Roadha Mihaaru
ހާލުބޮޑު 3 މީހުން ބަދަލުކުރީ އެއްބަސްވުން ބާތިލްވުމުން

ހާލު ބޮޑު ތިން މީހުން ދަރުމަވަންތަ އަށް ބަދަލުކުރީ އެއްބަސްވުން ބާތިލްވުމުން

30 ޖޫން 2020

ކޮވިޑް-19 ގައި ހާލު ބޮޑުވި ތިން މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ރޭ ބަދަލުކުރީ، ޓްރީ ޓޮޕާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްވުމުންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގައި ހާލު ބޮޑުވި ތިން މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ރޭ ބަދަލުކުރީ، ޓްރީ ޓޮޕާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްވުމުންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނިގޮތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ތިން މީހަކު ވަނީ ރޭ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އެ މީހުންގެ ހާލު ސީރިއަސް ކަމަށާއި އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ރޭ ބުންޏެވެ.

އެތަނުން އެކަކު ވަނީ މިއަދު މެންދުރު މަރުވެފަ އެވެ.

ޕިލިޕީންސް އަށް ނިސްބަތްވާ 43 އަހަރުގެ އެ ފިރިހެން މީހާ ކޮވިިޑް-19 އަށް ޕޮޒިޓިވްވީ މި މަހުގެ 15 ގަ އެވެ.

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރާ އެކު ޓްރީ ޓޮޕުން ތިން މަހުގެ އެގްރިމެންޓެއް ހަދާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ސަރުކާރުން ބޭނުން ވެގެން އެ އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ މަތީ ފެންވަރުގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުން ދިޔަ މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ އެވެ.

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ޓްރީ ޓޮޕް ހާއްސަކުރުމުން އެ ހޮސްޕިޓަލުން ވަނީ އެހެން ހިދުމަތްތައް ދިނުން މެދުކަނޑާލައިފަ އެވެ. ނަމަވެސް މާދަމާ އިން ފެށިގެން އާއްމު ހާލަތަށް ބަދަލުވާނެ ކަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޯޕީޑީ އާއި ފްލޫ ކްލިނިކް އަދި ޓެލެމެޑިސިން ކޮންސަލްޓޭޝަންގެ ހިދުމަތް މާދަމާ އިން ފެށިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ލިބޭނެ ކަމަށެވެ. އީއާރުގެ ހިދުމަތްތައް ފަށަން ހަމަޖައްސާފައި ވަނީ އަންނަ ބުރާސްފަތި ދުވަހެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑޭވިޑް ފެއިންބާގް ވިދާޅުވީ ސަރުކާރަށް ހޮސްޕިޓަލް ހަވާލުކޮށްފައި ވަނީ ތިން މަސް ދުވަހަށް ކަމަށްވާ އިރު އެ މުއްދަތުގައި ކުރާ ހަރަދުތަކުގެ ބޮޑު ބައި ނަގާނީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ކަމަށެވެ. އެގޮތުން ކޮންމެ މަހަކު 20 މިލިއަން ރުފިޔާ މެނޭޖްމަންޓުން ހަރަދުކުރާނެ ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.