އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ ސްކޫލުތަކުގެ ފީ އިން، 10 ޕަސެންޓް ކުޑަކޮށްދީފި އެވެ.
19 މާޗް 2020
އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ ސްކޫލުތަކުގެ ފީ އިން، 10 ޕަސެންޓް ކުޑަކޮށްދީފި އެވެ.
އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އައިސްފައިވާ ބޮޑު ލޮޅުމުގެ އަސަރު ބެލެނިވެރިންނަށް ވެސް ކުރާނެ ކަމަށެވެ. އެހެންވެ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އަންނަ މަހުގެ ސްކޫލުގެ ފީ ކުޑަކޮށްދޭން ނިންމީ ކަމަށް ވިދާޅުވި އެވެ.
އައިލެންޑާސްގެ ދަށުން ހިންގާ ސްކޫލުތަކުގެ ތެރޭގައި ހިމެނެނީ، ބިލަބޮންގް ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް އަދި ކެންގަރޫ އިންޓަނޭޝަނަލް ސްކޫލެވެ. އެ ސްކޫލުތަކުގައި 1،500 އެއްހާ ދަރިވަރުން ކިޔަވަ އެވެ.
އަމީރު އަހުމަދު ޕްރީ ސްކޫލަކީ ވެސް އެ ކުންފުނީގެ ދަށުން ހިންގާ ތަނެކެވެ. ނަމަވެސް އެ ޕްރީ ސްކޫލުގެ ދަރިވަރުންގެ ފީ ދައްކައިދެނީ ސަރުކާރުންނެވެ.
އަދްލީ ވިދާޅުވީ އަންނަ މަހުގެ ފީ ދައްކާފައިވާ ބެލެނިވެރިންނަށް ރިފަންޑް ދޭނެ ކަމަށެވެ. އޭގެ އިތުރުން ޖޫރިމަނާއަކާ ނުލައި މި މަހުގެ ފީ ދެއްކުމުގެ މުއްދަތު ވެސް އަންނަ ބުދަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
"ދަރިވަރުން ދައްކާ ފީގެ ބޮޑު ބައެއް މި ދަނީ މުވައްޒަފުންގެ މުސާރަ އަށް. އެހެންވެ ދީފައިވާ މުއްދަތަށް ފީ ދެއްކުމަކީ ވަރަށް އެދޭ ކަމެއް،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ސްކޫލުތައް ބަންދުކޮށްފައިވާއިރު، އޮންލައިންކޮށް ކިޔަވައިދިނުމަށް ޓީޗަރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އޮންލައިންކޮށް ފިލާވަޅުތައް ނަގައިދީ، ސްކޫލުތައް ހުޅުވެންދެން ކިޔެވުމުން ފުރިހަމަ ކުރާނެކަން ޔަގީންކުރާނެ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުކޮށް ސްކޫލުތައް ވެސް އިތުރު އެއް ހަފުތާއަށް ބަންދުކޮށްފަ އެވެ. އެ މުއްދަތުގައި އައިލެންޑާސްގެ ފްރޮންޓް އޮފީސް ބަންދުވިޔަސް އޮންލައިންކޮށް ދަރިވަރުންގެ ފީ ދެއްކޭނެ އެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އާ ގުޅިގެން ބައެއް ކުންފުނިތަކުން އަންނަނީ ހިދުމަތްތަކުން އާއްމުންނަށް ލުއި ފަސޭހަކޮށްވާނެ ބަދަލުތައް ގެންނަމުންނެވެ. އެމްޑަބްލިއުއެސްސީން ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދޭއިރު ދިރާގާއި އުރީދޫން ވެސް ވަނީ ޑޭޓާ އެލަވަންސް ދޭން ނިންމައިފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ގެ ބަލީގެ 13 މީހަކު ފެނިފައިވާއިރު، އެ އެންމެން ވެސް ފެނިފައިވަނީ ރިސޯޓުތަކުންނެވެ. އެއީ ކުރެއްދޫ ރިސޯޓުގެ ފަސް މީހަކާއި ބަތަލާ ރިސޯޓުން ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހަކާއި ކުރަމަތި ރިސޯޓުން ދޭއް އަދި އައިލެންޑް ސަފާރިން ދެ މީހެކެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުން އަދި ބިދޭސީ މަސައްކަތްތެރިންނެވެ. އެ ބަލި 176 ގައުމަށް ފެތުރިފައިވާއިރު މިހާތަނަށް 219،087 މީހުންނަށް، ޗައިނާގައި އުފަންވި ކަމަށް ބެލެވޭ ރޯގާ ޖެހިފައި ވެ އެވެ. އޭގެ ތެރެއިން 85،673 މީހުން ބަލިން ރަނގަޅުވެފައިވާއިރު 8،961 މީހުން މަރުވެފައި ވެ އެވެ.
އައިލެންޑާސް ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި
އައިލެންޑާސްއިން ހުޅުވާލި ޖާގަތައް 7 މިނެޓުން ފުރިއްޖެ
އައިލެންޑާސްއިން ގްރޭޑް 1 ގައި ކިިޔަވަން ހުޅުވާލަނީ
ބިލަބޮންގް އާއި ފިންލެންޑުގެ އެޑްމިޝަނަށް ހުޅުވާލަނީ
ބިލަބޮންގް އާއި ފިންލޭންޑް ސްކޫލަށް ބަހުގެ ހިދުމަތް
ބިލަބޮންގް، ފިންލެންޑް ސްކޫލްގެ އެޑްމިޝަނަށް ހުޅުވާލަނީ
އައިލެންޑާސް ސްކޫލުތަކުގެ ޖާގަ ހޯދަން ބޮޑު ތަރުހީބެއް
ބިމުގެ ވެރިފަރާތް ނޭނގި އައިލެންޑާސް އަށް ދަތިތަކެއް!
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ މައުލޫމާތު ދެނީ
ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ