Roadha Mihaaru
ބުރަ މަސައްކަތެއް ކުރަން ޖެހުނު، ގިނަ ތަޖުރިބާތަކެއް!

ބުރަ މަސައްކަތެއް ކުރަން ޖެހުނު، ގިނަ ތަޖުރިބާތަކެއް ލިބުނު: ޑރ. މޫސަ

20 މާޗް 2020

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދީ ރަނގަޅު ކުރެވުމަކީ ލިބުނު ބޮޑު ތަޖުރިބާއެއް ކަމަށާއި އަދި އެއީ ވަރަށް ބުރަ މަސައްކަތެއް ކަމަށް، އެ މީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު، ޑރ. މޫސާ ހުސައިން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދީ ރަނގަޅު ކުރެވުމަކީ ލިބުނު ބޮޑު ތަޖުރިބާއެއް ކަމަށާއި އަދި އެއީ ވަރަށް ބުރަ މަސައްކަތެއް ކަމަށް، އެ މީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު، ޑރ. މޫސާ ހުސައިން މިރޭ ވިދާޅުވެއްޖެ އެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކުގެ ސްޕެޝަލިސްޓް ޑރ. މޫސަ ވިދާޅުވީ ކޮވިޑަށް ފަރުވާކުރުުމުގައި އެ ތަޖުރިބާތައް އަވަށްޓެރި ގައުމުތަކާ ވެސް ހިއްސާކުރަމުން އަންނަ ކަމަށެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަަވާބު ދެއްވަމުން ޑރ. މޫސަ ވިދާޅުވީ ކޮވިޑް ޖެހިގެން އެންމެ ހާލު ބޮޑުވި މީހާ އަށް ފަރުވާ ކުރަން ޖެހުމުން ފުރަތަމަ ދުވަހު ވަރަށް ކަންބޮޑުވި ކަމަށެެވެ. އޭނާ ވިދާޅުވީ "ދެންވާނީ ކިހިނެތްބާއޭ ވެސް ހިތަށް އެރި" ކަމަށެވެ.

"[ހިތަށް އެރީ ބަލިމީހާގެ] އޮކްސިޖަން ދުވަހެއް ދުވަހަކަށް ދަށްވަމުންނޭ މިދަނީ ވެންޓިލޭޓާ އަށް ލާން ޖެހޭނެ ބާއޭ، އެހާ ވެސް ސިކް ވެގެން ހިނގައިދާނެބާއޭ،" އެއްވެސް ފަރުވާއެއް ނެތް ބަލި ޖެހިފައިވާ މީހާގެ ހާލަތު އެންމެ ފުރަތަމަ އޮތް ގޮތް ޑރ. ސިފަ ކުރެއްވި އެވެ.

މިރޭގެ ނިއުސް ބްރީފިންގައި (ކ-ވ) ޑރ. މޫސާ، އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް، ހެލްތު މިނިސްޓަރު އަމީން އަދި ޑރ. އަލީ ލަތީފް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މިރޭގެ ނިއުސް ބްރީފިންގައި (ކ-ވ) ޑރ. މޫސާ، އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް، ހެލްތު މިނިސްޓަރު އަމީން އަދި ޑރ. އަލީ ލަތީފް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގައި މޫސަ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމީހާ އަށް ފަރުވާ ކުރެއްވުމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީ ވެސް ލިބިވަޑައިގެންނެވި އިތުރު ތަޖުރިބާއެއް ކަމަށެވެ. އެ ތަޖުރިބާއިން އެކުވެރި އެހެން ގައުމުތަކުގެ ޑޮކްޓަރުންނަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން މިކަހަލަ ކޭހެއް އަތުވެއްޖިއްޔާ އެބޭފުޅުންނަށް ވެސް މެނޭޖް ކުރަން ފަސޭހަވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

ނިއުމޯނިއާގެ އެހެން ބާވަތްތަކަށް ވުރެ މާ ނުރައްކާ

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ އަދި ބަލީގެ ހަގީގަތް ވެސް އެހާ ރަނގަޅަށް ނޭނގޭ ކޮވިޑް-19 ގައި މީހެއްގެ ހާލު ގޯސްވަނީ ފުއްޕާމޭގައި އިންފެކްޝަން އުފެދި އޮކްސިޖަން ދަށްވާ ގޮތް މެދުވެރިވުމުން، ޑޮކްޓަރީ ބަހުރުވައިން ނަމަ "ނިއުމޯނިއާ" އަށް ބަދަލުވުމުންނެވެ. ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިޓަލީގެ އުމުރުން 70 އަހަރުގެ މީހާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައިވާ އައިސީޔޫއެއްގައި އެޑްމިޓް ކުރީ އެ ހާލަތަށް ދިއުމުންނެވެ.

ނިއުމޯނިއާގެ ނުރައްކާތެރި އެހެން ކޭސްތަކާ މި ކޭހާ ހުރި ތަފާތާ ބެހޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި އެކަމުގެ ގިނަ ތަފްސީލްތަކެއް ޑރ. މޫސަ ދެއްވި އެވެ. އޭނާ ވިދާޅުވީ އާއްމުކޮށް ޖެހޭ ނިއުމޯނިއާގެ އަސަރު ފުރަތަމަ ކުރަނީ ފުއްޕާމޭގެ އެއްފަޅި އަށް ކަމަށް ވިޔަސް ކޮވިޑްގެ ނިއުމޯނިއާގައި ފުއްޕާމޭގެ ދެ ފަޅިއަށް ވެސް އަސަރުކުރާ ކަމަށެެވެ. އޭގެ އިތުރުން މި ބާވަަތުގެ ނިއުމޯނިއާގައި މުޅި ފުއްޕާމެ އަށް އަސަރު ކުރުމަކީ ވެސް ތަފާތެކެެވެ.

"އެހެންވެ ވަރަށް ފަސޭހައިން މީގެ އެންމެ ސިިވިއާ [ނުރައްކާތެރި] ފޯމްއަށް، އެއްކޮށް އޮކްސިޖަން ނުހިފަހައްޓާ ފޯމަށް ވެސް ދާގޮތް ދިމާވޭ ކޮވިޑްގައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބަލީގައި ގިނަ ބަޔަކު މަރުވާ ސަބަބަަކީ ވެސް އެޔެވެ.

ބޭނުންކުރީ ދިރާސާ މަރުހަލާގެ ބޭސްތައް

ކޮވިޑް-19 އަށް އަދި އެއްވެސް ބޭހެއް ހޯދިފައި ނުވިޔަސް، އެ ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އާއި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އަންނަނީ އެކި ބޭސްތައް އެ ބައްޔާ ގުޅޭތޯ ދިރާސާތަކެއް ކުރަމުންނެވެ. ރާއްޖޭގައި ހާލުބޮޑުވި މީހާ އަށް ފަރުވާކުރުމުގައި ޑރ. މޫސާ އާއި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ބޭނުން ކުރެއްވީ ވެސް އެފަދަ ބޭސްތަކެވެ.

"ކޮވިޑަކަށް އަދި ސްޕެސިފިކް ބޭހެއް ނުހުރޭ. މިހުންނަނީ ރިސާޗް ބޭސްްތަކެއް. އޭގެ ތެރެއިން ވެސް އެންމެން އެންމެ ރިކޮމެންޑްކުރާ ބޭސްތައް އަޅުގަނޑުމެން މިދިނީ. ހަމަ ޗައިނާގެ އެކްސްޕީރިއަންސަށް ބަލާފައި، އެހެން ގައުމުތަކުގެ ވެސް އެކްސްޕީރިއަންސަށް ބަލާފައި، އެބޭފުޅުން ދެމުން ދިޔަ ބޭސްތައް ދިނީ،" މޫސަ ވިދާޅުވި އެވެ.

ޑރ. މޫސަ ވަނީ މި ދެ މީހުން ރަނގަޅުވުމާ އެކު، މި މަސައްކަތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ޑޮކްޓަރުންނަށާއި ނަރުހުންނަށާއި ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. ހާއްސަކޮށް އައިޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުގެ ޑޮކްޓަރުންގެ ނަންތައް އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ވަރަށް ގިނަ ބއެއްގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

"ކޮވިޑަކަށް އަދި ސްޕެސިފިކް ބޭހެއް ނުހުރޭ. މިހުންނަނީ ރިސާޗް ބޭސްްތަކެއް. އޭގެ ތެރެއިން ވެސް އެންމެން އެންމެ ރިކޮމެންޑްކުރާ ބޭސްތައް އަޅުގަނޑުމެން މިދިނީ. ހަމަ ޗައިނާގެ އެކްސްޕީރިއަންސަށް ބަލާފައި، އެހެން ގައުމުތަކުގެ ވެސް އެކްސްޕީރިއަންސަށް ބަލާފައި، އެބޭފުޅުން ދެމުން ދިޔަ ބޭސްތައް ދިނީ،" ޑރ. މޫސަ

ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވި ދެ މީހުންގެ ހާލަތު ރާއްޖޭން އަދި އިތުރު ދެ މަހެއްހާ ދުވަސްވަންދެން ބަލާނެ އެވެ. އެއީ ބައެއް މީހުންނަށް އެބަލި ދެވަނަ ފަހަރަށް ޖެހުނު ކަމަށް ބައެއް ގައުމުތަކުން ރިޕޯޓް ކޮށްފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ރާއްްޖޭން އެބަލި ޖެހުނު މީހުންގެ ތެރެއިންް ދެ މީހުން ރަނގަޅުވުމުން، ޕޮޒިޓިވް ކޭސްތަކުގެ މިހާރުގެ އަދަދަކީ 11 އެވެ. އެ ބައްޔަށް ރާއްޖޭން މީހަކު ޕޮޒިޓިވް ނުވާތާ މިހާރު ފަސް ދުވަސް ވެއްޖެ އެވެ.