Roadha Mihaaru
ކޮވިޑް-19 ނެތަސް، އޮންލައިންކޮށް ޝަރީއަތް ކުރެވޭނެ

ކޮވިޑް-19 ގެ ހާލަތު ނިމުނަސް، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓް

15 މާޗް 2022

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިޔަސް، އޮންލައިންކޮށް ޝަރީއަތްތައް ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިޔަސް، އޮންލައިންކޮށް ޝަރީއަތްތައް ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޝަރީއަތްތައް ކުރަން ފެށީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 2020 ވަނަ އަހަރު އިއުލާން ކުރުމުންނެވެ. އެ ބަދަލާ އެކު ގިނަ ވަގުތުތަކެއް ސަލާމަތްވެ، ގިނަ ޚަރަދުތަކެއް ސަލާމަތް ކުރެވުނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި ހަފުތާގައި ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ވީޑިއޯ އަދި އޯޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމުން މައްސަލަތައް އަވަހަށް ނިންމަން މަގުފަހިވެފައިވާ ކަމަށެވެ. އެހެންވެ، އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާނޫނުގައި ބުނާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ވީޑިއޯ އަދި އޯޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރިއަަށް ގެންދިއުމުގެ ބާރު ފަނޑިޔާރުންނަށް އޮންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވައި، ނެރުއްވި ޑައިރެކްޝަންގައިވެ އެވެ.

ވީޑިއޯ އަދި އޯޑިއޯކޮށް ކުރިއަށް ނުގެންދެވޭނީ ޖިނާއީ މައްސަލަތަކުގައި ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތަކެވެ.

އޮންލައިންކޮށް ޝަރީއަތް ކުރަން ފެށުމާ އެކު، ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ޝަރީއަތްތައް ލައިވްކޮށް ދައްކަން ފެށި އެވެ. ސުޕްރީމް ކޯޓުގެ ޓްވިޓާ އާއި ޔޫޓިއުބް މެދުވެރިކޮށް އެ ކޯޓުގެ ހުރިހާ ޝަރީއަތްތަކެއް މިހާރު ލައިވްކޮށް ދައްކަ އެވެ. ހައި ކޯޓުން ވެސް މުހިންމު ޝަރީއަތްތައް ލައިވްކޮށް ދައްކަ އެވެ.