Roadha Mihaaru
"ސިއްހީ ހިދުމަތްތެރިންނަށް އަދި ހަމަޖެހިލެވޭކަށް ނެތް"

ސިއްހީ ހިދުމަތްތެރިންނަށް އަދި ހަމަޖެހިލެވޭކަށް ނެތް: ޑރ.މޫސަ

22 މާޗް 2020

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅުވުމަކީ ކާމިޔާބީއެއް ކަމަށާއި ނަމަވެސް އަދި ހަމަޖެހިލައިގެން ތިބެވެން ނޯންނާނެ ކަމަށް ވިދާޅުވެ، ޑރ.މޫސާ ހުސައިން ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ހިތްވަރު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅުވުމަކީ ކާމިޔާބީއެއް ކަމަށާއި ނަމަވެސް އަދި ހަމަޖެހިލައިގެން ތިބެވެން ނޯންނާނެ ކަމަށް ވިދާޅުވެ، ޑރ.މޫސާ ހުސައިން ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ހިތްވަރު ދެއްވައިފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ހާލުބޮޑުވި މީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދިނުމުގައި އިސްކޮށް އުޅުއްވި ރެސްޕިރޭޓަރީ ސްޕެޝަލިސްޓްް، ޑރ. މޫސާ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ވަގުތެއްގައި ކޮންމެ ފަދަ ކަމެއް ވެސް ހިނގައިފާނެ ކަމަށް ސަމާލުވެ ތިބެން ޖެހޭ ކަމަށެވެ. ރާއްޖޭގައި ބަލި ފެތުރުން ހުއްޓުވަން ކުރަމުން އަންނަ މަސައްކަތް ހަމަ އެ ގޮތުގައި ކުރިއަށް ގެންދަން ސިއްހީ ހިދުމަތްތެރިންނަށް އޭނާ ގޮވައިލެއްވި އެވެ.

"މިއީ އަޅުގަނޑުމެންގެ ޓީމަށް ލިބުނު ބޮޑު ކާމިޔާބީއެއްކަން އަޅުގަނޑަށް އެނގޭ. އެކަމަކު އަޅުގަނޑުމެން ހަމަ ޖެހިލައި، އުފާ ފާޅުކުރާކަށް އަދި ނުވޭ. ކޮންމެ ވަގުތަކު ކޮންމެ ފަދަ ކަމެއް ވެސް ހިނގައިފާނެތީ އަދިވެސް ވަރަށް ސަމާލުވާން ޖެހޭ،" ޑރ. މޫސަ ލިއުއްވާފައިވެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހަަކަށް ފަރުވާދީ އެމީހުންގެ ގައިން އަލާމާތްތައް ފިލުމުން ދެ ފަހަރަށް ޓެސްޓް ހެދި އިރު ވެސް ވަނީ ބައްޔަށް ނެގެޓިވް ވެފަ އެެވެ. މޫސަ ވިދާޅުވީ އެ މީހުންނަށް ފަރުވާ ކުރުމާއި ރާއްޖޭގައި ބަލި ފެތުރުނަ ނުދިނުމަށް ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންނާއި ސަޕޯޓް ސްޓާފުން ކުރަނީ ވަރަށް ހިތްވަރުގަދަ މަސަައްކަތްތަކެއް ކަމަށެެވެ. އެ ހުރިހާ ހިދުމަތްތެރިންްގެ ގުރުބާނީއާ ނުލައި އެކަން ހާސިލު ނުވީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވި ޑރ. މުހައްމަދު އިސްމާއީލް، ޑރ. މުހައްމަދު އަލީ އަދި ޑރ. ސުލައިމާނަށް ޚާއްސަކޮށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހަކު ރަނގަޅުވިކަން ފުރަތަމަ ހާމަ ކުރީ މިދިޔަ ހުކުރުދުވަހު އެވެ. އެކަން ހާމަ ކުރަން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މޫސަ ވިދާޅުވީ ކޮވިޑް ޖެހިގެން އެންމެ ހާލު ބޮޑުވި މީހާ އަށް ފަރުވާ ކުރަން ޖެހުމުން ފުރަތަމަ ދުވަހު ވަރަށް ކަންބޮޑުވި ކަމަށެެވެ. އޭނާ ވިދާޅުވީ "ދެންވާނީ ކިހިނެއްބާއޭ ވެސް ހިތަށް އެރި" ކަމަށެވެ.

"[ހިތަށް އެރީ ބަލިމީހާގެ] އޮކްސިޖަން ދުވަހެއް ދުވަހަކަށް ދަށްވަމުންނޭ މި ދަނީ. ވެންޓިލޭޓާ އަށް ލާން ޖެހޭނެ ބާއޭ، އެހާ ވެސް ސިކް ވެގެން ހިނގައިދާނެބާއޭ،" އެއްވެސް ފަރުވާއެއް ނެތް ބަލި ޖެހިފައިވާ މީހާގެ ހާލަތު އެންމެ ފުރަތަމަ އޮތް ގޮތް ޑރ. ސިފަ ކުރެއްވި އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 ޖެހުނީ 13 މީހަކަށެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެހެން މީހުންގެ ހާލު ވެސް އަދި ރަނގަޅެވެ. ރާއްޖެ އިން މިހާތަނަށް އެއްވެސް ދިވެއްސަކަށް އާ ކޮރޯނާވައިރަހެއް ނުޖެހެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެެ ބަލި ޖެހުނު މީހުންގެ އަދަދަކީ މިހައިތަނަށް 308,592 އެވެ. އޭގެ ތެރެއިން 13,069 މީހުން މަރުވި އިރު 95,829 މީހަކު ވަނީ ރަނގަޅުވެފަ އެވެ.