Roadha Mihaaru
ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި

ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި

31 އޯގަސްޓް 2024

ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި އެވެ.

ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުންދާ ދަރިވަރަކު، "މިހާރު" އަށް ކިޔައިދިން ގޮތުގައި އިއްޔެ ހަވީރު ޑިއުޓީގައި ތިބި ދެ އަންހެން ޑޮކްޓަރުންނަށް ހަމަލާދީފައި ވަނީ ހާޓް އެޓޭކެއް ޖެހުނު ޕޭޝަންޓަކަށް ނުބައި އިންޖެކްޝަނެއް ދީގެން މަރާލީ ކަމަށް ބުނެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި އެމީހުންގެ ޝިފްޓް ހަވީރު 3:00 ހާއިރު ފެށުނު ފަހުން އެއްވެސް އިންޖެކްޝަނެއް އެމީހާއަށް ދީފައެއް ނުވެ އެވެ.

މިހާދިސާ ހިނގީ ވޯޑުގައި އޮތް އެ މީހާ މަރުވުމުން، އޭނާގެ މަރުގެ ސެޓްފިކެޓް ތައްޔާރުކުރުމަށް އައިޑީ ކާޑު ނަގަން އާއިލާގެ ގާތަށް ދިޔަ ވަގުތު އެވެ.

އެތަނުން އެއް ޑޮކްޓަރުގެ ކޮނޑަށް ހަމަލާދީ, އަނެއް ޑޮކްޓަރުގެ އަތަށް ދަމައި ވަރަށް ހަޑި ހުތުރު ބަހުން އެމީހުން ވާހަކަ ދެއްކި ކަމަށް އެނގިފައިވެ އެވެ.

އެ ވަގުތު ހޮސްޕިޓަލުގައި ތިބި ބައެއް ސީނިއާ މީހުން ވަނީ އެ ދެ ޑޮކްޓަރުންގެ ސަލާމަތްކުރަން އެމީހުން ސްޓޯ ރޫމަށް ގެންގޮސްފަ އެވެ. އެތަނުގައި އެމީހުން ދެ ގަޑިއިރެއް ހާއިރު ވަންދެން ތިބި ކަމަށްވެ އެވެ.

މި ހާދިސާ ހިނގިއިރު އެ ހޮސްޕިޓަލުގެ ސެކިއުރިޓީ މީހުން ތިބީ ހަޅުތާލެއްގަ އެވެ. އެހެންވެ، މި ދުވަސްވަރު ހޮސްޕިޓަލުގެ ސެކިއުރިޓީ ބަލާނެ ބަޔަކު ނެތުމުން، ދިވެހި ދަރިވަރުން ވަނީ މާދަމާ ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލުކުރަން ނިންމާފައި ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީން ވެސް ވަނީ ސެކިއުރިޓީ ހަމަޖައްސައިދޭން ރަސްމީކޮށް އެދިފަ އެވެ.