Roadha Mihaaru
155 މީހުން ވެސް ސާފު! ޚިޔާނާތްތެރިއަކު ނެތް؟

155 މީހުން ވެސް ސާފު! ޚިޔާނާތްތެރިއަކު ނެތް؟

19 ފެބުރުއަރީ 2019

ދައުލަތުގެ މުއައްސަސާތަކުން ތިން އަހަރު ވަންދެން ރައްޔިތުންނަށް ސިއްރުކުރި ރިޕޯޓް އާއްމުކުރި އިރު، ޚިޔާނާތްތެރިއަކު ނުފެނުނެވެ. އެކަމަކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވަގަށް ނެގި ފައިސާގެ އަދަދު 1.3 ބިލިއަނަށް އަރަ އެވެ. މިއީ، ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކައި ގެއްލުންވި ކަމަށް އަންދާޒާ ކުރެވޭ މިންވަރެވެ. އެ ހިޔާނާތުން ރައްޔިތުންނަށް ގެއްލުނު ފައިސާގެ ސައްހަ އަދަދެއް ސާފެއް ނޫނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ މުއައްސަސާތަކުން ތިން އަހަރު ވަންދެން ރައްޔިތުންނަށް ސިއްރުކުރި ރިޕޯޓް އާއްމުކުރި އިރު، ޚިޔާނާތްތެރިއަކު ނުފެނުނެވެ. އެކަމަކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވަގަށް ނެގި ފައިސާގެ އަދަދު 1.3 ބިލިއަނަށް އަރަ އެވެ. މިއީ، ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކައި ގެއްލުންވި ކަމަށް އަންދާޒާ ކުރެވޭ މިންވަރެވެ. އެ ހިޔާނާތުން ރައްޔިތުންނަށް ގެއްލުނު ފައިސާގެ ސައްހަ އަދަދެއް ސާފެއް ނޫނެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް ކަނޑައަޅާފައިވާ ކަންކަމަށް ބަލާއިރު ވެސް، އެއީ، އެތައް މަޝްރޫއެއް ހިންގޭނެ ފައިސާ އެވެ. އެ ފައިސާ އިން ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީ އަށް ކިޔެވޭނެ އެވެ. ދިވެހި ގިނަ ޑޮކްޓަރުން ތަމްރީނުކޮށް، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްތައް އެޅޭނެ އެވެ. ރަށްރަށުގައި އެތައް އެއާޕޯޓެއް އިމާރާތްކުރެވޭނެ އެވެ. ބަނދަރާއި ނަރުދަމާ އާއި ސާފު ބޯފެން އެތައް ރަށެއްގައި ގާއިމްކުރެވޭނެ އެވެ. ދައުލަތުގެ ބަޖެޓުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އަށް އެއް އަހަރު ހޭދަވާ މިންވަރަށް ބަލާލިއަސް 1 ބިލިއަން ރުފިޔާ ނާރަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތް ހިންގައި ރައްޔިތުންގެ ހައްގުތަކަށް، އަރައިގަތީ އެންމެ މީހެއް ދެ މީހެއް ނޫނެވެ. މިއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް އަހްމަދު އަދީބާ ހަމައިން ނިންމާލެވެން އޮތް ކަމެއް ވެސް ނޫނެވެ. ތިިން އަހަރުގެ ތަހުގީގަކާ ނުލައި ވެސް ރައްޔިތުންނަށް އެކަން ވަރަށް ސާފެވެ. އޭސީސީގެ ރިޕޯޓުގައި ނެތަސް އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރުމުގެ ކުރިންނާއި ފަހުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިނގާފައިވާ ކަންކަމަށް އެކަނި ބަލާއިރު ވެސް އެކަން އެ އޮތީ ފެންނާށެވެ. ޕާޓީ ބަދަލުކުރުމާއި ބިލްތަކަށް ވޯޓު ދިނުމާއި އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހޯދި ގޮތުންނެވެ.

މަސްލަހަތު އޮންނަ ގޮތަށް ވިޔަފާރި ކުންފުނިތައް ހަދައިގެން ދައުލަތުގެ މަޝްރޫއުތަކުން ފައިސާ ނެގި ގޮތެވެ. މައްސަލަ އަކީ، ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތް، އަދި ބޮޑު ހޭދައެއްކޮށްގެން ތަހުގީގެއް ނިންމާލި އިރު، އެންމެންނަކީ ސާފު މީހުންނަށް ވުމެވެ.

ޚިޔާނާތްތެރިން ހޯދައި ފިޔަވަޅު އަޅަން ޖެހޭ

އޭސީސީން ތަހުގީގެއް ކުރުމުގެ ހަގީގީ ބޭނުން ނުފުދުނު ނަމަވެސް ހިޔާނާތް ހިނގައި ދިޔަ ގޮތް 700 ސޮފްހާގެ ރިޕޯޓުން ތިލަކޮށްދިނެވެ. ޓޫރިޒަމްގެ ބޭނުމަށް ރާއްޖޭގެ ރީތި ރަށްތަކާއި ފަޅުތައް ހިތުހުރި އަގެއް ކިޔައި ވިއްކާލުމެވެ. އެ ރަށްތަކުން ލިބޭ ފައިސާ އެމްއެމްޕީއާރުސީ އަށް ދިނުމުގެ ބަދަލުގައި އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރިން ހިންގުމެވެ.

ރިޕޯޓުގައިވާ ގޮތުން މަނީ ލޯންޑަރިން އަށް އެސްއޯއެފުން ބޭނުން ކުރީ ބޮޑު ނެޓްވޯކެކެވެ. އެ މީހުން ހިމެނޭ ގޮތުން އާއްމުކުރީ އެސްއޯއެފުން ފައިސާ ޖަމާކުރި 155 މީހުންގެ ލިސްޓެކެވެ. އެ ލިސްޓުން ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވީ ކޮން ބައެއް ކަން ސާފު ނުވިއަސް ކޮންމެ ޓްރާންސެކްޝަނެއް ހިނގަން ޖެހޭނީ ސަބަބެއް އޮވެގެންނެވެ. އޭސީސީން މައްސަލަ ތަހުގީގުކޮށްފައި އޮތް މިސްރާބަށް ބަލާއިރު، އެންމެ ފަސޭހަ އިން ބޯދަމައިގަނެވެން އޮތީ، ޑޮލަރު ގަތުމުގެ މުއާމަލާތެކޭ ބުނެގެންނެވެ.

ބީއެމްއެލްގެ މުވައްޒަފަކު ޑޮލަރު ގުނަނީ: އެސްއޯއެފުން ޑޮލަރު ގަތް 155 މީހުންގެ ނަން އޭސީސީން ވަނީ އާއްމުކޮށްފައި.

ބީއެމްއެލްގެ މުވައްޒަފަކު ޑޮލަރު ގުނަނީ: އެސްއޯއެފުން ޑޮލަރު ގަތް 155 މީހުންގެ ނަން އޭސީސީން ވަނީ އާއްމުކޮށްފައި.

ރިޕޯޓް އާއްމުވުމާ އެކު، ގިނަ މީހުންގެ ބަހަނާ އަކީ ވެސް އެ އެވެ؛ އެސްއޯއެފާ އެކު ހިންގީ "ޑޮލަރުގެ ސައްހަ މުއާމަލާތެއް" ކަމެވެ. ހެއްކެއް ނުދައްކައި، އެހެން ބުނެ ނިންމާލެވެނީ ފުރިހަމަ ތަހުގީގެއް ހިންގިފައި ނުވާތީ އެވެ. ވިޔަފާރިތަކަށް އެސްއޯއެފުން ޑޮލަރު ގަތް ނަމަ އެ ކުރި ވިޔަފާރިއަކާއި އޭގެއިން މީރާ އަށް ޓެކްސް ދެއްކިތޯ ނޫންތޯ ސާފުވާން ޖެހެ އެވެ. ޑޮލަރުގެ ގިނަ މުއާމަލާތްތައް ހިންގާފައި ވަނީ ލައްކައިންނާއި މިލިއަނުންނެވެ.

އޭސީސީގެ ތަހުގީގު ފުރިހަމަ ނޫން ކަމަށް ކުރާ މި ތުހުމަތު އެ ކޮމިޝަނުން ދޮގުކުރެ އެވެ.

އެ ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި، އެ ތަހުގީގާ މެދު ސުވާލު އުފައްދަންވީ ސަބަބެއް ނެތެވެ. ތަހުގީގަށް ހޯދި އެއްވެސް މައުލޫމާތެއް ސިއްރުކޮށްފައެއް ނުވާނެ އެވެ. އެއާއެކު، ތަހުގީގު ފުރިހަމަ ނުވުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ދައްކަނީ، ހިޔާނާތް ފަޅާއެރުމާ އެކު ފިލައިގެން ބޭރަށް ދިޔަ އެސްއޯއެފްގެ ހިއްސާދާރުން ތަހުގީގަށް ހާޒިރުކޮށް ނުދެވުމެވެ. އެކަން ހަވާލުކުރީ، ފުލުހުންނާ އެވެ.

އެސްއޯއެފްގެ އެކައުންޓްތަކުން ޑޮލަރު ޓްރާންސްފާކޮށްފައިވާ އެންމެންނަކީ ޚިޔާނާތްތެރިންނަށް ނުވެދާނެ އެވެ. އެއާއެކު އެންމެންނަކީ ރަނގަޅު ނިޔަތުގައި އެކަން ކުރި މީހުން ނޫން ކަން ވެސް ޔަގީނެވެ. ކޮރަޕްޝަންގައި އެ މީހުންގެ ބައިވެރިވުން އޮތް މިންވަރެއް ރިޕޯޓުގައި ތިލަކޮށްދީފައެއް ނުވެ އެވެ.

"ޖެނުއިން ޓްރާންސެކްޝަނެއް ވިއްޔާ ޑޮލަރު ގަތް ކަމަށް ބުނާ މީހުންގެ އެކައުންޓްތަކުން ނަގުދު ފައިސާ ނުކުމެފައި ހުންނަން ވެސް ޖެހޭނެ ޑޮލަރު ގަތް އަދަދަށް. އެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޓްރާންސްފާކޮށްފައި ނުވަތަ ނަގުދު ފައިސާގެ ގޮތުގައި ބަލައިގަނެފައި ވެސް ހުންނަން ޖެހޭނެތާ،" ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒް ވިދާޅުވި އެވެ.

"ނޫނިއްޔާ، އަނެއް ކެޓަގަރީ އަކީ އެސްއޯފަށް ބަޔަކު އަދާކޮށްދިން ޚިދުމަތެއްގެ އަގު އަދާކުރަން އެސްއޯއެފުން އަގު އަދާކުރުން. އެހެން ވިއްޔާ އެ ހިދުމަތަކަށް ރިކުއެސްޓްކޮށްފައި އަދި ބިލްކޮށްފައި ވެސް ހުންނަންވާނެ."

ދެން އޮތީ 155 މީހުންގެ ތެރޭގައި ތިބި ދައުލަތުގެ ފައިސާ އަށް ޚިޔާނާތްވީ މީހުން ހޯދުމެވެ. އޭގެ އިތުރުން، އެސްއޯއެފުން މިލިއަނުން ފައިސާ ބެހި މީހުން ހޯދުމެވެ. ނުވަަތަ ހިޔާނާތުގެ ފައިސާކަން އެނގި ތިބެ، އަދީބު އަތުން ފައިސާ ނެގި މީހުން ހޯދުމެވެ.

ޑޮލަރުގެ މުއާމަލާތްތަކުން އެސްއޯއެފުން ހޯދި ފައިސާ ބެހި މީހުން ވެސް ހޯދަން ޖެހެ އެވެ. ހިޔާނާތުން މަންފާ ލިބުނު، ކުރިން އަދީބާ ގާތް ގުޅުން އޮތް ބޭފުޅުން އެބަ ތިއްބެވި އެވެ.

އޭސީސީން ބުނިގޮތުގައި އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމަށް ފަހު، އެ ފައިސާ 155 ފަރާތަކަށް ޓްރާންސްފާކުރި މައްސަލަ އިތުރަށް ތަހުގީގު ކުރާނެ އެވެ. އެއީ، ކޮން ގޮތަކުން ފައިސާ ދޭން ޖެހޭ 155 ފަރާތް ކަމާއި އެ ފަރާތްތަކަށް ފައިސާ ޖަމާކޮށްފައި ވަނީ ކީއްވެގެން ކަން ވެސް ހޯދާނެ ކަމަށް އޭސީސީން ބުންޏެވެ.

ރިޕޯޓް އާއްމުވުމާ އެކު ފުލުހުން ވެސް ވަނީ ތަހުގީގެއް ފަށައިފަ އެވެ.

އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ އޭސީސީ ރިޕޯޓާ ގުޅިގެން ފުލުހުން ބަލާނީ، އޭގައި ހުރި ޖިނާއީ ކުށްތައް ކަމަށް ތުހުމަތު ކުރެވޭ ކަންކަމެވެ. މަނީ ލޯންޑަރިން އާއި ފްރޯޑް އަދި ފޯޖަރީގެ މައްސަލަތައް ރިޕޯޓުގައި އޭސީސީން ފާހަގަކޮށްފައިވެ އެވެ.

"ފުލުހުން އަންނަނީ މުޅި ރިޕޯޓް އެއްކޮށް ދިރާސާކުރަމުން. އެއަށް ފަހު، އޭގައި ފާހަގަކޮށްފައިވާ ކަންކަން އިތުރަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ،" ހަމީދު ވިދާޅުވި އެވެ.

އޭސީސީގެ ތަހުގީގު އާއްމު ކުރުމާ އެކު ރައީސް އޮފީހުން ވަނީ، އެ ލިސްޓުގައި ހިމެނޭ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ސަސްޕެންޑްކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަށް ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސެވެ. އެހެންކަމުން، މުއައްސަސާތަކުގެ ތަހުގީގުން އިތުރަށް ފާހަގަވާ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވި އެވެ.

އޭސީސީ އަށް އިތުބާރެއް ނެތް!

އެމްއެމްޕީއާރުސީގެ މައްސަލަ އޭސީސީން ތަހުގީގުކޮށްފައި އޮތް ގޮތުންނާއި ހިޔާނާތުގެ ތުހުމަތުން ކުރީގެ ރައީސް ޔާމީން ސަލާމަތްކޮށްދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތު އެ ކޮމިޝަނަށް ކުރެ އެވެ. ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ މަނީ ލޯންޑެރިން ހިންގެވި ކަމުގެ ތުހުމަތުކޮށް، މައްސަލައެއް ތަހުގީގު ކުރަން ފެށުމަކީ ވެސް ކޮމިޝަނަށް އިތުބާރު ގެއްލުނު ކަމެކެވެ.

ނިޔާޒް ގަބޫލުކުރައްވާ ގޮތުގައި ރިޕޯޓް އާއްމުވުމާ އެކު އޭސީސީގެ އިހުމާލުތައް ސާފުވެއްޖެ އެވެ. އިތުރަށް އެ ކޮމިޝަނުން ކުރާ ތަހުގީގާ މެދު ސުވާލު އުފައްދާނެ ޖާގަ ވެސް ދީފައި އޮތް ކަމަށް ވިދާޅުވި އެވެ.

"އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންނާ އެކު އާ ތަހުގީގެއް ކުރިއަށް ގެންދެވިދާނެ ކަމާ މެދު އަޅުގަނޑު ސުވާލު އުފައްދަން،" ނިޔާޒް ވިދާޅުވި އެވެ.

ދެތިން ކަމެއް ފާހަގަކުރެއްވި އިރު، އެއް ކަމަކަށް ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މުހިއްމު ތަހުގީގެއް ނިންމައި ރިޕޯޓް އާއްމު ނުކޮށް ބޭއްވުމެވެ. އެއީ ޔާމީންގެ ސަރުކާރުގެ އާރާއި ބާރުގެ ކުރިމަތީގައި އޭސީސީގެ މެމްބަރުންނަށް، އެކަށީގެންވާ ގޮތުގައި ޒިންމާ އަދާކުރައްވަން ކެރިވަޑައިނުގަތުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެ ހިސާބުން އެ އޮތީ، ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރައްވާނެ ކަމާ މެދު ޝައްކު އުފެދިފައި ކަމަށް ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން: ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް މުއައްސަސާތަކަށް ފޮނުވުމުން އަޅާނުލީ ކަމަށް އޭސީސީން ތުހުމަތު ކުރޭ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން: ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް މުއައްސަސާތަކަށް ފޮނުވުމުން އަޅާނުލީ ކަމަށް އޭސީސީން ތުހުމަތު ކުރޭ

ރިޕޯޓު ނެރުނު އިރު އޭސީސީން އެކަށީގެންވާ ތަހުގީގެއް ކޮށްފައި ނެތުމަކީ ވެސް މައްސަލައެއް ކަމަށް ނިޔާޒް ވިދާޅުވި އެވެ. އޭނާ އޮޑިޓަ ޖެނަރަލަކަށް ހުންނެވި އިރު ނެރުއްވި ރިޕޯޓުގައި، އޭސީސީން މިހާރު އާއްމުކޮށްފައިވާ ލިސްޓުގައި ހިމެނޭ މީހުންނަށް ވުރެ ގިނަ މީހުން ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އެ ރިޕޯޓުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުން ފައިސާ ލިބުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މީސް މީހުންގެ އެކައުންޓަށް ފައިސާ ވަދެފައި ހުރި ގޮތް އެނގޭނެ. ހާއްސަކޮށް، މޮންޓޮލިއޯން އާއި މިލޭނިއަމް ކެޕިޓަލް އިން ފައިސާ ޖަމާކުރި ގޮތް އަޅުގަނޑު ވާނެ އޭސީސީއާ ހިއްސާކޮށްފައި،" ނިޔާޒް ވިދާޅުވި އެވެ.

މޮންޓިލިއޯންގައި އަދީބުގެ މަސްލަހަތު އޮންނަ އިރު މިލޭނިއަމް ކެޕިޓަލް އަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ކުންފުންޏެކެވެ.

އޭސީސީގެ ތަހުގީގު ފުރިހަމަ ނުވި އެއް ސަބަބު ކަމަށް ނިޔާޒް ތުހުމަތު ކުރައްވަނީ އަދީބުގެ އަތުން، އޭސީސީގެ މެމްބަރުންތަކަކަށް ފައިސާ ލިބުމެވެ. ނަން ވިދާޅުނުވި ނަމަވެސް އެއް މެމްބަރަކަށް 500،000 ޑޮލަރު ދެއްވި ކަން އޭނާ އަށް ފަޅާއެރީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައެއް ކަންކަން އަލްޖަޒީރާއާ އެކު ތަހުގީގު ކުރައްވަމުން ގެންދެވި އިރު ކަމަށް ވިދާޅުވި އެވެ.

އެ ފައިސާ ލިބިވަޑައިގަތް ކަން އޭސީސީގެ މެމްބަރު އަދީބަށް އެންގެވީ، ނިޔާޒް ވިދާޅުވި ގޮތުގައި، މެސެޖަކުންނެވެ.

އެކަމަކު އޭސީސީގެ މެމްބަރުންނަށް އެމްއެމްޕީއާރުސީ އަދި އަދީބު އަތުން ފައިސާ ލިބުނު ކަމުގެ ތުހުމަތު އެ ކޮމިޝަނުން ދޮގުކުރެ އެވެ. އޭސީސީން ބުނީ ކޮމިޝަނުގެ އެއްވެސް މެމްބަރަކަށް އަދި ތަހުގީގު ޓީމަށް ވެސް ފައިސާގެ ނުފޫޒު ފޯރާފައި ނުވާނެ ކަމަށެވެ.

ހަގީގަތުގައި އޭސީސީގެ ރިޕޯޓުން ލިބުނު ހިތްހަމަޖެހުމެއް ނެތެވެ؛ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ޚިޔާނާތްވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް މި އޮތީ ކުރަން ޖެހިފަ އެވެ. ޓޫރިޒަމަށް ރަށްތައް ދޫކުރި އަދަދުތަކާއި އެ ރަށަކަށް ލިބޭނެ ހަމަ އަގު އަޅާބަލަން ޖެހެ އެވެ. ރަށްތައް ވިއްކައިގެން ލިބުނު ފައިސާ އިން މަނީ ލޯންޑަރިން ހިންގަން ބޭނުންކުރި 155 މީހުންގެ ތެރެއިން ވެސް ޚިޔާނާތްތެރިން ހޯދަން ޖެހެ އެވެ. އެއާ އެކު، އެސްއޯއެފުން ޑޮލަރު މާރުކޮށްގެން ނަގުދު ފައިސާ ބެހި މީހުން ވެސް އެނގެން ޖެހެ އެވެ.

އެއް ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުން ފެންނަން ތިއްބައި، ޚިޔާނާތްތެރިއަކު ނެތް ކަމަށް ދޭހަވާ ގޮތަށް ރިޕޯޓް ނެރެ، ދައުލަތުގެ މުއައްސަސާތަކުން އަތްއުރާލުމަކުން ނުފުދެ އެވެ.