Roadha Mihaaru
އިންޓަނެޓްގެ އަގު ބުދަ ދުވަހުން ފެށިގެން ހެޔޮވާނެ

އިންޓަނެޓްގެ އަގު ބުދަ ދުވަހުން ފެށިގެން ހެޔޮވާނެ

30 މާޗް 2020

އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގަށް ބަދަލު އަންނާނެ ކަމަށް، ކޮވިޑް-19 އާ ބެހޭ މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގަށް ބަދަލު އަންނާނެ ކަމަށް، ކޮވިޑް-19 އާ ބެހޭ މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް މިރޭ ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި މަބްރޫކް ވިދާޅުވީ، އިންޓަނެޓްގެ އަގަށް އައި ބަދަލުތަކާ ބެހޭ މައުލޫމާތު ޓެލެކޮމް ކުންފުނިތަކުން މާދަމާ ނުވަތަ ބުދަ ދުވަހު ދޭނެ ކަމަށެވެ.

"މިއާއެކު، އަގުތަކަށް އަންނަ ބަދަލުތައް ފެށޭނީ އެޕްރީލް އެކަކުން ފެށިގެން. މިކަމާ ގުޅިގެން ޓެލެކޮމް ކުންފުނިތަކުން މާދަމާ އާއި މާދަމާ ނޫން އަނެއް ދުވަހުގެ ތެރޭގައި ގެންނަ ބަދަލުތަކަކީ ކޮބައިކަން ހާމަކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެހެންވެ އެ ކަމަށް "ރަނގަޅު ލުޔެއް" ހޯދައިދޭންޖެހޭ ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަށެވެ.

"އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި، މިކަމުގެ މައުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ހިއްސާ ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވުން ހުއްޓުވުން ކަމަށް ވާތީ، ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަން ވެސް މިދިޔަ ހަފުތާ އާއި މި ހަފުތާގައި ބަންދެވެ. އެހެންވެ، އެތައް ބަޔަކު ގޭގައި ތިބޭތީ، އިންޓަނެޓު ބޭނުން ކުރުން ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.އެއާ އެކު، ދިރާގާއި އުރީދޫން ވެސް މިހާތަނަށް ވަނީ ޑިސްކައުންޓް ޕެކޭޖުތަކެއް ތައާރަފު ކޮށްފަ އެވެ. ނަމަވެސް އިންޓަނެޓުގެ ސްޕީޑާ މެދު އާންމުން ކުރާ ޝަކުވާ އަށް ހައްލެއް ނެތެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ. އެކަމަކު ސަރުކާރުން ކަނޑައަޅާފައި އޮތީ އަންނަ އަހަރު އަގު ހެޔޮކުރާށެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 17 އެވެ. އޭގެ ތެރެއިން ދެމީހުންނަކީ މިދިޔަ ހުކުރުދުވަހު އިޓަލީއަށް ފުރި ދެމީހުންނެވެ. އަނެއް 15 މީހުންގެ ތެރެއިން ދެ ދިވެހިން ފިޔަވައި އެންމެން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ.