ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ނުގެނެވި ލަސްވަނީ އެ ގައުމުން ދޭން ޖެހޭ ހުއްދަތަކެއް ނުލިބި ލަސްވާތީ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ. ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން އެ ގައުމު އޮތީ ލޮކްޑައުން ކޮށްފަ އެވެ.
05 އެޕްރީލް 2020
ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ނުގެނެވި ލަސްވަނީ އެ ގައުމުން ދޭން ޖެހޭ ހުއްދަތަކެއް ނުލިބި ލަސްވާތީ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ. ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން އެ ގައުމު އޮތީ ލޮކްޑައުން ކޮށްފަ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަންގްލަދޭޝް ލޮކްޑައުން ކުރި އިރު އެ ގައުމުގައި 41 ދިވެހިން ތިއްބެވެ. ގިނައީ އެ ގައުމުގެ ވެރި ރަށް ޑާކާ އަދި ޗިޓަގޮންގް ސިޓީގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނެވެ.
ބަންގްލަދޭޝް ލޮކްޑައުން ކުރުމުން އެ ގައުމުގެ އެތެރޭގެ ދަތުރުތަކާއި ކޮމާޝަލް ފްލައިޓުތައް ދުއްވުން ވަނީ ހުއްޓާލައިފަ އެވެ. އަދި އަންނަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ ކޮމާޝަލް ފްލައިޓެއް އެ ގައުމަށް ނުދެވޭނެ ކަމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ޗާޓާ ފްލައިޓެއް ހަމަޖެއްސުމުން، އެ ގައުމެއްގެ ރައްޔިތުންނަށް އަނބުރާ ދެވޭނެ ގޮތް ހަމަޖައްސަން ހުއްދަ ދޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޖަޕާނާއި އެމެރިކާ އިން ވަނީ، ޗާޓާ ފްލައިޓު ފޮނުވައިގެން ބަންގްލަދޭޝްގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންގޮސްފަ އެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު މިއުވާން "މިހާރު" އަށް ވިދާޅުވީ، ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ގެންނަން އެ ގައުމުގެ ސަރުކާރާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެ ގައުމުގައި ތިބި ދިވެހިންގެ ކަންބޮޑުވުންތައް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝް އަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ދަތުރުކުރަމުން އައި ގައުމެއް ކަމަށް ވާތީ ދަތުރުގެ ކަންތައް ހަމަޖައްސަން ފަސޭހަ ވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
"ބަންގްލަދޭޝް އަކީ މޯލްޑިވިއަން އިން އާންމުކޮށް ދަތުރުކުރާ ގައުމެއް. ހުއްދަ ލިބުނުހާ އަވަހަކަށް ދިވެހިން އަނބުރާ ގެންނާނަން،" މިއުވާން ވިދާޅުވި އެވެ.
ޗިޓަގޮންގް ސިޓީގައި ހުންނަ ޗޮއްތޮގްރާމް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދިވެހި ދަރިވަރަކު ބުނީ، ބަންގްލަދޭޝްގައި ތިބި ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑަށް ޓެސްޓުކުރާނެ ކިޓް އެކަށީގެންވާ ވަރަށް އެ ގައުމުގައި ނެތުން ކަމަށެވެ. އަދި ޓެސްޓު ކުރެވެނީ އެންމެ ހަ ސެންޓަރެއްގައި ކަމަށް ވާތީ ބަލި ޖެހިފައި ތިބި މީހުންގެ ހަގީގީ އަދަދު ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެހެންވެ އެންމެން ވެސް ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.
"ކާ އެއްޗެހި މިވަގުތު އެބަހުރި. އެކަމަކު ހުސްވީމަ ގަންނަން ނިކުންނަން ޖެހޭނެ، އެ ތަކެއްޗަށް އަރައިގަނެފާނެ ކަމުގެ ބިރު ބޮޑު،" ދަރިވަރު ބުންޏެވެ.
ލޮކްޑައުންއާ އެކު ސްކޫލްތަކާއި ކޮލެޖްތަކުގެ އިތުރުން ސަރުކާރު އޮފީސްތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ލޮކްޑައުން ނިމޭނީ އަންނަ ހޮނިހިރު ދުވަހެވެ.
ބަންގްލަދޭޝް އިން ކޮވިޑް-19 އަށް 60 ވަރަކަށް މީހުން ޕޮޒިޓިވްވެފައި ވާ އިރު، 19 މީހުން ވަނީ މަރުވެފަ އެވެ. ރޯގާ އާއި ހުމުގެ އަލާމާތްތައް ހުރި މީހުން، ހޮސްޕިޓަލުތަކަށް ވައްދަނީ އެ ބައްޔަށް ޓެސްޓުކުރުމަށް ފަހު ނެގަޓިވް ވުމުންނެވެ. ޕޮޒިޓިވް ވެއްޖެ ނަމަ، ފަރުވާ ކުރަން ހާއްސަ ސެންޓަރުތަކަށް ގެންދެ އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ޓެސްޓުކުރުމުގެ ވަސީލަތްތައް ނެތުމުން، ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަރުވާ ނުލިބެނީސް މަރުވަމުންދާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
ޗައިނާ އަށް އުފަން މި ބައްޔަށް، މުޅި ދުނިޔޭގެ 1.2 މިލިއަން މީހުން މިހާރު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 247،302 މީހުން ރަނގަޅުވެފައިވާ އިރު، 64،788 މީހުން ވަނީ މަރުވެފަ އެވެ.
ބަންގާޅުގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ
ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި
ބަންގްލަދޭޝްގެ ހާލަތު ގޯސްވާތީ ސަމާލުވާން އެދިއްޖެ
ބަންގްލަދޭޝްގެ ހަމަނުޖެހުމުގައި ދިވެއްސަކަށް އަނިޔާއެއް ނުވޭ
ފަޒީލް ހިމެނޭހޭން 3 ގައުމެއްގެ ސަފީރުންނަށް ރުހުންދީފި
މަރުވި މީހުންގެ ހަށިގަނޑު ގައުމުތަކަށް ފޮނުވާލަނީ
ބަންގްލަދޭޝްގެ 3،300 އަށްވުރެ ގިނަ މީހުން ގައުމަށް
ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފޮނުވާލައިފި
ބަންގްލަދޭޝްގެ 1،000 މީހުން މިހާތަނަށް ފޮނުވާލައިފި
300 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ފޮނުވާލައިފި