް ހުރި މިންވަރަށް ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި އެކި ރަށްރަށުގައި ގިނަ ބަޔަކު އެކި ތަންތަނުގައި ކަރަންޓީން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުން އަންނަ ހުރިހާ ދިވެހިން ވެސް ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހަށް ތިބެންޖެހެ އެވެ. ބައިނަލްއަގްވާމީ ދަތުރުތައް މި ވަގުތަށް މެދުކަނޑާލާފައި ވަނީ މިވަގުތަށް ޓޫރިސްޓުން ރާއްޖެ އައުން ވަނީ މެދުކެނޑިފަ އެވެ. އެއީ ވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ.

ރަށްރަށަށް ދާ މީހުންނަށް ދެވޭނެ ގޮތުގެ އުސޫލެއް ކަނޑައަޅައި މިދިޔަ އަންގާރަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. ރަށަށް ދާން ބޭނުންވެފައި ތިބި މީހުން ޖެހެނީ އެ ކަމަށް ރަޖިސްޓަރީ ކުރާށެވެ. އޭގެ ތެރެއިން އިސްކަން ދެނީ ކުރު މުއްދަތަށް ބޭސްފަރުވާ އަށް މާލެ އައިސް ތާށިވެފައި ތިބި މީހުންނަށެވެ.

މިފަދަ މީހުން ރަށަށް ފޮނުވަނީ ވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކުރުމަށް ފަހު އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހާ ހަމައަށް މިފަދަ 42 މީހުން ކަރަންޓީން ކޮށްފައި ވެ އެވެ.

މާލެ އިން މިދިޔަ އޭޕްރީލް މަހުގެ 15 ގައި ކޮވިޑް-19 ގެ މީހަކު ފެނުނު ފަހުން، މާލެ އިން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 600 އަށް ވުރެ މަތިވެފަ އެވެ. މުޅި ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ މިހާރުގެ އަދަދަކީ 648 އެވެ. ތިން މީހަކު މަރުވެ، ބަލިން ރަނގަޅުވީ މިހާތަނަށް އެންމެ 20 މީހެކެވެ.