Roadha Mihaaru
ބައެއް މައްސަލަތައް ހައި ކޯޓުން ކުރިއަށް ގެންދަނީ

ބައެއް ބާވަތުގެ މައްސަލަތައް ހައި ކޯޓުން ކުރިއަށް ގެންދަނީ

10 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި، ބައެއް މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައި، އެކަމާ ބެހޭ އުސޫލެއް ހައި ކޯޓުން އެކުލަވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި، ބައެއް މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައި، އެކަމާ ބެހޭ އުސޫލެއް ހައި ކޯޓުން އެކުލަވާލައިފި އެވެ.

ކޮޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، ކޯޓުތަކުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަޔަސް، މައްސަލަތައް ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ކުރިއަށް ގެންދެ އެވެ.

ހައި ކޯޓުން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި އެ ކޯޓުން ކުރިއަށް ގެންދާނީ ބަންދު އަމުރާއި ވަގުތީ އަމުރުތަކާއި ކޯޓު އަމުރުތަކުގެ މައްސަލަތަކުގެ އިތުރުން ހުކުމް ތަންފީޒު ކުރުން ފަސްކުރަން އެދިފައިވާ މައްސަލަތަކާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި އަޑުއެހުން ނިމިފައިވާ މައްސަލަތަކެވެ. އެކަމަކު އެހެން ބާވަތުގެ މައްސަލައެއް ކަމަށް ވިޔަސް، އެ މައްސަލައެއް އަވަހަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ފެނިއްޖެ ނަމަ، އެ މުއްދަތުގައި އެ މައްސަލައެއްގެ ޝަރީއަތް ހިންގިދާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ނަމަ އަދި އެކަމަށް ގާނޫނީ ހުރަހެއް ނެތް ނަމަ، އެ މައްސަލައެއްގެ ޝަރީއަތް ވީޑިއޯ ކޮޮންފަރެންސްކޮށް ކުރިއަށް ގެންދެވިދާނެ އެވެ.

މީގެ އިތުރުން މައްސަލަތައް ހުށަހެޅުމާއި ބަލައިގަތުމުގައި އަމަލުކުރާނެ އުސޫލެއް ވެސް ހައި ކޯޓުން ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި އަދި އީމެއިލް ނުކުރެވޭ ނަމަ، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10 އިން މެންދުރު 1 އާ ހަމައަށް މާލޭގެ ހައި ކޯޓާއި ރާއްޖޭގެ އުތުރާއި ދެކުނުގައި ހުރި ހައި ކޯޓުތައް ގޮފިތައް ހުޅުވާފައި ހުންނާނެ އެ އުސޫލުގައިވެ އެވެ. އަދިި ސަރުކާރު ބަންދު ވިޔަސް، އޮންލައިންކޮށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައި އޮތުމުން އިސްތިއުނާފް މުއްދަތު މިދުވަސްވަރު ވެސް ހިނގަމުންދާނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ލިޔުންތަކާއި އަމުރުތައް ފޮނުވުމުގައި އިލެކްޓްރޯނިކް ވަސީލަތަކަށް ފޮނުވަން އިސްކަން ދޭނެ އެވެ. އަދި އަޑުއެހުންތައް ކުރިއަށް ގެންދިޔަޔަސް، އެއް ވަގުތެއްގައި ގިނަ ފަރާތްތަކެއް ހާޒިރުވާން ނުޖެހޭހެން ފަހަރަކު އެއް މައްސަލަ ކުރިއަށް ގެންދިއުމަށާއި އެކަމަށް ވީހާ ވެސް މަދު މުވައްޒަފުން ނެރެންޖެހޭ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހޯދުމާއި ކުށުގެ ރެކޯޑް ވެސް އީމެއިލް މެދުވެރިކޮށް ސާފު ކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި ދެން ތިބި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ވެސް ހިމެނެ އެވެ.