Roadha Mihaaru
އިންޓަނެޓުގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ

އިންޓަނެޓުގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ

23 މެއި 2021

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތަށް މާދަމާ އިއުލާން ކުރަން ސަރުކާރުން ނިންމައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތަށް މާދަމާ އިއުލާން ކުރަން ސަރުކާރުން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި، އާ އަގުތައް އިއުލާން ކުރާނީ މާދަމާ އޮންލައިންކޮށް ބާއްވާ ރަސްމިއްޔާތެއްގަ އެވެ. އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް ސަަރުކާރުން އަދި އާންމެއް ނުކުރެ އެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަށްޓަކައި ކަމާ ބެހޭ ބައެއް އިދާރާތަކުން މި މަހުގެ ފުރަތަމަ ދުވަހު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ކަމާ ބެހޭ އިސް ބޭފުޅުންނާއި ފަންނީ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެނގިފައިވާ ގޮތުގައި އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. އަދި މި މުއްދަތަށް ފަހު އަލުން އަގުތައް މުރާޖައާ ކުރުމަކީ ސަރުކާރާއި އޮޕަރޭޓަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމަށް ވެ އެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ. މިއީ ފިކްސް ބްރޯޑްބޭންޑަށް އެކަނި ކަނޑައަޅާ ގޮތެވެ.

އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ސަރުކާރަށް ތިން އަހަރު ވާއިރު ވެސް އިންޓަނެޓްގެ އަގަށް ބަދަލު އައިސްފައި ނުވާތީ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އިންޓަނެޓުގެ އަގުހެޔޮ ކުރުން ވަރަށް ބޮޑު މައުލޫއަކަށްވެ، އެ މައްސަލަ ހުއްޖަތަކަށް ނަގައިގެން، ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، މިދިޔަ މާޗް މަހު މަގާމުން ވަނީ ބޭރުކޮށްލައިފަ އެވެ. ނަމަވެސް އޭނާ ވިދާޅުވަމުން ގެންދެވީ، އިންޓަނެޓްގެ އަގުހެޔޮ ކުރުމާ ބެހޭ ހުރިހާ ކަމެއް ނިންމައި، ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށް މަލީހް ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަލީހް މިހާރު ތުހުމަތު ކުރައްވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއާ މި މަހުގެ 5 ގައި ހަވާލުވެވަޑައިގެންނެވި، ރައީސް އޮފީހުގެ ކުރީގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އެވެ. އިންޓަނެޓުގެ އަގުހެޔޮކުރުމާ ގުޅޭ ކަންކަން ރައީސް އޮފީހުން ނިންމުމުގައި އިސް ދައުރެއް އަދާކުރީ އެ ތަނުގެ ޕޮލިސީ ސެކްޝަން ކަމަށް ވުމުން ލަސްވުމުގެ ޒިންމާ ވެސް ނަންގަވަން ޖެހެނީ ޝައުނާ ކަމަށް މަލީހް ދެކެވަޑައިގަންނަވަ އެވެ.