Roadha Mihaaru
ކަރަންޓީން ހަމަވި 49 މީހަކު ދޫކޮށްލަން ޓެސްޓްކޮށްފި

ކަރަންޓީން ހަމަވި 49 މީހަކު މާދަމާ ދޫކޮށްލަން ޓެސްޓްކޮށްފި

03 އެޕްރީލް 2020

ކޮވިޑް-19 ފެތުރުނަ ނުދޭން ކަރަންޓީނު ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި މީހުންގެ ތެރެއިން 14 ދުވަސްވީ 49 މީހަކު މާދަމާ ދޫކޮށްލަން ޓެސްޓްކޮށްފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 ފެތުރުނަ ނުދޭން ކަރަންޓީނު ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި މީހުންގެ ތެރެއިން 14 ދުވަސްވީ 49 މީހަކު މާދަމާ ދޫކޮށްލަން ޓެސްޓްކޮށްފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތާ ބެހޭ މައުލޫމާތު ދޭން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި މަބްރޫކް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 881 މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލާނީ ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ. އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ނިންމުމަކީ ކަރަންޓީނުން ދޫކޮށްލާ އެންމެން ވެސް ޓެސްޓްކޮށް ކޮރޯނާވައިރަސް ނެތް ކަން ކަށަވަރުކޮށް ދޫކޮށްލުމެވެ.

މި ލަފަޔާ އެއްގޮތަށް ދޫކޮށްލާ އެންމެން ނެގެޓިވްތޯ ކަށަވަރުކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ކަރަންޓީނު ފެސިލިޓީތަކުން 49 މީހެއްގެ ޓެސްޓު މިހާރު ވަނީ ހެދިފައި. އޭގެތެރެއިން ﷲ އިރާދަފުޅުން ޓެސްޓުތައް ނެގެޓިވް ކަމަށް ވަންޏާ 49 މީހުން ދޫކޮށްލެވޭ ގޮތަށް އޮތީ،" އޭނާ ވިދާޅުވި އެވެ.

ނަތީޖާ ނެގެޓިވްވެއްޖެ ނަމަ މާދަމާ ދޫކޮށްލާ މީހުން މާލެ ގެންދާނެ ތަނެއް އާއިލާތަކަށް އަންގާނެ ކަމަށާއި ކޮންމެ މީހަކާ ހަވާލުވާން ވެސް އެކަކު ދިއުމަށް މަބްރޫކް އެދިވަޑައިގަތެވެ. ބޭނުމަކީ، ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ތޮއްޖެހުން ބޮޑުނުކުރަން ކަމަށް ވިދާޅުވި އެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުން ޓެސްޓްކުރަނީ 14 ދުވަސް ހަމަވުމުން، 15 ވަނަ ދުވަހު އެވެ. އެއްދުވަހުގެ ތެރޭގައި ނަތީޖާ ލިބުމުން މިހާރު ކަރަންޓީނުގައި ގާތްގަނޑަކަށް 16 ދުވަސް ހޭދަވާނެ އެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ތިބި ގިނަ މީހުންނަކީ ރާއްޖެ އިން ބޭރުން އައި ދިވެހިންނެވެ. އެކި ގައުމުތަކުން އައި އެ މީހުން ކަރަންޓީންކުރީ ވައިރަސް އާއްމުންގެ ތެރެއަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ.

މި ވައިރަސް ހުރި 19 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު ހަތަރު ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. ބަލި ހުރިކަން އެނގުމުގެ ކުރިން އިޓަލީގެ ދެ މީހަކު ވަނީ ރާއްޖޭން ބޭރަށް ފުރައިފަ އެވެ. ޜާއްޖޭން ދެން މި ބަލި ޖެހުނު އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.

މިހާތަނަށް މުޅި ދުނިޔެ އިން މިލިއަނަކަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ އެ ވައިރަސްގެ ސަބަބުން ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.