Roadha Mihaaru
އާންމުންނަށް އެހީވާން ލިއޮނާޑޯ ހިއްސާވާ ފަންޑެއް

އާންމުންނަށް އެހީވާން ލިއޮނާޑޯ ޑި ކެޕްރިއޯ ހިއްސާވާ ފަންޑެއް

05 އެޕްރީލް 2020

ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ކުރިތިވަމުންދާ ދަތިތަކަށް އެހީވުމުގެ ގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޮ ޑި ކެޕްރިއާ ހިއްސާވެގެން އުފެއްދި އެމެރިކާސް ފުޑް ފަންޑަށް ބޮޑެތި އެހީތަކެއް ލިބެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ކުރިތިވަމުންދާ ދަތިތަކަށް އެހީވުމުގެ ގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޮ ޑި ކެޕްރިއާ ހިއްސާވެގެން އުފެއްދި އެމެރިކާސް ފުޑް ފަންޑަށް ބޮޑެތި އެހީތަކެއް ލިބެން ފަށައިފި އެވެ.

ހައިރާތަށް މަސައްކަތްކުރާ ލޯރީން ޕަވަލް ޖޮބްސްއާ ގުޅިގެން "ޓައިޓޭނިކް" ގެ ތަރި ލޯންޗްކުރި ފަންޑަށް މިހާތަނަށް 12 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އެމެރިކާސް ފުޑް ފަންޑުން މައިގަނޑު ގޮތެއްގައި އެހީ ފޯރުކޮށް ދެނީ ކޮވިޑް-19އާ ހެދި ކާބޯތަކެތި ލިބުން ދަތިވެފައިވާ އާއިލާތަކާއި އުމުރުން ދުވަސްވީ މީހުންނާއި ވަޒީފާ ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އިތުރުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ސްކޫލްތަކުގެ ދަރިވަރުންނަށެވެ.

މި ފަންޑަށް މަޝްހޫރު ކުންފުނިތައް ކަމަށްވާ އެޕަލް އިން ފޯޑުން ވެސް އެހީވަމުން އަންނަ އިރު، ފަންޑްގެ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ވަނީ ބަނޑުހައިހޫނުކަމާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ ދެ ޖަމިއްޔާއެއް ކަމަށްވާ ފީޑިން އެމެރިކާ އާއި ވޯލްޑް ސެންޓްރަލް ކިޗަންއާ ގުޅިގެންނެވެ.

ލިއޮނާޑޯ ބުނިގޮތުގައި ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި އެ ދެ ޖަމިއްޔާ އިން އެހީ ފޯރުކޮށް ދިނުމުގައި ކުރީ ސަފުގައި ކުރާ މަސައްކަތްތަކަކީ ނަމޫނާއެކެވެ.

"އަހަރެން ވަރަށް އުފާކުރަން ފީޑިން އެމެރިކާ އާއި ވޯލްޑް ސެންޓްރަލް ކިޗަންއާ ގުޅިގެން އިންސާނިއްޔަތަށް މަސައްކަތްކުރެވޭތީ،" އޭނާ ބުންޏެވެ.

އެމެރިކާސް ފުޑް ފަންޑަށް ބުރާސްފަތި ދުވަހު މަޝްހޫރު ސެލެބްރިޓީ އޯޕްރާ ވިންފްރޭ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ އެމެރިކާ އަކީ ކޮވިޑް-19 ގެ ހާލަތު މިހާރު އެންމެ ގޯސް އެއް ގައުމެވެ. އެގޮތުން އެ ބަލީގައި މިހާތަނަށް އެ ގައުމުން 12،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު 277،000 އަށް ވުރެ ގިނަ އެވެ.