Roadha Mihaaru
ބޮޑު ޚިޔާނާތާ ގުޅިގެން ރައީސް މާފަށް އެދިވަޑައިގެންފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން މާފަށް އެދިވަޑައިގެންފި

10 އޮކްޓޯބަރ 2016

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ ކިބައިން ރައީސް އަބްދުﷲ ޔާމީން ދެންމެ މާފަށް އެދިވަޑައިގެންފި އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު، ރައީސް އާންމުކޮށް މާފަށް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ ކިބައިން ރައީސް އަބްދުﷲ ޔާމީން ދެންމެ މާފަށް އެދިވަޑައިގެންފި އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު، ރައީސް އާންމުކޮށް މާފަށް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކަންކަން ހިނގީ މި ސަރުކާރުގައި ކަމަށް ވާތީ އެކަމާ މާފަށް އެދިވަަޑައިގަންނަވާ ކަމަށެވެ. އަދި ދެން އެކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކިތަންމެ ރަނގަޅަށް ކަންކަން ބަލަމުން ދިޔަ ކަމަށް ވިޔަސް، ކުށްކުރާ މީހުން އެކަން ކުރާނެ ކަމަށެވެ. އަދި އެކަންކަން ހުއްޓުވޭނީ ބޮޑެތި އުގޫބާތްތައް ދީގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ ވެސް މާފަށް އެދެން ބޭނުން އެމްއެމްޕީއާރްސީން އެ ވަރުގެ ބޮޑު ހިޔާނާތެއް ހިނގައިދިޔައީ މި ޒައާމަތުގައި ކަމަށްވާތީ. އެހެންވީމާ އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް ]އެދެން]،" ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ކިތަންމެ ވަރަކަށް ބަލަހައްޓައިގެން ކަންތައް ކުރި ކަމުގައި ވިޔަސް ހަމަ ކުށް ކުރާ މީހުން ކުށް ކުރާނެ. ކުށް ހުއްޓުވެން އޮތީ ބޮޑެތި އުގޫބާތް ދީގެން."

ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި ކޮރަޕްޝަނުގެ ވާހަކަތައް ދައްކަން ސަރުކާރުން ހުރަހެއް ނާޅާނެ އެވެ. ހަމައެހެންމެ، ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ވާހަކަތައް ދައްކަން ވެސް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ. އެކަމަކު އެ ވާހަކަތަކުގެ ތެރެއިން މީސްމީހުންގެ އަބުރަށް އަރައިގަނެ، ސާބިތު ނުހިފޭ ވާހަކަ ދައްކަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް އެއްވެސް މައްސަލައެެއް ނޫން އެމްއެމްއާރްޕީސީގައި ހިނގާފައި އޮތް ބޮޑު ހިޔާނާތުގެ ވާހަކަ ދެއްކުން. އަފްރާޝީމްގެ މަރުގެ ވާހަކަ ދެއްކުމަކީ އަޅުގަނޑަށް ހަމަ އެއްވެސް މައްސަލައެއް ނޫން. އެ ވާހަކަ ދައްކަންވީ. އެކަމަކު ގަފްޒު އަޅާ ވަރުގެ ވާހަކަ ދައްކާ ކަމަށް ވަންޏާ އިސްލާމީ ޝަރީއަތުގައި އޮންނަ ގަޒްފުގެ ހައްދު ޖަހާނެ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް ކުށާ ނުބައްދަލު އަދި އެ މީހާ ކުރާ މަސައްކަތުން ލިބޭ އުޖޫރައާ ނުބައްދަލު އަދަބެއް ކަމަށް ބުނެ އެ ކުށުން ރެކި ގަންނަން އުޅުމަކީ ބަލައިގަންނަން ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ނޫސްވެރިން ވެސް ލިޔުއްވާ ލިޔުއްވުމަށް އެ ނޫސްވެރިއަކަށް ލިބެނީ ވަރަށް ކުޑަކުޑަ އިނާޔަތެއް. އެކަމަކު ބެހިލާ މީހެއްގެ އަބުރުގެ ހައްގުން ކޮބައިތޯ އެ މީހާގެ އިންސާނީ ކަރާމާތް؟ މީހުން މަރާ ކަތިލަނީ ހަމައެކަނި ހަންޖަރަކުންނެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"މީހުންނަށް މުޖުތަމައު ތެރެއަށް ނިކުމެ ލޯ ހުޅުވާލައިގެން އެހެން މީހުންނާ ފައިތިލަ ހަމަކޮށްލައިގެން ހުންނަން ނުކެރޭ ވަރަށް މީހެއްގެ އަބުރު ނަގާލައިފި ކަމަށް ވަންޏާ ތަނުގައި އުފެދޭނީ ފަސާދަ. ނުރައްކާތެރިކަން."

ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާ.---ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާ.---ފޮޓޯ: ރައީސް އޮފީސް

އެފަދަ ކަންކަމަކީ ރާއްޖެ ކަހަލަ އިސްލާމީ މުޖުތަމައަކުން ފެންނަން ޖެހޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިއީ ރައްޔިތުންނާ ބައްދަލުނުކުރައްވާ ދެ މަހަށް ވުރެ ގިނަ ދުވަސް ވުމަށް ފަހު ރައީސް ދެއްކެވި ފުރަތަމަ ވާހަކަފުޅެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީން ލިބިދީފައި އޮތް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވަން، އަބުރު ދިފާއުކުރުމުގެ ނަމުގައި، ގާނޫނު ހެދި ފަހުން އެއާ ބެހޭ ގޮތުން ވެސް ވާހަކަފުޅެއް ދެއްކެވި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގެ ފުރުސަތު އިސްވެ ދިޔަ ސަރުކާރުތަކަށް ވެސް ލިބުނު ކަމަށެވެ.

ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

"އެހެންވީމާ މިއަދު މި ފުރުސަތު ތަނަވަސްކޮށް ދެއްވާފައި މި ވަނީ އަޅުގަނޑަށް. އަޅުގަނޑަށް މިކަންކަން ކުރުމުގެ ފުރުސަތު ލިބިދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"ސިޔާސީ ވަކިވަކި ލީޑަރުންގެ އަމިއްލަ ކަންކަމާ ހެދި އަޅުގަނޑުމެެންގެ ރާއްޖެ އަލުން ބަލުން ކިލަނބުވެ ގަޑުބަޑުވާން ޖާގަ ދޭކަށް އަޅުގަނޑު ބޭނުމެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް، އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ސުވާލުކޮށްފަ އެވެ. އެއީ އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި ކަން އެނގިފައިވެ އެވެ.

އެސްއެއޯފް އަކީ އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އޮޅުވާލައިގެން ނަގާފައިވާ ކުންފުންޏެވެ.

މި ހިޔާނާތުގެ މައްސަލާގައި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.