Roadha Mihaaru
އިންޓަނެޓުގެ އާ އަގުތައް އިއުލާންކުރުން ބުރާސްފަތީގައި

އިންޓަނެޓުގެ ހެޔޮ އަގުތައް އިއުލާންކުރުން އަނެއްކާވެސް ފަސްކޮށްފި

25 މެއި 2021

އިންޓަނެޓުގެ ހިދުމަތުގެ ހެޔޮ އަގުތައް އިއުލާންކުރުން އަނެއްކާވެސް ސަރުކާރުން ފަސްކޮށްފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

އިންޓަނެޓުގެ ހިދުމަތުގެ ހެޔޮ އަގުތައް އިއުލާންކުރުން އަނެއްކާވެސް ސަރުކާރުން ފަސްކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އެންމެ ފަހުން ވިދާޅުވީ، އާ އަގުތައް އިއުލާންކުރާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ "އިންޓަނެޓްގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު" އިއުލާން ކުރާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށެވެ.

އިންޓަނެޓުގެ ހިދުމަތުގެ އާ އަގުތައް އިއުލާންކުރަން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް އިދާރީ ބައެއް ސަބަބުތަކާ ހެދި މިއަދަށް އެ ރަސްމިއްޔާތު ލަސްކުރީ އެވެ. މިއަދަށް ކަނޑައެޅި ވަގުތު ހަމަވިއިރު ވެސް އިންޓަނެޓުގެ އާ އަގުތައް އިއުލާން ނުކޮށް ލަސްވާތީ މީޑިއާ އިން ސުވާލު ކުރަން ފެށުމުން މަބްރޫކް ކުރެއްވި ޓުވީޓެއްގައި އާ ދުވަސް ރަސްމީކޮށް އިއުލާން ކުރެއްވީ އެވެ.

އެނގިފައިވާ ގޮތުގައި އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. އަދި މި މުއްދަތަށް ފަހު އަލުން އަގުތައް މުރާޖައާ ކުރުމަކީ ސަރުކާރާއި އޮޕަރޭޓަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމަށް ވެ އެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ. މިއީ ފިކްސް ބްރޯޑްބޭންޑަށް އެކަނި ކަނޑައަޅާ ގޮތެވެ.

އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ސަރުކާރަށް ތިން އަހަރު ވާއިރު ވެސް އިންޓަނެޓްގެ އަގަށް ބަދަލު އައިސްފައި ނުވާތީ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން ދުރުކުރި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވާ ގޮތުގައި، އޭނާގެ ވަޒީރުކަމުގެ ދުވަސްވަރު ވެސް އިންޓަނެޓުގެ ހެޔޮ އަގުތައް ކަނޑައަޅައި އެއާ މެދު ގޮތެއް ނިންމަން ރައީސް އޮފީހަށް އޮތީ ފޮނުވައިފަ އެވެ. އެހެންވެ، އޭނާ މަގާމުން ދުރުކުރުމާ ހަމައަށް ވެސް އެ މަސައްކަތް މަޑުޖެހިފައި އޮތީ ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަންގައި ކަމަށް އޭނާ ވިދާޅުވެ އެވެ.

މަލީހް ވިދާޅުވަމުން ގެންދަވަނީ އިންޓަނެޓުގެ ހިދުމަތުގެ އަގު އޭނާގެ ވަޒީރުކަމުގައި ހެޔޮނުކުރެވި ލަސްވީ ޓެކްނޮލޮޖީގެ ކަންކަމާ ބެހޭ އާ ވަޒީރު އަދި ރައީސް އޮފީހުގެ އޭރުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ ސަަބަބުންނެވެ. އާ އަގުތަކާ މެދު ގޮތެއް ކަނޑައަޅަން ރައީސް އޮފީހުގައި އެދުމުން، އެ ކަރުދާސް ޝައުނާގެ ޕޮލިސީ ސެކްޝަންގައި ގޮތެއް ނުނިންމައި ބޭއްވީ ކަމަށް މަލީހު ވިދާޅުވެ އެވެ.