Roadha Mihaaru
ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ

ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިިފި

19 މާޗް 2020

ހުކުމްތަކާ ގުޅިގެންނާއި ކޯޓުތަކުން ދޭ ޚިދުމަތްތަކަށް ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުކުމްތަކާ ގުޅިގެންނާއި ކޯޓުތަކުން ދޭ ޚިދުމަތްތަކަށް ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމައްސައިފި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އޮފީސްތަކާއި ސްކޫލްތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ސާކިއުލާއެއްގައިވަނީ ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށްޓަކައިި، ހުކުމްތަކާ ގުޅިގެންނާއި ކޯޓުތަކުގެ ޚިދުމަތްތަކަށް ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ސޯޝަލް މީޑިއާ ނުވަތަ އިމެއިލް މެދުވެރިކޮށް ޑީޖޭއޭއިން ފޮނުވާ ލިންކުން ހުޅުވޭ ޕޯޓަލް އިން ފައިސާ ދެއްކުން ނުވަތަ ޑީޖޭއޭގެ ވެބްސައިޓްގައި އިންނަ ސްޓެޓިކް ކިއު އާރް ކޯޑް ސްކޭން ކުރުމަށް ފަހު ފައިސާ ދެއްކުން ނުވަތަ ޑީޖޭއޭގެ ވަކި އެކައުންޓަކަށް ވެސް އެފަދަ ފައިސާ ފޮނުވޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ނުވަތަ އެކައުންޓަށް ފައިސާ ފޮނުވައިގެން ފައިސާ ދައްކާ ނަމަ، ފައިސާ ދެއްކިކަމުގެ ސްލިޕާއި ބައެއް މައުލޫމާތުތައް އެނގޭނެހެން ޑީޖޭއޭއިން ކަނޑައަޅާ އީމެއިލްއަކަށް ފޮނުވަންވާނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

ޑީޖޭއޭގެ ޓްވީޓް

ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތައް ބަންދު ކުރުމުން ޑީޖޭއޭ އިން ކުރިން ވަނީ އީމެއިލް މެދުވެރިކޮށް ކޯޓުތަކަށް މައްސަލަތައް ހުށަހެޅޭނެ އިންތިޒާމެއް ވެސް ހަމަޖައްސައިފަ އެވެ.

ކޮރޯނާ ވައިރަސް ހުރި 13 މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ވިޔަސް، އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިން ރަށްރަށަށް އެރުން މަނާކޮށް އަދި ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި އިތުރު ގިނަ ފިޔަވަޅުތަކެއް ވެސް ދަނީ އަޅަމުންނެވެ.