Roadha Mihaaru
ކޮވިޑްގެ ސީރިއަސް ހާލަތަކަށް ޓްރީޓޮޕް އޮތީ ތައްޔާރަށް

ކޮވިޑްގެ ސީރިއަސް ހާލަތަކަށް ޓްރީޓޮޕް އޮތީ ތައްޔާރަށް

05 އެޕްރީލް 2020

ކޮވިޑް-19 ގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލް އޮތީ ތައްޔާރަށް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލް އޮތީ ތައްޔާރަށް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އެ ބައްޔާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރަން ޖެހިއްޖެ ހާލަތަކަށް އެތަން މިހާރު ހުރީ ލިބޭ ގޮތަށް ކަމަށެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ހުޅުމާލޭގައި ހުޅުވި ހޮސްޕިޓަލުގައި، ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާދޭކަށް އަދި ނުފަށަ އެވެ.

ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އަދި ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ކޮވިޑް-19ގެ ހައި ރިސްކު މީހުންނަށް ފަރުވާދޭން ހަމަޖައްސާފައި ވަނީ ފަރުކޮޅުފުށީގަ އެވެ.

ރާއްޖެއިން މިހާތަނަށް އެ ބަލީގެ 19 މީހަކު ފެނިފައި ވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅު ވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ދިވެއްސަކަށެވެ. ބާކީ ތިބި ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ.

ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ބަދަލުކުރާނީ ހާލު ސީރިއަސްވާ މީހުންނެވެ. މީގެ ކުރިން ވެސް، ކޮވިޑް-19 ގައި ހާލު ސީރިއަސްވި ބައެއް މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދީފައި ވެ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި އަދި ފަރުވާއެއް ހޯދިފައިނުވާ ބަލީގައި ސީރިއަސްވާ މީހުން ފަރުވާދޭން ގެންދާނީ، ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށެވެ. ޓްރީޓޮޕަށް ގެންދާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އެނދުތައް ފުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ކުރަން ކަމަށެވެ. އެތަނުގައި ހުރީ އެއްފަހަރާ 10 މީހަކަށް ފަރުވާ ދެވޭނެ އިންތިޒާމެވެ.

ސަރުކާރުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ވަގުތީ ހޮސްޕިޓަލެއް ވެސް ހަދަމުންނެވެ. "ކޮވިޑް-19 ވިލެޖު" ނަމުގައި ތަރައްގީކުރާ ތަން ހެދުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެމްއެންޑީއެފެވެ. އޭގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކެއް ބައިވެރިވެ އެވެ.

މަބްރޫކް ވިދާޅުވިގޮތުގައި އެ ތަނުގައި ހަދާ ފެސިލިޓީގައި ބޭނުންކުރަން މި ހަފުތާގައި 65 ވެންޓިލޭޓަރު ލިބޭނެ ކަމަށެވެ. މި މަހުގެ 15 ގެ ކުރިން އެ ތަން ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.