Roadha Mihaaru
ކްލަސްޓާތަކާ ގުޅުމެއް ނެތް ކޭސްތައް މަދު: އެންއީއޯސީ

ކްލަސްޓާއަކާ ގުޅުމެއް ނެތި ކޮވިޑް ޖެހުނީ މަދު ބަޔަކަށް: އެންއީއޯސީ

31 މެއި 2020

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާތަނަށް ރަނގަޅު ނުވެ ތިބި މީހުންގެ ތެރެއިން ކްލަސްޓާއަކާ ގުޅުމެއް ނެތް ވަކިވަކި ކޭސްތަކުގެ ގޮތުގައި ތިބީ އެންމެ 87 މީހުން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާތަނަށް ރަނގަޅު ނުވެ ތިބި މީހުންގެ ތެރެއިން ކްލަސްޓާއަކާ ގުޅުމެއް ނެތް ވަކިވަކި ކޭސްތަކުގެ ގޮތުގައި ތިބީ އެންމެ 87 މީހުން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން މިރޭ ބުނެފި އެވެ.

އެންއީއޯސީގައި ބޭއްވި ޕްރެސް ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 401 މީހަކުު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. ދެން ތިބި މީހުންގެ ތެރެއިން 1177 މީހުންނަކީ އެކި ކްލަސްޓާތަކުގެ ތެރޭގައި ހިމެނޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކޭސްތަކުގެ އަދަދު މިހެން ހުރި އިރު ޓެސްޓްކުރުމުގައި އިސްކަން ދެނީ ވެސް ފެންނަ ކޭސްތަކާއި ގުޅުން ހުންނަ މީހުންނަށެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަލާމާތްތައް ހުންނަ މީހުންނަށެވެ. ސަވައިލެންސް ސާމްޕަލްގެ ގޮތުގައި ސާމްޕަލް ނަގަނީ މަދު އަދަދެއްގެ މީހުންގެ ގައިންނެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މީޑިއާ ބްރީިފިން އެއްގައި ވާހަކަ ދައްކަވަނީ

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މީޑިއާ ބްރީިފިން އެއްގައި ވާހަކަ ދައްކަވަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކޮވިޑަށް މީހުން ޕޮޒިޓިވްވާ މިންވަރު މިހާރު ވެސް ފެންނަނީ އެއްވަރެއްގައި ހިފެހެއްޓިފައިވާ ތަން ކަމަށެވެެ. އެގޮތުން ފްރޮންޓްލައިންގައި މަސަައްކަތްކުރާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު ވެސް މިހާރު މަދުވެފައިވާ ކަމަށާއި އެއީ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުގެ ސަބުން ފެންނަ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކީ ވެސް އަޅުގަނޑު ބުނާނީ ހަގީގަތުގައި ބިހޭވިއަރަލް ޗޭންޖެއް، ހުރިހާ ލެވެލްއެއްގަައި، މާނައަކީ ދިވެހިން ވެސް ބިދޭސީން ވެސް އަދި ވަކި ހާއްސަ މަސައްކަތްތައް ކުރައްވާ ބޭފުޅުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މި ބަދަލުތައް އަންނަ ކަމުގެ އަލާމާތްތަކޭ މި ކޭސްތައް މިގޮތަށް މަދުވެން ދިއުމަކީ ވެސް ހަމަ،" އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ މިއަދާ ހަމައަށް 1672 އެވެ. އޭގެ ތެރެއިން 401 މީހަކު ރަނގަޅުވި އިރު ފަސް މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 863 މީހުންނަށް ބަލި ޖެހުނުއިރު ދިވެހިންގެ އަދަދު އުޅެނީ 555 ގަ އެވެ. އެ ބަލި އެންމެ ގިނައިން ޖެހިފައިވަނީ 31-40 އަހަރާ ދެމެދުގެ މީހުންނަށެވެ.